އުމުރުން 75 އަހަރުން މަތީގެ މީހުންނަށް ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނުތައް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަމާ ބެހޭ މުއައްސަަސާތަކުގައި އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވަން އެމަނިކުފާނު ކުރިއަށް ގެންދަވާ ”ރައްޔިތުންގެ އަޑު“ ޕްރޮގްރާމުގައި މީހަކު ފާޅުކުރި ކަންބޮޑުވުމަކާ ގުޅިގެންނެވެ.
އެ މީހާ ބުނެފައިވަނީ، އަމިއްލަ ބިމުގައި ގެދޮރު އިމާރާތްކުރުމަށް ލޯނެއް ހޯދުމަށް މަސައްކަތްކުރިއިރު، ބޭންކުތަކުން ކަނޑައަޅާފައިވާ އުމުރުން 60 އަހަރުގެ ލިމިޓަށް ވުރެ އޭނާގެ އުމުރު މަތިވެފައިވާތީ ލޯނު ލިބޭގޮތް ނުވި ކަމަށާއި ދަރީންގެ ތައުލީމާއި އެހެނިހެން ކަންކަމަށް މިހާރު ވެސް ލޯނު ނަގާފައިވާތީ، ދަރިންގެ ނަމުގައި ލޯނު ނެގެން ވެސް ނެތް ކަމަށެވެ.
ލޯނު އަނބުރާ ނުދެއްކިއްޖެ ހާލަތެއްގައި އިމާރާތް ބޭންކަށް ނެގޭނެ އުސޫލެއްގެ ތެރެއިން ނަމަވެސް 60 އަހަރުން މަތީގެ މީހުންނަށް ލޯނު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށް އެ މީހާ ވަނީ އެދިފައެވެ.
އެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ފަހު، ރައީސް ފާހަގަކުރެއްވީ، ދިވެހީންގެ އެވްރެޖް އުމުރު މިހާރު ކުރިއަށް ވުރެ މައްޗަށް ގޮސްފައިވާ ކަމެވެ. އެގޮތުން ދިވެހީންގެ އެވްރެޖް އުމުރު ގާތްގަނޑަކަށް 80 އަހަރަށް އަރާއިރު، ބީއެމްއެލްއިން އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ލޯނު ދޫނުކުރާ އުސޫލަކީ މިހާރު އެންމެ އެކަށީގެންވާ އުސޫލެއް ނޫން ކަމަށް ވިދާޅުވިއެވެ.
60 އަހަރަކީ މިހާރު ރަނގަޅު މިންގަނޑެއް ކަމަށް ނުބެލެވޭތީ، އެ ލިމިޓް 75 އަހަރަށް ނުވަތަ އެއަށް ވުރެ މައްޗަށް ބަދަލުކޮށްދިނުމަށް ބީއެމްއެލް އާއި ފިނޭންސް މިނިސްޓްރީއަށް އަންގަވާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އަޅުގަނޑު ދެންނެވިން ބެންކުގައި އެއަށް ބަދަލެއް ގެނެސްދޭށޭ. ކަމާބެހޭ ވުޒާރާގައި، ފިނޭންސް މިނިސްޓްރީގައި ދަންނަވާފައިވާނެ. އަޅުގަނޑު އެދިފައި އޮންނާނީ 75 އަހަރާ ހަމައަށް ނޫނީ އެއަށް ވުރެވެސް މައްޗަށް އޭޖް ލިމިޓް،“ ރައީސް
އޭގެ އިތުރުން ހަނި މަގުތަކާއި ގޯޅިތަކުގައި ޕާކުކުރާ ގޮތުގެ ސަބަބުން އާންމު ރައްޔިތުންނަށް ހިނގާބިނގާވެ އުޅެން ދަތިވާ މައްސަލަ ވެސް އެ މީހާ ފާހަގަކުރިއިރު، އެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ ދެއްވައިފައެވެ.

