އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއަކީ ދައުލަތަށް އެންމެ ޚަރަދު ކުޑަކޮށް އަދި އެންމެ ފައިދާ ބޮޑުވާނެ ގޮތަށް ބައްޓަންކޮށްފައިވާ މަޝްރޫއެއް ކަމަށާއި، މި މަޝްރޫއުގެ ތެރެއިން ދައުލަތަށް 1.2 ބިލިއަން ޑޮލަރު ލިބިގެންދާނެ ކަމަށް މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) އިން އިންތިޒާމުކޮށްގެން ބޭއްވި ”މޯލްޑިވްސް އެކައުންޓަންޓްސް ފޯރަމް“ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށްޓަކައި، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަމާން މާހައުލުގެ ބޭނުން ހިފައިގެން ރިއަލް އެސްޓޭޓް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން އަންނަނީ ހާއްސަ އިސްކަމެއް ދެމުންނެވެ. އެގޮތުން އީގަލް ހިލްސްއާ އެކު ކުރިއަށްގެންދާ މި މަޝްރޫއަކީ އެ ސިޔާސަތުގެ ދަށުން ރޭވިފައިވާ މުހިންމު ފިޔަވަޅެކެވެ.
މި މަޝްރޫއުގެ މާލީ އޮނިގަނޑާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޖޮއިންޓް ވެންޗަރ ހަދައިގެން ދައުލަތަށް އޮންނަ މާލީ ހިރާސް ބޮޑުކުރުމުގެ ބަދަލުގައި، މި މަޝްރޫއު ރާވާފައިވަނީ ޕްރޮޕަޓީތަކުގެ ފުރިހަމަ ކޮންޓްރޯލް ދައުލަތަށް އޮންނަ ގޮތަށް ކަމަށެވެ. އަދި ހިނގާ މުއާމަލާތްތަކުން ސީދާ ސަރުކާރަށް އާމްދަނީ ލިބޭނެ އިންތިޒާމު މި އޮނިގަނޑުގެ ތެރެއިން ވަނީ ކަށަވަރުކޮށްފައެވެ.
އެގޮތުން ރަސްމާލޭގައި ތަރައްގީކުރާ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީގެ ފުރަތަމަ މުއާމަލާތުން އެކަނިވެސް %10 ގެ ރޭޓުން ދައުލަތަށް 1.2 ބިލިޔަން ޑޮލަރު ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، އެ ޕްރޮޕަޓީތަކުގެ މިލްކުވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު ވެސް މުއާމަލާތް ހިންގަންޖެހޭނީ ސަރުކާރު މެދުވެރިކޮށް ކަމަށްވާތީ، ދައުލަތަށް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބެމުންދާނެ ކަންވެސް ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ އާންމު ގާނޫނުގެ ދަށުން ބިން ކުއްޔަށް ދީގެން ލިބޭ އެކުއިޒިޝަން ކޮސްޓާއި އަހަރީ ކުއްޔާ އަޅާބަލާއިރު، މި މަޝްރޫއުގެ އޮނިގަނޑުން ދައުލަތަށް މާ ބޮޑު މާލީ މަންފާއެއް ކަށަވަރުވެގެންދާނެ ކަމަށްވެސް ވަޒީރު ޑރ. މުއްޠަލިބު ވިދާޅުވިއެވެ.

