އަންނަ އަންގާރަ ދުވަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގެ ހުކުމް ކުރުމް މިމަހުގެ 30 ވަނަ ދުވަހުގެ 8:45 އަށް ތާވަލްކޮށް ޗިޓު ފޮނުވާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކޮށްފައި ވަނީ ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރުގެ މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށާއި ފަސް މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަަރު މީރާއަށް ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި މައްސަލަ އެވެ.
މިކަމާ ގުޅިގެން ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންނަ އަންގާރަ ދުވަހު ނުފޫޒު ފޯރުވުމާއި އަނިޔާވެރިކަމުގެ މިސްރާބު ބަދަލުވެ ޔާމީން މިނިވަންވާނެ ކަމަށެވެ. އަދި ޓީވީގެ ޒަރިއްޔާއިން މުޅި މި މައްސަލަ ބެލި ރައްޔިތުންނަށް ޔާމީން ކުށެއް ނުކުރައްވާކަން އޮތީ ސާބިިތުވެފައި ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.
މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ނިންމާލައިފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު އެވެ. އޭގެ ފަހުން މައުލޫމާތު ސާފުކުރުމަށް މިމަހުގެ 18 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވި އެވެ.

