ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ގާނޫނުއަސާސީއަށް އެއްވެސް އިސްލާހެއް ނުގެންނަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ރާއްޖޭގައި ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޒޯންތަކެއް ގާއިމުކޮށް، އެ ސަރަހައްދުތަކުން ބިދޭސީންނަށް ބިމާއި އިމާރާތް މިލްކުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ކެބިނެޓުން މިދިޔަ އަހަރު ފާސްކޮށްފައިވާ ކަމަށް ނޫހެއްގައި ރިޕޯޓުކޮށްފައިވާ ޚަބަރަކާ ގުޅިގެން ”ސަންގު“ އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ބިދޭސީންނަށް ބިމާއި އިމާރާތް މިލްކުކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގާނޫނުއަސާސީއަށް ބޮޑެތި އިސްލާހުތަކެއް ގެންނަން ކެބިނެޓުން މިދިޔަ އަހަރު ފާސްކޮށްފައިވާ ކަމަށް ބުނެ އާންމުކޮށްފައިވާ ހަބަރަކީ ހަގީގަތެއް ނޫން ކަމަށެވެ. އަދި އެފަދަ އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، މި މައްސަލައިގައި ސަރުކާރުގެ ސިޔާސަތު ވަޒީރުންގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވެސް ހާމަކުރައްވާފައިވާ ކަމަށެވެ.
އެގޮތުން ބިން މިލްކުކުރެވޭ ގޮތަށް ނުވަތަ ”ޕާޕެޗުއިޓީ“ އުސޫލުން ބިން ދިނުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށާއި، މި މަޝްރޫއުގައި އަމަލުކުރާނީ ކުއްޔަށް ދޫކުރާ ”ލީސްހޯލްޑް“ މޮޑެލްއަށް އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބިން ކުއްޔަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ 99 އަހަރު ކަމަށް ވެސް ތަރުޖަމާނު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ބިން މިލްކުކުރެވޭ ގޮތަށް ގާނޫނުއަސާސީއަށް މީގެ ކުރިން އިސްލާހު ގެނައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައިކަން ފާހަގަކުރައްވަމުން ތަރުޖަމާނު ވިދާޅުވީ، މި ސަރުކާރުން އަމަލުކުރަމުންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ޒަމާނުއްސުރެ އަމަލުކުރަމުން އަންނަ ފަދަ ލީސްހޯލްޑް އުސޫލަށް ކަމަށެވެ.
މީގެއިތުރުން ރާއްޖޭގައި ގާނޫނީ ގޮތުން މިހާރު ވެސް އަމަލުކުރަމުންދާ ބިން ކުއްޔަށް ދެވޭ މިންގަނޑުތަކަށް، ގާނޫނުއަސާސީ އިސްލާހުކޮށްގެން މި ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނާނެ ކަމުގެ ޔަގީންކަން ވެސް ތަރުޖަމާނު ވަނީ ދެއްވާފައެވެ.

