އެމްޑީޕީއަކީ ދިވެހި ރައްޔިތުންނަށް ޣައްދާރުވެފައިވާ ޕާޓީއެއްކަމަށާއި، ގައުމިއްޔަތަށް ކިރިޔާވެސް ލޮތްބެއް ހުރި ދަރިއެއް ނަމަ ސަރުކާރާއި ދެކޮޅުވާނެކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އަދުރޭ މިހެން ވިދާޅުވެ ޓްވީޓެއް ކުރައްވާފައިވަނީ ސަރުކާރުގެ ފަރާތުން އިދިކޮޅުގެ އިންޑިއާ އައުޓް ހުއްޓުވުމަށް ޖަލު ހުކުމުގެ އަދަބު ދެވޭ ޤާނޫނެއް ފާސްކުރުމަށް މަޖިލީހުން ތައްޔާރުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުންނެވެ.
ބިލުގައިވާ ގޮތުން ދިވެހިރާއްޖެއިން ހާރިޖީ ގުޅުންތައް ގާއިމްކޮށްފައިވާ ޤައުމުތަކުގެ ޢިއްޒަތާއި ގަދަރު ކުޑަވާނެ ފަދަ ގޮތަކަށް ސިޔާސީ ހަރަކާތާއި އެނޫންވެސް ހަރަކާތްތައް ހިންގުމުން ދިވެހިރާއްޖެއަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ހުއްޓުވުން މުހިންމެވެ. އަދި ގައުމުތަކާއި މެދު ނަފްރަތު އުފައްދާ މީހުންނާއި ދެކޮޅަށް ފިޔަވަޅު އެޅޭ އުސޫލުތައް ހިމަނާފައިވާ ބިލަށް ކިޔަނީ ”ދިވެހިރާއްޖެ އިން ބޭރު ގައުމުތަކާއި އެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެފަދަ ޢަމަލުތައް ހުއްޓުވުމުގެ ގާނޫނު“ އެވެ.
މިފަދަ ގާނޫނެއް އެކުލަވާލުމުގެ މަގްސަދުތަކުގެ ތެރޭގައި:
ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކާއެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ޢަމަލުތައް ހުއްޓުވުމާއި، އެފަދަ އަމަލުތަކުގެ ސަބަބުން ލިބިދާނެ ގެއްލުމަކުން ގައުމު ސަލާމަތްކުރުމާއި އެކު ބޭރު ޤައުމުތަކުގެ ޢިއްޒަތާއި ޤަދަރަށް ބުރޫއަރާފާނެ އެންމެހައި އަމަލުތައްކުރުން ހުއްޓުވުން ހިމެނެ އެވެ. އަދި ބޭރުގެ ގައުމުތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކާއި މެދު އަޅާނެ ގާ ނޫނީ ފިޔަވަޅު ކަނޑައެޅުމާއި ކަނޑައެޅިފައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ އަދަބު ދިނުން ހިމެނެއެވެ.
އެގޮތުން ދިވެހިރާއްޖެ އިން ބޭރުގެ ގައުމަކާއިއެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރެއް ކުރާނެ ފަދަ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ އެ އަމަލެއްގެ ކުޑަ ބޮޑު މިނަށް ބަލައި ގިނަވެގެން 20،000 (ވިހި ހާސް) ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ 1 އަހަރު ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ގޭބަންދުކުރުން ނުވަތަ 6 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުމެވެ.
އެމްޑީޕީ އަށާއި ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް މި ފަހަކަށް އައިސް އަދުރޭ އަންނަނީ ބޮޑެތި ތުހުމަތު ތައް ކޮށް ފާޑުކިޔަމުން ކަން ފާހަގަކުރެވެއެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ މިއީ އެއްވެސް ތާކުންތާކު ނުޖެހޭ ސަރުކާރެއް ކަމަށެވެ.
އަދި އެމަނިކުފާނަކީ ވާނުވާ ނޭގޭ ދެބަންދިހާރުވެފައި ހުރި ވެރިއެއްކަމަށާއި ފާއިތުވެ ދިޔަ ތިން އަހަރު ރައްޔިތުން ތިބީ މާޔޫސްވެ ބިކަވެފައިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި ވެރިކަމަށް ތިން އަހަރު ވީއިރު އެއްވެސް އެސެޓެއް ނުހޯދުނު ވެރިއަކީ ހަމައެކަނި ރައީސް ސޯލިހު ކަމުގައިވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.މީގެ އިތުރުން ރައީސް ޔާމީނަށް އަމާޒުކޮށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ދެއްކެވި ވާހަކައިގެ ރައްދަށް އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނަށް ނުހައްގު އެއްވެސް އަނިޔާއެއް ނުދެވޭނެ ކަމަށެވެ. ރޯދަ މަހުގެ ކުރީން ރައީސް ޔާމީން ޖަލަށްލާނެކަމަށް ބުނެ އެމްޑީޕީގެ އިސްބޭފުޅުން ދެއްކެވި ވާހަކައަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ވަނީ މި ރާއްޖޭގައި ދެން ވެރިކަން ކުރައްވާނީ ރައީސް ޔާމީން ކަމަށް ވިދާޅުވެފަ އެވެ.

