ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަސްމާލެ އީގަލް ހިލްސް މަޝްރޫއާ މެދު ގޮތެއް ނިންމަން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް

އެމްޑީޕީ ގައުމީ މަޖިލިސް.-- ފޮޓޯ: / މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރަސްމާލޭގައި ބޮޑު މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްފައިވާ މައްސަލައިގައި އިދިކޮޅު މައި ޕާޓީ، އެމްޑީޕީން އަމަލުކުރާނެ ވަކި ސިޔާސަތެއް ކަނޑައެޅުމަށްޓަކައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއް އަންނަ އާދިއްތަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފިއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ގައުމީ މަޖިލީހުގެ 60 މެންބަރަކު ސޮއިކުރައްވައި އެދިވަޑައިގަތުމާ ގުޅިގެންނެވެ.

މި މައްސަލައިގައި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައި މިވަނީ، ރަސްމާލެ މަޝްރޫއާ ގުޅިގެން ޕާޓީގެ އިސް ލީޑަރުންނާއި މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ބޮޑުވެ، ހޫނު ބަހުސްތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ރަސްމާލެ މަޝްރޫއާ މެދު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން މެންބަރުން އެދެން ފެށުމުން، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އީގަލް ހިލްސްއާ ދެކޮޅަށް އެމްޑީޕީން ނުކުތުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި އީގަލް ހިލްސްގެ މަޝްރޫއާ ގުޅިގެން މީގެކުރިން އެމްޑީޕީން ނެރެފައިވާ ބަޔާނުގައިވާ ސްޓޭންޑާ އެއްގޮތަށް ކުރިއަށް ދިއުމަށް އެދިވަޑައިގެން، އެ ސްޓޭންޑާ އިދިކޮޅުވާ ގޮތަށް މަޖިލިސް މެންބަރުން އަމަލުތައް ނުބެހެއްޓުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވައިފައެވެ.

ނަމަވެސް، ނަޝީދުގެ މި ވާހަކަފުޅުތަކާ ގުޅިގެން ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ބައެއް މެންބަރުން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ މެންބަރުން ދެކޭ ގޮތުގައި މިފަދަ ބޮޑު މަޝްރޫއަކަށް ދީލައިލައިގެން އެމްޑީޕީ އޮވެގެން ނުވާނެ ކަމަށާއި، މި ކަމުގައި ސަރުކާރާ ދެކޮޅަށް ޕާޓީން ސާބިތުކަމާއެކު ތެދުވަން ޖެހޭނެއެވެ.

މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ، އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގައި ހުރި ބޭރުގެ އިންވެސްޓްމަންޓްތަކަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ. އަދި މިފަދަ އިންވެސްޓްމަންޓެއް ރާއްޖޭގައި ހިންގުމަކީ މައްސަލައެއް ނޫން ކަމަށާއި، މައްސަލައަކީ އެ މަޝްރޫއު މާލެ ސަރަހައްދުގައި ކުރިއަށްގެންދިއުން ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެ އެވެ.

އެހެންނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މަޝްރޫއާ މެދު ސީދާ ސުވާލު އުފައްދަވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ އެމްޑީޕީގެ ސަރުކާރެއްގައި މިފަދަ ގޮތްނޭނގޭ މަޝްރޫއުތަކަށް އެއްވެސް ޖާގައެއް ދީގެން ނުވާނެ ކަމަށެވެ.

މީގެއިތުރުން، ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިސްވެ ހުންނަވައި ރަސްމާލެ މަޝްރޫއާ ދެކޮޅަށް ފައްޓަވާފައިވާ ހަރަކާތްތަކުގައި އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި ނަމަވެސް، އެމްޑީޕީން ރަސްމީ ހައިސިއްޔަތުން އަދި އެ ހަރަކާތުގައި ބައިވެރިވެފައެއް ނުވެއެވެ.

އެމްޑީޕީގެ ރަސްމީ ސްޓޭންޑާއި ކުރިމަގު

މި މައްސަލައިގައި އެމްޑީޕީން ކުރިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށްޓަކައި ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ކަމަށާއި މިނިވަން ވިޔަފާރި ކުރިއެރުވުމަށް އެ ޕާޓީން އަބަދުވެސް ތާއީދުކުރާ ކަމަށެވެ. އެހެންނަމަވެސް، އީގަލް ހިލްސްގެ މުއާމަލާތާ ގުޅިގެން އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތުތަކާއި ސަރުކާރުން ހާމަކުރަމުންދާ މައުލޫމާތުތަކާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް ހުރިކަން އެމްޑީޕީން ވަނީ ފާހަގަކޮށްފަ އެވެ.

އަންނަ އާދިއްތަ ދުވަހުގެ ރޭ ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމަކީ، މި މަޝްރޫއާ މެދު ޕާޓީގެ ތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ނިމުމެއް ގެނެސް، ސަރުކާރުގެ ބޮޑެތި މަޝްރޫއުތަކާ މެދު އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ގެންގުޅޭނެ ސާފު ސިޔާސަތެއް ކަނޑައެޅިގެންދާނެ މުހިންމު ބައްދަލުވުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: