ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ދައުލަތްތަކާ ޖެހިގަތުމަކީ ކުށަކަށް ހަދަން އުޅެނީ ”އިންޑިއާ އައުޓް“ގެ ގެއްލުން އިހުސާސްވާން ފެށުމުން: މާރިޔާ

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ/ ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޭމަތީގައި ”އިންޑިއާ އައުޓް“ ޖަހައިގެން ވެރިކަމަށް އައުމަށްފަހު، މިހާރު އެހެން ދައުލަތްތަކާ ޖެހިގަތުމަކީ ކުށެއް ކަމަށް ހަދަން އުޅެނީ ވެރިކަމަށް އައިސް ތިން އަހަރުވީ ފަހުން އެކަމުގެ ގެއްލުން އިހުސާސްވާން ފެށުމުން ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މާރިޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަށާއި، އަސްކަރީ ގޮތުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ ގާނޫނުލްއުގޫބާތުގެ އިސްލާހާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އެހެން ގައުމުތަކާ ގުޅުން ގޯސްވާ ގޮތަށް ވާހަކަދެއްކުމާއި ދީންތަކަށް ފުރައްސާރަކުރުން ކުށަކަށް ހަދަން ސަރުކާރުން މަސައްކަތް ކުރަމުންދާ ދިޔުމަކީ ދެފުށްކެހެރި އަމަލެއްގެ ގޮތުގައި މާރިޔާ ސިފަކުރެއްވިއެވެ.

ދައުލަތްތަކާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް ދައުލަތުގެ މަގާމުތަކަށް ނާދެވޭނެ ގޮތް ހަދާނަމަ، އެންމެ ފުރަތަމަ އިސްތިއުފާ ދެއްވަން ޖެހޭނީ އިންޑިއާ އައުޓް ކެމްޕޭނުގައި އިސްކޮށް އުޅުއްވި މި ސަރުކާރުގެ ވެރިން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

”ދައުލަތްތަކާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް ދައުލަތުގެ މަގާމުތަކަށް ނާދެވޭނެ ގޮތް ހަދާނަމަ، އެންމެ ފުރަތަމަ އިސްތިއުފާ ދެއްވަން ޖެހޭނީ އިންޑިއާ އައުޓް ކެމްޕޭނުގައި އިސްކޮށް އުޅުއްވި މި ސަރުކާރުގެ ވެރިން،“ މާރިޔާ

މާރިޔާ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ގަލޮޅު ދަނޑުގައި ބޭއްވި ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތަށް ބޭރުގެ ޑިޕްލޮމެޓުން ތިއްބަވަނިކޮށް ހަމަލާދީ ހަމަނުޖެހުން ހިންގުމުގައި އިސްކޮށް އުޅުނު މީހުން މިއަދު ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ދީންތަކަށް ފުރައްސާރަކުރުން މަނާކުރަން ވާހަކަދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިއަދު ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫތަކާއި، ގައުމުގެ ކަންކަން ހުއްޓި ކުރިއަށް ނުގޮސްގެން އުޅެނީ މި ސަރުކާރުގެ ނާގާބިލު އަދި މުނާފިގު ސިޔާސަތުތަކުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.

މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ގަތުލުއާންމުގެ މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓު (އައިސީޖޭ)އަށް ދެކުނު އެފްރިކާއިން މައްސަލަ ހުށަހެޅުމުން އެކަމުގައި ރާއްޖެއިން ތަދައްޚުލުވިކަން ފާހަގަކޮށް، ޣައްޒާގައި އިސްރާއީލުން ހިންގާ ޖަރީމާތަކާ ގުޅިގެން އައިސީޖޭއަށް ހުށަހެޅި މައްސަލައިގައި މި ސަރުކާރުން ބަހަނާ ދައްކަމުންދާ ދިއުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ރައީސް ޑރ. މުއިއްޒު ދާދިފަހުން ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅަށް އަލިއަޅުއްވާލާ މާރިޔާ ވިދާޅުވީ، ސަރަހައްދީ ވާދަވެރިކަމުގެ ތެރެއަށް ރާއްޖެ ވައްދައިގެން ނުވާނެ ކަމަށާއި، ޕާކިސްތާނަކީ ޒަމާނުއްސުރެ ރަހުމަތްތެރި މުސްލިމް ގައުމެއް ނަމަވެސް ބޭރުގެ ގުޅުންތަކުގައި ވަކި ހަމަތަކަކާއި އިމެއް އޮންނަންޖެހޭނެ ކަމަށެވެ.

”އަޅުގަނޑު އެއްވެސް ގޮތަކަށް މިބުނަނީ ޕާކިސްތާނާއި ރަހުމަތްތެރިކަން އޮންނަން ނުވާނެއެކޭ ނޫން. އެކަމަކު ކޮންމެވެސް ލިމިޓެއް އޮންނަންވާނެ ވިސްނާލަން އެމީހުންގެ ވާދަވެރިކަން އަޅުގަނޑުމެންގެ ސަރަހައްދަށް ނުގެނުމަށް،“ މާރިޔާ

މީގެ އިތުރުން ތުރުކީން އަގުބޮޑުކޮށް ޑްރޯންތަކެއް ގެނެސްގެން ކަނޑުމަތިން މީހުން ހޯދަން އެ ޑްރޯންތައް ބޭނުންކުރާ ކަމަށް ބުނި ނަމަވެސް، ޑްރޯންތައް ބޭނުންކޮށްގެން މިހާތަނަށް ފެނުނު މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ މިލިޓަރީ އެސެޓްތައް ރާއްޖެ ގެނެސްގެން ސަރަހައްދީ ހަނގުރާމައެއްގެ ތެރެއަށް ރާއްޖެ ވެއްޓިއްޖެނަމަ، ގައުމުގެ އިގްތިސާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ.

ހަމަނުޖެހުން އޮންނަ ސަރަހައްދުތަކަށް ޓޫރިސްޓުން ޗުއްޓީ ހޭދަކުރަން ނާންނާނެ ކަމަށާއި، ރާއްޖޭގެ އަމާންކަން ގެއްލިއްޖެނަމަ ދިވެހީންގެ ”ރަންބިސް އަޅާ ކުކުޅު“ ގެއްލިގެންދާނެކަމަށް ވެސް މާރިއާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: