އަދަބު ލުއި ކޮށްދީފައިވާ ގައިދީންގެ ތެރެއިން ޝަރުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައި ނުވާކަމުގައި ހޯމް މިިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ލިޔުމުން ޖަވާބު ހޯއްދަވަން ބޭނުންވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބެއްގަ އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި ވަނީ މިނިސްޓަރު އިމްރާންގެ ޖަވާބު އިއްވަވާފަ އެވެ.
އިވާގެ ސުވާލުގައި މަޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ގޭބަންދަށްދޫކޮށް، ވަކި މުއްދަތެއްގައި ގޭބަންދުގައި ހުރުމަށްފަހު، ރަށުބަންދަށް ނުވަތަ ޖަލުން ރަށުބަންދަށް ދޫކޮށްފައިވާ ފަރާތްތަކަށް ގިނަ އަހަރުތަކެއް ވެގެންދާއިރުވެސް ޕާސްޕޯޓް ހިފަހައްޓައި، ވަކިގޮތެއް ނާންގައިވަނީ ކޮން ސަބަބަބާ ހެދިތޯ ވަނީ އައްސަވާފައެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މަޢާފު ދިނުމާ އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން އަދަބު ލުއިކޮށްދިނުމުގެ ސަބަބުން ގޭބަންދަށް ނުވަތަ ރަށު ބަންދަށް ދޫކޮށްލެވިފައިވާ ފަރާތްތަކުގެ ތެރެއިން އެފަރާތްތަކުގެ މައްޗަށް ކުރެވިފައިވާ ޝަރުތައް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތެއްގެ ޕާސްޕޯޓް ހިފެހެއްޓިފައިނުވާނެކަމަށެވެ.
ނަމަވެސް، ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން ދޫކޮށްލެވުނު ފަރާތްތަކުގެ ތެރެއިން، އެފަރާތްތަކަށް ކުރެވުނު ޝަރުތުތަކާއި ޚިލާފުވުމުގެ ސަބަބުން ހުކުމަށް އަލުން ރުޖޫޢަ ކުރަންޖެހޭ ފަރާތްތައްވެސް ހިމެނޭ ގޮތަށް، ހުކުމް ތަންފީޛު ކުރަންޖެހޭ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާ ހުރެ މުޖްތަމަޢަށް ދޫވެފައިވާ އެކިފަރާތްތަކުގެ ޕާސްޕޯޓުތައް ވަނީ ހިފެހެއްޓިފައިކަމަށް އިމްރާން ވިދާޅުވިއެވެ.
ޕާސްޕޯޓު ހިފަހައްޓާފައިވާ ފަރާތްތަކުގެ ތެރޭގައި ޑުރަގު ފަރުވާ ފުރިހަމަ ނުކުރުމާއި ދަރަނި އާދާ ނުކުރުން ފަދަ މަައްސަލަތަކުގައި ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ ފަރާތްތައް ވެސް ހިމެނެ އެވެ.
”މި ހުރިހާ ފަރާތްތަކެއްގެ ވެސް ޕާސްޕޯޓު ހިފެހެއްޓިފައި ވަނީ އެފަދަ ފަރާތްތަކުން ތަންފީޒުކުރަން ޖެހޭ ހުކުމްތައް ހުރުމުން ނެވެ. އަދި މިފަދަ ފަރާތްތައް ލިސްޓު ކުރެވިފައިވާ އިރު އޭގެ ތެރޭގައި ވަރަށް ގިނަ އަދަދެއްގެ މީހުން ހިމެނެ އެވެ.“ އިމްރާންގެ ޖަވާބުގައި ވެއެވެ.

