ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި، ވަކިވަކި ފަރުދުންނާއި، ޢާއިލާތަކާއި ، ވިޔަފާރިތަކަށް އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެއެޅުމުގައި އަމަލު ކުރާނެ ގާނޫނީ އޮނިގަނޑެއް ގާއިމް ކުރެވިއްޖެއެވެ.
އެގޮތުން ދައުލަތް ހިންގުމުގެ ނިޒާމު މެދުކެނޑުމެއްނެތި ކުރިއަށްގެންދިޔުމަށް މަގުފަހިކުރުމަށްޓަކައި، ކަމާބެހޭ ޤާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކަށް މިހާރުން މިހާރަށް ކޮންމެހެން ގެންނަންޖެހޭ ވަގުތީ ބަދަލުތައް ގެނެސް، އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެއް ރައްޔިތުންގެ މަޖިލީޙުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ތަސްދީގް ކުރައްވައި މިވަނީ އަމަލު ކުރަން ފަށާފައެވެ. ސުވާލަކީ ކޮވިޑް19 އާއި އެކު ވުޖޫދު ކުރެވުނު ވަގުތީ ގާނޫނު ކޮވިޑް ނިމި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ކުރިން ތަންފީޒް ކުރެވޭނެތޯއެވެ.؟ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020ގެ ދަށުން ރައްޔިތުންނަށް ލިބިދޭން ޖެހޭ ހައްގުތައް ލިބޭނެތޯއެވެ.؟
ގާނޫނުގެ މަގުސަދަކީ ކޮވިޑް -19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ޒަރޫރީ ބޭނުންތައް ފުއްދުމަށް ދަތިވެފައިވާ ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ކޮވިޑް -19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުން ބޯހިޔާވަހިކަން ގެއްލިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހޯދައިދިނުމާއި، ކޮވިޑް -19 އާ ގުޅިގެން ދިވެހިރާއްޖޭގައި މެދުވެރިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި އެއްވެސް ފަރާތެއް މަގުމަތިވިޔަ ނުދިނުމަށްޓަކައި ޤާނޫނުން ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ވެސް ސިއްހީ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގެ މަގުސަދެކެވެ.

މީގެއިތުރުން ކޮވިޑް -19 އާ ގުޅިގެން ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ހުރަސްއެޅިފައިވާ ފަރާތްތަކަށް ޚާއްޞަ ޗުއްޓީ ހަމަޖައްސައިދިނުމާއި، ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި މެނުވީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާގެ ޙާލަތަށް ބަދަލުގެނައުން ހުއްދަނުވާނެ ކަމުގައި ކަނޑައެޅުމަކީވެސް ގާނޫނުގެ މަގުސަދެކެވެ.
ވަޒީފާއާގުޅޭ ޚާއްޞަ އުސޫލުތައް.
ސިއްހީ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އަނބުރާ އައުމުގެ ސަބަބުން ނުވަތަ ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށްފަހު އެ ރަށް ދޫކޮށްދިޔުމުގެ ސަބަބުން ކަރަންޓީން މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ކަރަންޓީނުވާންޖެހޭ މުވައްޒަފުންނަށް، އެފަދަ މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ ތަނެއްގައި މަޑުކުރަންޖެހޭ މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ޚާއްޞަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
ސިއްހީ ކުއްލު ނުރައްކަލުގެ ހާއްސަ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، އެ ބައްޔަށް ޝައްކުކުރެވޭ ޢަލާމާތެއް ފެނިގެން ކަރަންޓީން މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި މަޑުކުރަންޖެހޭ މުވައްޒަފުންނަށް، އެ މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ޚާއްޞަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ. އަދި މުވައްޒަފަކު ކަރަންޓީނުވުމަށް އަންގައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް އޮތް ކޮންމެ ފަރާތަކަށް، ޗުއްޓީ ހަމަޖައްސައިދޭންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ދަތުރުފަތުރާ ގުޅިގެން އަޅާ ޚާއްޞަ ފިޔަވަޅުތަކުގެ ސަބަބުން ވަޒީފާއަށް ދިޔުމަށް ހުރަސްއެޅޭ ފަރާތްތަކަށް ޗުއްޓީ ހަމަޖައްސައިދިނުން.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކޮވިޑް -19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، ވަޒީފާ އަދާކުރާ ފަރާތެއް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އެފަރާތެއް ހުރި ވަގުތެއްގައި ދަތުރުފަތުރުކުރުމާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅާ ފިޔަވަޅަކާ ގުޅިގެން އޭނާ ވަޒީފާއަށް ނުކުންނަންޖެހޭ ތާރީޚަކަށް އޭނާ ވަޒީފާ އަދާކުރާ ރަށަށް އަނބުރާ ދެވެން ނެތް ޙާލަތެއް މެދުވެރިވެއްޖެނަމަ، އޭނާ ވަޒީފާއަށް ހާޒިރުނުވެ ހުންނަންޖެހުނު މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ޚާއްޞަ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
އެގޮތުން މި ހާލަތުގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަޅާ ފިޔަވަޅެއްގެ ސަބަބުން އޭނާ ހުރި ރަށަކުން އެހެން ތަނަކަށް ދަތުރުނުކުރެވި ހުންނަންޖެހުނުކަން ވަޒީފާދޭ ފަރާތަށް އަންގާފައިވުމާއެކު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން އެ ފިޔަވަޅަކާ ގުޅިގެން ނެރެފައިވާ އެންގުމެއް ނުވަތަ ދޫކޮށްފައިވާ ލިޔުމެއް އޮތް ކޮންމެ ފަރާތަކަށް، އެ މާއްދާގައި ބަޔާންކުރާ ޗުއްޓީ ހަމަޖައްސައިދޭންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ބައްޔަށް ޕޮޒިޓިވްވާ ފަރާތްތަކަށް ސަލާމުގެ ޗުއްޓީ ހަމަޖައްސައިދިނުން.
އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، އެ ބައްޔަށް ޕޮޒިޓިވްވާ މުވައްޒަފުން، އެކަހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ގޭގައި ހުންނަންޖެހިއްޖެނަމަ ނުވަތަ އެ ބައްޔަށް ފަރުވާ ހޯދަން ޞިއްޙީ ފަރުވާދޭ ތަނެއްގައި ހުންނަންޖެހިއްޖެނަމަ، އެ މުއްދަތަށް، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ޚާއްޞަ ސަލާމުގެ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ކޮވިޑް -19 އަށް ޕޮޒިޓިވްވެފައިވާކަމާއި، އެކަހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ގޭގައި މަޑުކުރަންޖެހޭ ކަމަށް ބަޔާންކޮށް ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް ނުވަތަ ޞިއްޙީ ފަރުވާދޭ ތަނެއްގައި އެ ބައްޔަށް ފަރުވާ ހޯދިކަމުގެ ލިޔުމެއް އޮތް ކޮންމެ ފަރާތަކަށް، ސަލާމުގެ ޗުއްޓީ، ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
ޢާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައިދިނުން.
ސިއްހީ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގައި ބުނެފައިވާ ގޮތުގައި އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ކޮވިޑް-19 އާ ގުޅިގެން އިޢުލާންކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، ވަޒީފާއަދާކުރާ ފަރާތެއްގެ ޢާއިލާގެ މެންބަރަކު އެ ބައްޔަށް ޕޮޒިޓިވްވެއްޖެނަމަ، އަދި އެ ޢާއިލާގެ މެންބަރަކީ ސީދާ އޭނާ ބެލުން ޙަވާލުވެފައިވާ ފަރާތެއް ކަމުގައިވާނަމަ، އަދި އެ ބައްޔަށް ފަރުވާ ހޯދަންޖެހެނީ ގޭގައި މަޑުކޮށްގެން ކަމުގައިވާނަމަ، އޭނާގެ ޢާއިލާގެ މެންބަރު އެ ބައްޔަށް ފަރުވާ ހޯދުމަށް ހޭދަވާ މުއްދަތުގައި، މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހުމަކާ ނުލައި، މުސާރަ ލިބޭ ގޮތަށް، ޚާއްޞަ ޢާއިލީ ޒިންމާގެ ޗުއްޓީއެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެއެވެ.
އެގޮތުން މި ޙާލަތުގައި، ބައްޔަށް ފަރުވާ ހޯދަމުންދާ ޢާއިލާގެ މެންބަރު ހުންނަންޖެހެނީ އެކަހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ޞިއްޙީ ފަރުވާދޭ މަރުކަޒެއްގައި ކަމުގައިވެފައި، އެފަދަ ތަނެއްގައި އޭނާއާއެކު ވަޒީފާ އަދާކުރާ ފަރާތް ހުންނަންޖެހޭ ޙާލަތުގައިވެސް އާއިލީ ޒިންމާގެ ޗުއްޓީ ހަމަޖައްސައިދޭންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ޚާއްޞަ ޗުއްޓީގެ ގޮތުގައި ދެވޭ ދުވަސްތައް މުވައްޒަފަށް ޙައްޤުވާ އެހެން ޗުއްޓީތަކުގެ މުއްދަތުން އުނިނުކުރުން.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ކޮވިޑްއަށް ޕޮޒިޓިވްވާ މުވައްޒަފަކު ނޫނީ ޕޮޒިޓިވްވި މީހަކާއި ކޮނެޓެކްޓްވި މުވައްޒަފަކު ނުވަތަ ކޮވިޑުގެ ހާލަތުގައި ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތް ނެރޭ އަމުރެއްގެ ސަބަބުން ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންޖެހޭ ޚާއްޞަ ޗުއްޓީ ހަމަޖައްސައިދޭންވާނީ، ވަޒީފާއާބެހޭ ޤާނޫނު( ނުވަތަ މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން ޢަމަލުކުރެވޭ އެނޫންވެސް ޤާނޫނެއް ނުވަތަ ގަވާއިދެއްގެ ދަށުން މުވައްޒަފަށް ޙައްޤުވާ އެއްވެސް ޗުއްޓީއަކުން އުނިނުވާ ގޮތަށް، އޭގެ އިތުރުން ދެވޭ ޚާއްޞަ ޗުއްޓީއެއްގެ ގޮތުގައެވެ.
ކޮވިޑް -19 އާ ގުޅިގެން ވަޒީފާގެ އެއްބަސްވުމަށް ބަދަލުގެނައުން ނުވަތަ ވަޒީފާއިން ދޫކޮށްލުން ހުއްދަ ޙާލަތްތައް.
ސިއްހީ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގައި ބުނެފައިވާ ގޮތުގައި ކޮވިޑުގެ މި ހާލަތުގައި ވަޒީފާ އަދާކުރާ ފަރާތުގެ އުޖޫރައިން އެއްވެސް މިންވަރެއް އުނިކުރުން ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް އުޖޫރަ ދިނުމަށް ވަޒީފާގެ އެއްބަސްވުމުގައި ކަނޑައަޅާފައިވާ މުއްދަތު ފަސްކުރުމަކީ މަނާ ކަމެކެވެ. ހަމައެހެންމެ ވަޒީފާ އަދާކުރާ ފަރާތަށް އުޖޫރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމާއި، ވަޒީފާ އަދާކުރާ ފަރާތް ވަޒީފާއިން ދޫކޮށްލުމަކީ ވެސް ނުކުރެވޭނެ ކަމެއް ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި މިފަދަ ފިޔަވަޅެއް ވަޒީފާދޭ ފަރާތުން އެޅުމަށް ހުއްދަވާނީ، ކޮވިޑް-19 އާ ގުޅިގެން ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ނުރަނގަޅު އަސަރެއް ކޮށްފައިވުމާއެކު، އެފަދައިން ކޮށްފައިވާ ނުރަނގަޅު އަސަރުގެ ސަބަބުން ވަޒީފާދޭ ފަރާތަށް ލިބެމުންއައި އާމްދަނީ ދަށްވެ، އެ އާމްދަނީން މުވައްޒަފުންނަށް ކުރިން ދެމުން އައިސްފައިވާ މުސާރައާއި ޢިނާޔަތްތައް ދެމުންނުގެންދެވޭ މިންވަރަށް ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް އަސަރުކޮށްފައިވާ ޙާލަތުގައި އެކަންޏެވެ.
ކޮންމެއަކަސް އަޅުގަނޑުގެ މި ރިޕޯޓުގައި މި ބަލާލީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ވަގުތީ ގާނޫނުގެ ދަށުން ވަޒީފާ އަދާ ކުރާ ފަރާތާއި ވަޒީފާ ދޭ ފަރާތުން އަމަލު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވާ ބައެއް ކަންކަމަށެވެ. އުންމީދުކީ ކޮވިޑް19އިގެ މި ދަތި ހާލަތުގައި ކަނޑައަޅާފައިވާ ގާނޫނުގެ ދަށުން ކަށްވަރު ކޮށްދީފައިވާ ހުރިހައި ހައްގުތަކެއް ވެސް އެންމަށް ލިބިގެން ދިއުމެވެ.

