ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލޭގެ ބިން ކަފާލައިގެން ވިއްކުމުގެ އިހްތިޔާރެއް ރައީސަކަށް ނޯންނާނެ: ރައީސް ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލެ މަޝްރޫއަކީ ދިވެހި ޒުވާނުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެކުލަވާލާފައިވާ މަޝްރޫއެއް ކަމަށާއި، ރައްޔިތުންގެ ފައިސާއިން ހިއްކާ އެ ބިމުން ބޮޑު ބައެއް ކަފާލައިގެން ބޭރު ބަޔަކަށް ވިއްކުމުގެ އެއްވެސް އިހްތިޔާރެއް ރައީސުލްޖުމްހޫރިއްޔާއަށް ނޯންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ 2030 ވަނަ އަހަރާ ހަމައަށް ދާއިރު 18 އަހަރު ފުރޭ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް އެމަނިކުފާނުގެ ޒައާމަތުގައި މެނިފެސްޓޯގައި ހިމަނައިގެން ކުރިއަށްގެންދަން ނިންމި މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫއުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަލަމުން އެންމެ ދެލިތިއްކެއްހާ މިންވަރުވެސް ޖައްސަވާފައި ނޯންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގައި އެމްޓީސީސީއަށް މަހާޖައްރާފު ގެނެސްގެން ބިން ހިއްކަން ފެށީ ދިވެހިރާއްޖޭގެ އާބާދީ އިތުރުވަމުންދާތީ، ދިވެހި ޒުވާނުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މާތް މަގްސަދުގައެވެ. ނަމަވެސް، މިއަދު ފެންނަނީ ރަސްމާލެއިން ގާތްގަނޑަކަށް 500 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ބޭރުގެ ވިޔަފާރިވެރިންނަށާއި، ޒަޔަނިސްޓު ނުފޫޒު އޮތް ފަރާތްތަކަށް ދޫކޮށްލަން އުޅޭ މަންޒަރު ކަމަށާއި، މިއީ މިއަދުގެ އަގުން ބަލާނަމަ 400 އާއި 500 ބިލިއަން ރުފިޔާއާ ދެމެދުގެ އަގުހުރި ދިވެހި ރައްޔިތުންގެ މުދަލެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ ފަސްގަނޑުގައި ޣައިރު ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުން ވަޒަންވެރިކުރުވުމަކީ ދިވެހި ރައްޔިތުން ދުވަހަކުވެސް ގަބޫލުކުރާނެ ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ގާނޫނުއަސާސީއާ ހިލާފަށް އެފަދަ ބަޔަކަށް ބިން ދީފިނަމަ، އެއްވެސް ބަދަލެއް ދިނުމަކާ ނުލައި އެ ބިންތައް އަނބުރާ ދައުލަތަށް ނަގާނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާއަކަށް ވިޔަސް ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ހުންނާނެ ކަމަށާއި، ރައްޔިތުންގެ އެންމެ މަތީ މަސްލަހަތާ ގުޅިފައިވާ މިފަދަ ބޮޑެތި ކަންކަން އަމިއްލަފުޅަށް ނިންމެވުމުގެ އިހްތިޔާރެއް ރައީސަކަށް ނޯންނާނެ ކަމަށް ވިދާޅުވެ، ރަސްމާލެއިން ބިން ވިއްކުމުގެ ސިޔާސަތު ވަގުތުން ހުއްޓާލުމަށް ރައީސް ޔާމީން ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: