ރައްޔިތުންގެ އަބުރު ރައްކާތެރިކޮށްދިނުމަކީ ގައުމުގެ ވެރިއެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށާއި އަދި އެކަން ނުކުރެވިއްޖެނަމަ މުޖުތަމައުގެ ހަމަޖެހުން ގެއްލިގެންދާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.
އަބުރު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސްގައި ވާހަކަ ސަލީމް ވަނީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުން އަބުރު ރައްކާތެރިކުރުމުގެ ޤާނޫނެއް ފާސްކުރި ނަމަވެސް އެމްޑީޕީގެ ސަރުކާރުން އެ ޤާނޫނު އުވާލިކަމަށާއި މިއަދު އަނެއްކާ ވެސް މީހުންގެ އަބުރު ރައްކާތެރިކުރުމަށް ޤާނޫނެއް ކޮންމެހެން ގެންނަން ޖެހިފައިވާކަމަށެވެ.
ކޮންމެ މީހެއްގެ ވެސް އަބުރެއް އޮންނާނެ ކަމަށާއި އެހެން މީހުންގެ އަބުރު ކަތިލާ މީހާގެ ވެސް އަބުރެއް އޮންނާނެ ކަމަށާއި ނަމަވެސް މިހާރަކަށް އައިސް ހިތަށް އެރިހާ އެއްޗެއް ކިޔައި، މީހުންގެ ބޮލުގައި ބޮޑެތި ބަދުނާމުތައް އަޅުވަމުންދާއިރު، މިފަދަ ކަންކަން މަޖިލީހުގެ ތެރޭގައި ވެސް ތަކުރާރުވަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ މިއާއިއެކު ދުލެއް އޮތް ކަމަށްޓަކައި ހިތަށް އެރިހާ ވާހަކައެއް ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް ސަލީމް ވިދާޅުވި އެވެ.
އިސްލާމްދީނުގައި ޙިމާޔަތްކުރުން ވާޖިބުކުރައްވާފައިވާ މައިގަނޑު ފަސް ކަންތަކުގެ ތެރޭގައި އަބުރު ހިމެނޭކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، ރައްޔިތުންގެ އަބުރު ރައްކާތެރިކޮށްދިނުމަކީ ޤައުމުގެ ވެރިއެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށެވެ. އަދި އެކަން ނުކުރެވިއްޖެނަމަ މުޖުތަމަޢުގެ ހަމަޖެހުން ގެއްލިގެންދާނެ ކަމަށް ވިދާޅުވިއެވެ.
އިސްލާމްދީނުގައި ހިމާޔަތްކޮށްފައިވާ 5 ކަމެއް އޮންނާނެ. އެ 5 ކަމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމު ކަމެއް އެ 5 ކަންތައް ހިމާޔަތްކުރުން އެއީ. އޭގެ ތެރެއިން އެއްކަމަކީ އަބުރު. އަބުރު ރައްކާތެރިކުރުމަކީ ގައުމުގެ ވެރިއަކަށް ހުންނަ މީހެއްގެ މައްޗަށް ލާޒިމު ކަމެއް. އެހެންނޫނީ އަޅުގަނޑުމެންނަށް ދުވަހަކުވެސް މިގައުމުގައި މަގުމަތީގައި ރީއްޗަށް ހިނގާލައިގެން އުޅެވޭނެތަނެއް ނާންނާނެ
މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންނަށް ނަމޫނާ ބަޔަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވަމުން ސަލީމް ވަނީ މަޖިލީހުގެ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިފައި އޮތް ނަމަވެސް އެހެން މީހުންގެ އަބުރު ކަތިލުމުގެ ޙައްޤެއް އެއްވެސް މެންބަރަކަށް ނޯންނާނެކަން ފާހަގަކުރައްވާފަ އެވެ. މީހަކު ޚަބަރެއް ހިފައިގެން އަންނަ އިރު އޭގެ ތެދު ދޮގު ބަލަންޖެހޭނެކަމަށާއި އެގޮތުން މިދޭތެރެއިންވެސް މީހަކު ކަޅު ދަބަހެއް ހިފައިގެން މަޖިލީހަށް އައިސްގެންވެސް އޭގައި އެމިހެއްގެ ބޮލުގައި ބޮޑު ބަދުނާމެއް އަޅުވައިގެން ވާހަަކަތަކެއް ދެއްކިކަމަށާއި ކަމެއްގެ ދޮގު ނުބަލާ މީހުންގެ އިއްޒަތާއި ކަރާމާތައް އަރައިގަތުމަކީ ކޮންގެން ވާނެކަމައް ނޫންކަމަށް މެމްބަރު ވިދާޅުވިއެވެ.
މިދޭތެރެއިން އަޅުގަނޑުމެންގެ ތެރެއިން މީހަކު ދަބަހެއް ހިފައިގެން އައިސްގެންވެސް އެވާހަކަވެސް އޭގެ ބޮޑު ބަދުނާމެއް އަޅުވައިގެން ދެއްކިގެން ދިޔަ. އޭގެ ތެދު ބަހެއް ރަނގަޅު ބަހެއް އޭގެ ހަޤީގަތެއް ނުބަލަ ހަމަ މީހުންގެ އަބުރާ އިއްޒަތާ ކަރާމަތަށް އަރައިގަންނަނީ
އަދި ސިޓިންގ ރޫމްތަކުގައި ޢާއިލާތަކާއި ކުޑަކުދިން މަޖިލިސް ބަލަން ތިބޭއިރު، މެންބަރުން ދައްކާ ނުރަނގަޅު ވާހަކަތަކުގެ ސަބަބުން މުޖުތަމަޢުގެ އަޚްލާޤަށް ނޭދެވޭ އަސަރުކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މީހުންގެ އަބުރަށް އަރައިގަތުމަކީ ދީނުގައި އޮތް އެންމެ ބޮޑު އެއް ފާފަ ކަމަށްވާތީ، މިކަމަށް ޤާނޫނީ ހައްލެއް ބޭނުންވާކަމަށް ސަލީމް ވިދާޅުވިއެވެ.
އަބުރު ރައްކާތެރިކުރުމުގެ ބިލު މަޖިލީހުން ބަލައިގަނެފައިވާއިރު އެބިލަށް ފެންނަ ކަމަށް ވޯޓް ދެއްވީ 44 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް ހަތަރު މެންބަރަކު ވޯޓު ދެއްވިއިރު ވަކިގޮތަކަށް ވޯޓް ދޭން ބޭނުންނުވީ ހަތް މެންބަރުންނެވެ.

