ދިވެހިރާއްޖެއިން ދެކުނު އެފްރިކާއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ހައިކޮމިޝަނަރ ޑރ. ހާލާ ހަމީދު، ސަފީރުކަމުގެ ފަތްކޮޅު ދެކުނު އެފްރިކާގެ މަޓަމޭލާ ސައިރިލް ރާމަފޯސާއަށް މިއަދު އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ ސައުތު އެފްރިކާގެ ޕްރިޓޯރިއާގައި ހުންނަ ސެފަކޯ މަކްގާތޯ ޕްރެޒިޑެންޝަލް ގެސްޓްހައުސްގައެވެ.
މި ރަސްމިއްޔާތުގައި ހައިކޮމިޝަނަރު ހާލާ ވަނީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން، ދެކުނު އެފްރިކާގެ ރައީސް ރާމަފޯސާއަށް ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރައްވާފައެވެ. އަދި އެމަނިކުފާނަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ދެކުނު އެފްރިކާގެ ރައްޔިތުންނަށް ދެމިގެންވާ އަމާންކަމާއި ތަނަވަސްކަމަށް އެދިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.
ހާލާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ދެކުނު އެފްރިކާ ދެމެދު އޮތް ގާތް އަދި ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ފާހަގަކުރެއްވިއެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި ދެކުނު އެފްރިކާ ސަރުކާރާއެކު ގާތުން މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވަނީ ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި ހާލާގެ އަރިހުގައި، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާއު ބައިވެރިވެވަޑައިގެންނެވިއެވެ.
ހާލާ ދެކުނު އެފްރިކާގެ ނޮން-ރެސިޑެންޓް ހައިކޮމިޝަނަރުގެ މަގާމު އަދާކުރައްވާނީ ރާއްޖޭގައި ހުންނަވައިގެންނެވެ.

