ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުންގެ ރޭގަނޑު ޑިއުޓީ އެލަވަންސް ކުޑަކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތެއް ކަމަށާއި، އެއްވެސް އެލަވަންސަކަށް ބަދަލު ނުގެންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ އޮގަސްޓު މަހު ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު، ރޭގަނޑު 12 އިން ހެނދުނު ހައެއް ޖެހުމާ ހަމައަށް މަސައްކަތްކުރާ ދުވަސްތަކަށް ދެމުން އައި އެލަވަންސް ކުޑަކޮށްފައިވާ ކަމަށް ދެކެވުނު ވާހަކަ ހެލްތް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.
ހެލްތު ސެކްޓާގެ މުވައްޒަފުންގެ މުސާރަ މޭ 2023 ގައި ބޮޑުކޮށް އަދި އޭގެ ފަހުން ފިނޭންސް މިނިސްޓްރީން އާއްމުކުރި ޕޭ ފްރޭމްވޯކް މިންގަނޑުގައި ވަނީ ސިއްހީ ދާއިރާގައި ޝިފްޓް އުސޫލުން ޑިއުޓީ ނަގާ މީހުންނަށް، ރޭގަނޑު މަސައްކަތްކުރާ ވަގުތަށް 100ރ. ގެ އެލަވަންސެއް ދޭން ނިންމައިފައެވެ.
ނަމަވެސް، މިދިޔަ އޮގަސްޓް މަހު ގެނައި ބަދަލުގައި ވަނީ ރޭގަނޑު 12 އިން ހެނދުނު 6 އާ ދޭތެރޭގައި ކުރާ މަސައްކަތަށް ދެމުން ދިޔަ ޝިފްޓް އެލަވަންސް 100ރ. އިން 60ރ. އަށް ދަށްކޮށްފައެވެ. އަދި ހެނދުނު 6 އިން ރޭގަނޑު 12 އަށް އަދާކުރާ ޑިއުޓީއަށް، ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ދޭނީ 40ރ. އެވެ.
އެކަމާއި ގުޅިގެން މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީން ބުނީ އެއްވެސް އެލަވަންސެއް ކުޑަކޮށްފައި ނުވާނެ ކަމަށާއި އަދި ފަހުން ގެނައި ބަދަލަކީ ކުރިން އެ އެލަވަންސް ނުލިބޭ މުވައްޒަފުންނަށް އެ އެލަވަންސް ދޭން ފެށުން ކަމަށެވެ.

