ގދ. ތިނަދޫ އަދި ހދ.ކުޅުދުއްފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލްގެ ބީއޯކިޔު ހެދުމާއި، އިމާރާތް ޑިޒައިން ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މި ދެ ރަށުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ޓާޝިއަރީ ހޮސްޕިޓަލް ޑިޒައިންކޮށް ކުރެހުންތަކާއި، ބިލް އޮފް ކުއަންޓިޓީ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
އެގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން tender@health.gov.mv އަށް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި މަހުގެ 26 ވަނަ ދުވަހުގެ ހެނދުނު 12:00 ގައި ހެލްތު މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގަ އެވެ.
ތިނަދޫ އާއި ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިތުރުން ހައްދުންމަތީ ގަން ރީޖަނަލް ހޮސްޕިޓަލު ވެސް ޓާޝަރީ ފެންވަރަށް ތަރައްގީ ކުރަން ވަނީ ނިންމާފަ އެވެ.

