ކޮވިޑް-19އިން އަރައިގަތުމަށް އިންޑިއާ އިން ކުރަމުން އަންނަ މަސައްކަތަށް (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ތައުރީފް ކުރައްވައިފިއެވެ.
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ.
އަދި ޓެޑްރޯސް ވިދާޅުވީ އެކިއެކި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާ ނަމަ، ކޮވިޑް-19 ފެތުރުން ހުއްޓުވި އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށެވެ.
ޓެޑްރޯސް އިންޑިއާ އަށް ޝުކުރު އަދާ ކުރެއްވި އިރު، ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނަރޯ ވަނީ އިންޑިއާ އިން ވެކްސިން ފޯރުކޮށްދިނުމާ ގުޅިގެން އެ ގައުމަށް ޝުކުރު ދަންނަވައިފައެވެ.

