ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގައި ތަރައްގީކުރަން މަސައްކަތްކުރި ފްލޯޓިން ސިޓީގެ މަޝްރޫޢު، އަނެއްކާވެސް އަލުން ލޯންޗުކޮށްފިއެވެ.
ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީ ކުރުމަށް އެންމެ ފުރަމަތަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާއި މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މިއެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއި ކުރީ 2019 ވަނަ އަހަރު މޭއި މަހުގެ ތެރޭގައެވެ. މިމަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރި ޑަޗް ޑޮކްލޭންޑް ކުންފުންޏާއެވެ.
މޯލްޑިވްސް ފްލޯޓިން ސިޓީގެ ނަމުގައި ހިންގާ މިމަޝްރޫއުގެ ޢަމަލީ މަސައްކަތް އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުން ބުންޏެވެ.
މި ޕްރޮޖެކްޓުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ޕްރެސްރިލީޒެއްގައި ބުނީ މާލެ/ހުޅުލެ އިން ފުރައިގެން 10 މިނެޓުން ދެވޭ ސަރަހައްދުގައި ތަރައްގީކުރާ އެސިޓީއަކީ އެ ކޮންސެޕްޓަށް ދުނިޔޭގައި ހަދާ ފުރަތަމަ ސިޓީކަމަށް ބުނެފައިވެއެވެ. އެމަޝްރޫއު ކުރިއަށް ގެންދަނީ 10 އަހަރަށް ބަހާލައިގެން ކަމަށްވެސް ބުނެފައިވެއެވެ. އަދި އެތައް ހާސް ގެޔެއް މީހުން ދިރިއުޅުމަށް ހާއްސަ ކޮށްގެން އެތަނުގައި ހަދާނެ ކަމަށާއި، އެގޮތުން ބިލިއަނެއްހާ ޑޮލަރުގެ މިމަޝްރޫއުގެ ދަށުން، 5000 ހައުސިން ޔުނިޓު މިރަށުގައި އަޅާނެކަމަށް ބުނެފައިވެއެވެ. މިކަމައްޓަކައި މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑް ކުންފުންޏަށް ވަނީ ދީފައެވެ.
މިމަޝްރޫއުގެ ދަށުން ޔޮޓް މެރީނާ އަދި ރިސޯޓުވެސް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މިމަޝްރޫޢުގެ ދަށުން އަޅާ ހައުސިންގް ޔުނިޓްތަކަކީ މެދު ފަންތީގެ އަގުތަކުގައި ހިމެނޭ ހައުސިންގ ޔުނިޓްތަކަށް ވާނެއެވެ.

