ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ މެމްބަރުން މަލީހުއަށް: ”ކުރެއްވިހާ ވެސް މަސައްކަތަކީ ގޭގެ ޓެރަހުގައި އެކި ވައްތަރުގެ ގަސްތައް ހެއްދުން“

އެމްޑީޕީ ޕީޖީ ގްރޫޕް މެމްބަރުންގެ ފާޑުކިއުން މަލީހުއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

މިފަހަކަށް އައިސް ސަރުކާރު ހިންގަން ވީ ގޮތް ބުނެދެނީ މަޖިލީހުން ކަމަށާއި، މެމްބަރުންނަށް ސަރުކާރަށް ބަސް ނުބުނެވޭނެ ކަމަށް ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް ވިދާޅުވުމުން އެމްޑީޕީ މެމްބަރުން އޭނާއަށް ފާޑުކިއުން އަމާޒު ކުރަން ފަށައިފިއެވެ

ރައްޔިތުންގެ މަޖިލީހުގެ ބައެއް މަސައްކަތްތަކަށް ފާޑުކިއުންތައް އަމާޒުކޮށް މަލީހު ވިދާޅުވީ، ރައްޔިތުން އިންތިހާބު ކުރި އެ މެމްބަރުންގެ ޒިންމާއަކީ ގާނޫނު ހެދުން ކަމަށެވެ. މެމްބަރުންނަކީ ސަރުކާރު ހިންގުމުގެ މަސައްކަތުގައި އުޅުއްވަޖެހޭ ބައެއް ނޫން ކަމަށް ވެސް މަލީހު ވިދާޅުވިއެވެ. ކަން ހިނގަނީ އެއާއި ހިލާފަށްކަން ފާހަގަކުރައްވާ މަލީހު ވިދާޅުވީ، މަޖިލީހުގެ މެމްބަރުންނަށް ސަރުކާރު ހިންގަންވީ ގޮތް ކަނޑަނޭޅޭނެ ކަމަށެވެ. އަދި އެފަދަ ސިޔާސަތެއް ވެސް ނުނިންމޭނެ ކަމަށް މަލީހު ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުގައި މަލީހު ނެންގެވީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ޖުޑިޝަރީއަށް ބާރު ފޯރުވާ، ސުޕްރީމް ކޯޓަށް އަތް ގަދަ ކުރުމެވެ. އަދި މިހާރު އެ މަންޒަރު ފެންނަނީ މަޖިލީހުގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ.

މަލީހު ވިދާޅުވީ ރާއްޖެއަށް އެންމެ ކާމިޔާބު ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށެވެ. އެހެން ކަމުން ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރާ މަސައްކަތްތައް ކާމިޔާބު ކުރަން ފުރުސަތެއް ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަލީހުގެ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުން ވަނީ، އޭނާއަށް ރައްދުދީ ފާޑުކިއުންތައް އަމާޒުކޮށްފައެވެ. މަލީހަށް ރައްދު ދެއްވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ މަލީހު ދެއްކެވި ވާހަކަތައް އެއީ ”ސައިންސާއި ޓެކްނޮލޮޖީގެ އަލީގައި މަހާނަ މައްޗަށް މަޑިއަށް ޖެހުން“ ކަމަށެވެ.

ވައްޑެގެ އެ ޓްވީޓާއި އެކު މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވެސް ވަނީ މަލީހަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވާފައެވެ. ސަރުކާރު ހިންގަން ވީ ގޮތް މަޖިލީހަށް ނޭނގޭނެ ކަމަށް ވިދާޅުވެފައިވާތީ އިންތި ވިދާޅުވީ ”މަޖިލީސް“ ބަސް މަލީހަށް ބޭނުން ކުރެވުނީ އޮޅިގެން ކަމަށް ބެލެވޭ ކަމަށާއި، އެތަނުގައި އޮންނަން ޖެހޭނީ ”މަލީހަށް މަޖިލީސް ހިންގަން ވީ ގޮތް ނޭނގޭނެ“ މިހެން ކަމަށެވެ.

މީގެ އިތުރުން މަލީހަށް އަމާޒުކޮށް، މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވީ ސަރުކާރުން މަލީހާއި ޒިންމާތަކެއް ހަވާލުކޮށްފައިވާއިރު ޒިންމާތައް އަދާކުރުން މާ ރަނގަޅު ކަމަށެވެ. އަދި މަލީހު މިނިސްޓްރީގެ މެންޑޭޓުން މަސައްކަތް ކުރުމަށް ވެސް ގޮވާލިއެވެ. އަދި ބޮޑުކަމެއް ދިމާވުމާއި އެކު ޗުއްޓީ ނެގުމަކުން ނުނިމޭކަމަށް ވެސް ފިރުޝާން ވިދާޅުވިއެވެ.

މަލީހަސް ރައްދު ދެއްވާ، އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވީ ޒިންމާ އަދާނުކުރެވި ބަޔަކު ފެއިލްވާން ފެށުމުން އެ ބަޔަކާއި ސުވާލުކުރުން އެއީ ރައްޔިތުން ހޮވާފައިތިބި މަންދޫބުންގެ ހައިސިއްޔަތުން މެމްބަރުންގެ ޒިންމާއެއް ކަމަށެވެ. އަދި އެއީ ހަވާލުކުރެވިފައިވާ ޒިންމާއެއް ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ މަޖިލީހުގެ މަސްއޫލިއްޔަތާއި މެދު ސުވާލު އުފެއްދުމަށް މަލީހުގެ އެއްވެސް ހައިސިއްޔަތެއް ނެތް ކަމަށެވެ.

މީގެ އިތުރުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ ބޮޑު މިނިސްޓްރީއަކަށް ދެ އަހަރު ވެގެން ދިޔައިރު ކުރެވުނު އެއްވެސް ކަމެއް ނެތް ކަމަށެވެ. ވުޒާރާ ހިންގުމުގެ ބަދަލުގައި މަލީހު ކުރެއްވިހާ ވެސް މަސައްކަތަކީ ގޭގެ ޓެރަހުގައި ގަސްތަކާއި، އެކި ވައްތަރުގެ މިރުސް ގަސްތައް ހެއްދުން ކަމުގައި ހަސަންޓޭ ވިދާޅުވިއެވެ. އެހެން ކަމުން މަލީހަކަށް މަޖިލީސް ހިންގަންޖެހޭ ގޮތާއި، ހިންގަން ވީ ގޮތް ވެސް ނޭނގޭނެ ކަމަށް ހަސަންޓޭ ވިދާޅުވިއެވެ.

މަލީހަށް ފާޑުވިދާޅުވެ ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ވިދާޅުވީ މަލީހުއަކީ އުޑަފައިން އިށީންނެވުމުން ބިމުގައި ނުޖެހޭ ވަރަށް ކުޑަ ބޭފުޅެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އަނދުން ހުސެއިންގެ އެ ޓްވީޓު ރީޓްވީޓު ކުރައްވާފަ އެވެ.

މަލީހަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ވަޒީރުން އެންމެ ރަނގަޅުވާނީ އެބޭފުޅެއްގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރުން ކަމަށެވެ. ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމާއި، އަދި ސަރުކާރުގެ ވައުދުތައް ފުއްދުމަށް ވުޒާރާތަކުން މަސައްކަތް ނުކުރާނަމަ އެކަމަށް މަޖިލީހުން ޖަވާބުދާރީ ކުރުވާނެ ކަމަށް އަފީފް ވިދާޅުވިއެވެ.

މަލީހަކީ ސަރުކާރު ކޯލިޝަން ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް މަލީހަކީ ވަޒީރުންގެ ތެރެއިން އެންމެ ފާޑުކިއުންތައް އަމާޒުވާ ބޭފުޅާއެވެ. އަދި ދޭތެރެއަކުން ސޯޝަލް މީޑިއާގައި ކުރައްވާ ޕޯސްޓުތަކުގެ ސަބަބުން ވެސް މަލީހުއަށް ފާޑުކިއުންތައް އަމާޒުވެއެވެ.

ވަރަށް ގަދަ
26%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 32%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 37%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: