ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ކޮންމެ ކަމެއްވެސް ކުރިއަށް ގެންދާނީ އަންނަން އޮތް ޖީލުތަކަށް އޭގެ ފައިދާއާއި ލާބަ ލިބޭނެ ގޮތަކަށް ކަމަށާއި، 2027 ވަނަ އަހަރަށް ހުށަހެޅިފައިވާ ބަޖެޓަކީ ރައްޔިތުންގެ ކުރިމަގަށް އޮތް އުންމީދެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު ވިދާޅުވެއްޖެއެވެ.
ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން މުފީދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ކަންކަން ނުކުރެވޭނެ ވާހަކަ ދެއްކި ނަމަވެސް، 2027 ވަނަ އަހަރުގެ ބަޖެޓަކީ ވަކި ރަށެއް އަދި ވަކި އަތޮޅެއް ބާކީ ނުކޮށް، އެންމެހާ ރައްޔިތުން ޝާމިލުވާނެހެން އެކުލަވާލެވިފައިވާ ފޮނި އުންމީދުތަކެއް ގެނެސްދޭނެ ބަޖެޓެއް ކަމަށެވެ. އަދި މިއީ އެ އުންމީދުތައް ޙާޞިލުކުރުމަށް ސަރުކާރުން ގަދައަޅައި މަސައްކަތްކުރާނެ ބަޖެޓެއްކަމަށް މެންބަރު ފާހަގަކުރެއްވިއެވެ.
”ވާދަވެރިން ކަންކަން ނުކުރެވޭނެ ވާހަކަ ދައްކަވާއިރު އަޅުގަނޑު ހިތަށް އަރަނީ 2027 ވަނަ އަހަރުގެ ބަޖެޓަކީ ވަރަށް އުންމީދީ ފޮނި އުންމީދުތަކެއް ކުރުވާނެ އަދި އެކަންކަން އަޅުގަނޑުމެން ހާސިލުކުރުމަށް ދަގައަޅާ މަސައްކަތްކުރާނެ ބަޖެޓެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަވަނީ“ މުފީދު ވިދާޅުވިއެވެ.
ބަޖެޓުގެ އެކިއެކި ދާއިރާތަކަށް އަލިއަޅުއްވާލައްވަމުން މުފީދު ވިދާޅުވީ، ސިއްޙީ ދާއިރާއަށް 10.5 ބިލިއަން ރުފިޔާ އަދި އިޖުތިމާޢީ ރައްކާތެރިކަމަށް 4.0 ބިލިއަން ރުފިޔާ ކަނޑައަޅާފައިވުމަކީ ކުޑަ އަދަދެއް ނޫން ކަމަށެވެ. މީގެ އިތުރުން އެކަނިވެރި މައިންނާއި ބަފައިންނަށް 213 މިލިއަން ރުފިޔާ އަދި 65 އަހަރުން މަތީގެ މީހުންގެ އެލަވަންސަށް އެއްހާސް ހަސަތޭކަ ސާޅީސް ދެ މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އިޤްތިޞާދީ އަދި ސިނާޢީ ކުރިއެރުމަށް 9.6 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، މަސްވެރިކަމުގެ ދާއިރާއަށް 657 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަމަށް މުފީދު ވިދާޅުވިއެވެ. އަދި ނިމިދިޔަ ދައުރުގައި މަސްވެރިކަން ވަޅުޖެހިފައި އޮތް ނަމަވެސް، މިހާރު މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ބަރާބަރަށް ކިރާ މަހަށް ފައިސާ ލިބެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ދަތުރުފަތުރާއި އަސާސީ ފަސޭހަތަކަށް 770 މިލިއަން ރުފިޔާ އަދި އިންޑައިރެކްޓް ސަބްސިޑީޒަށް 4.7 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މެމްބަރު ވަނީ މިއީ ރަނގަޅު ސިޔާސަތުތަކެއް ކަމަށާއި މިއީ ރައްޔިތުން ދެކެން ބޭނުންވާ އުންމީދުކަމަށް ތަކުރާރުކުރައްވާފައެވެ.
އުމްރާނީ ތަރައްޤީއަށް އިޝާރާތްކުރައްވަމުން މުފީދު ވިދާޅުވީ، ކުރިން އަޅާނުލެވި ވީރާނާވާން ދޫކޮށްލާފައި އޮތް ގްރޭޓަރ މާލެ ކަނެކްޓިވިޓީ، މާލެ-ތިލަފުށި ބްރިޖް މަޝްރޫޢަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިވެރިކަމުގައި 941 މިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށެވެ. މިއީ ދިވެހި ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީ، ޤައުމު އާރާސްތުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
”މިއީ އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ އުފާވެރިކަމަކީ. މިއީ އަޅުގަނޑުމެން މިގައުމު އާރާސްތުކުރުމަށް ބޭނުންވާ ލަނޑުދަނޑިއަކީ. އަޅުގަނޑުމެން މިގައުމުގައި ކުރާ ކޮންމެ ކަމެއް ކުރާނީ އަންނަންއޮތް ޖީލުތަކަށް އޭގެ ލާބަކުރަނިވި ގޮތަކަށް“ މުފީދު ވިދާޅުވިއެވެ.
މީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް 1.5 ބިލިއަން ރުފިޔާ، ގެދޮރު އިމާރާތްކުރުމުގައި ޖަމާޢަތުގެ ފައިދާއަށް ދެވޭ ޚިދުމަތަށް 3.0 ބިލިއަން ރުފިޔާ އަދި ހައުސިންގ ސްކީމް ފަންޑަށް 750 މިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން މެންބަރު ހާމަކުރެއްވިއެވެ.
އަދި ޤައުމުގެ ދިފާޢާއި އަމަންއަމާންކަން ދެމެހެއްޓުމަށް 8.2 ބިލިއަން ރުފިޔާ، އިޖުތިމާޢީ އަދި ދީނީ ޚިދުމަތްތަކަށް 6.7 ބިލިއަން ރުފިޔާގެ އިތުރުން ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްއަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މެމްބަރު މުފީދު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ޙަޤީޤަތާ އެއްގޮތަށް، ކަންކަން ޙާޞިލުކުރުމުގެ އިޚްލާޞްތެރި ނިޔަތުގައި ކަމަށާއި، މި ބަޖެޓުގެ ސަބަބުން ކުރިމަގުގައި ކަންކަން ތަރުތީބުވެގެންދާނެ މަގު ސާފުވެގެންދާނެ ކަމަށެވެ.

