އަންނަ މަހުން ފެށިގެން ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ސީޓް ބެލްޓް އެޅުން މަޖުބޫރުވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އެއްގަމު އުނޅަދު ދުއްވުމުގެ ޢާންމު ޤަވާޢިދުގެ 19 ވަނަ މާއްދާގެ (ރ) ގައި ވާ ފަދައިން، 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވާ މަގުތަކުގައި ހަތަރު ފުރޮޅުލީ އުނޅަދުތައް ދުއްވާއިރު ޑްރައިވަރުގެ އިތުރުން އުނޅަދުގެ ކުރީ ސީޓުގައި އިންނަ ފަރާތް ސީޓް ބެލްޓް އަޅަންޖެހޭނެ ކަމަށެވެ.
އެގޮތުން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން، ސީޓްބެލްޓް އެޅުމަށް ޢާންމުކޮށް އަންގާ އިޢުލާންކުރާ ކަމަށް ބުނެފައިވެ އެވެ.
”ވީމާ، ހަތަރުފުރޮޅުލީ އުނޅަދު ދުއްވާ ފަރާތްތަކުން މިއާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަން“ އިއުލާނުގައި ވެ އެވެ.

