އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުންތައް ބެލުމުގެ އިހްތިސާސް ހައިކޯޓަށް ނެތް ކަމަށް އެ ކޯޓުން މިއަދު ނިންމައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އުފައްދާފައިވާ މިނިވަން މުވައްސަސާއެކެވެ.
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާއި މެދު ހިތްހަމަނުޖެހޭނަމަ އެ މައްސަލައެއް ނިންމާތާ އެއް މަސް ދުވަހުގެ ތެރޭގައި ނުވަތަ 30 ދުވަހުގެ ތެރޭގައި ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅޭނެ އެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމަކީ، އެމްޑަބްލިއުއެސްސީން މުވައްޒަފަކު ވަކި ކުރުމުގައި އެ ކުންފުނީގެ އޮޑިޓު ރިޕޯޓަކާއި ހަވާލާދީފައިވާތީ އެ ރިޕޯޓު ހޯދުމަށް މުވައްޒަފު މައްސަލަ ހުށަހެޅުމުން، 21 ދުވަސް ފާއިތުވެ ދިޔައިރު ވެސް އެއަށް އެއްވެސް ޖަވާބެއް ދީފައިނުވާތީ އެމްޑަބްލިއުއެސްސީއާއި ދެކޮޅަށް އޭނާ އައިކޮމްއަށް މައްސަލަ ހުށަހަޅައި އިލްތިމާސްކުރި މައްސަލައެކެވެ.
އެ މައްސަލައިގައި އައިކޮމްއިން އެންގީ، 2020، ފެބްރުއަރީ 12 ގައި މުވައްޒަފު ހުށަހަޅާފައިވާ ސިޓީއާއި އެއްގޮތަށް އެ މައުލޫމާތު ދޫކުރުމަށެވެ. އެމްޑަބްލިއުއެސްސީން އައިކޮމްގެ ނިންމުމާއި މެދު ހިތްހަމަނުޖެހި، އެ އަހަރުގެ އޮގަސްޓު މަހުގެ 24 ގައި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ.
ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ އެމްޑަބްލިއުއެސްސީން އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 36 ވަނަ މާއްދާ އާއި، 37 ވަނަ މައްދާ އަދި 38 ވަނަ މާއްދާގެ އިތުރުން 39 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ، ހައިކޯޓުގެ އިހުތިސާސް އާއި ގުޅޭ އުސޫލުތަކުގެ ތެރެއިން ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ނޫން ކަމަށެވެ.
ހުކުމުގައި ބުނެފައިވަނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނަކީ ކޯޓުތަކުގެ އިހުތިސާސް ބަޔާންކުރާ ގާނޫނެއް ނޫން ކަމަށެވެ. އަދި އެފަދަ ގާނޫނަކުން ކޯޓެއްގެ އިހުތިސާސް ބަޔާންކުރާނަމަ އެކަން ސާފު އިބާރާތުން ބަޔާން ކުރަންޖެހޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުން ހައިކޯޓަށް ލިބިދީފައިވާ އިސްތިއުނާފީ އިހުތިސާސަށް ބަލާއިރު އެ އިހުތިސާސް ލިބިދީފައިވަނީ ދަށު ކޯޓުތަކުންނާއި، ޓްރައިބިއުނަލްއިން ނިންމާ ނިންމުންތަކެއްގެ މައްޗަށްކަމަށް ހުކުމުގައި ވެއެވެ. އެހެންކަމުން އިސްތިއުނާފަށް ހުށަހެޅިފައިވާ ނިންމުން ނިންމާފައިވަނީ ދަށު ކޯޓުންތޯ ނުވަތަ ޓްރައިބިއުނަލްއަކުންތޯ ބަލަންޖެހޭކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.
ހައިކޯޓުން ވަނީ، އިކޮމްއަކީ ޓްރައިބިއުނަލެއްތޯ ސުވާލު އުފައްދާފައެވެ. އަދި އެއީ ކޯޓެއް ނޫން ކަމަށާއި، މަލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ”އިންފޮމޭޝަން ކޮމިޝަނަރު ނިންމާ ނިންމުން“ ކަމަށް ބަޔާންކޮށްފައި އޮތުމާއި އެކު އެ ނިންމުން ނިންމަނީ އިދާރާއަކުން ނޫންކަން އެނގޭކަމަށެވެ. މިއީ ޓްރައިބިއުނަލްއަކުން ނިންމާފައިވާ ނިންމުމެއްގެ ގޮތުގައި ނުބެލެވޭނެކަން ހައިކޯޓުގެ ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.
ހައިކޯޓުން ބުނެފައި ވަނީ އެ އިލްތިމާސެއް ހައިކޯޓަށް ބެލުމުގެ ބާރު ލިބިނުދީ، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުމަކާއި މެދު ހިތްހަމަނުޖެހޭނަމަ އެ ނިންމުމަކާއި ގުޅޭގޮތުން ހިތްހަމަނުޖެހޭ ފަރާތަކުން އެ މައްސަލަ ކޯޠަށް އިލްތިމާސް ކުރުމުގެ ފުރުސަތު ގާނޫނުން ލިބިދީފައިވާ ގޮތަށް އޮތުމުގެ ހަގީގީ މާނައެއް ނެތް ކަމަށެވެ.
ގިނަ ނުކުތާތަކެއް ހިމަނާ އެ ސަބަބުތައް ބަޔާންކޮށް، ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ގެ ދަށުން އެމްޑަބްލިއުއެސްސީން އިސްތިއުނާފުކޮށްފައިވާ މައްސަލައަކީ، އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫންކަމަށެވެ.
މި ނިންމުން، ސުޕްރީމް ކޯޓަށް ހުށަހެޅުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތްކަމަށް ހުކުމުގައިވެއެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ، ފަނޑިޔާރު މުހައްމަދު ފައިސަލް އާއި، ފަނޑިޔާރު މުހައްމަދު ނިޔާޒް، އަދި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ނިޔާޒެވެ.

