ވިޔަފާރިކުރާ ތަންތަނުގައި ވިއްކަން ބަހައްޓާފައި ހުންނަ މުދަލުގައި ސާފުކޮށް އެނގޭނޭހެން އަގު ނުޖަހާ ހުރުމުގެ ސަބަބުން 17 ފިހާރައަކަށް ނޯޓިސް ދީފައިވާކަމަށް އިގްތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖަހާފައި ހުރިތޯ ބެލުމަށް މިދިޔަ ހަފުތާގައި 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާކަމަށާއި އެގޮތުން މިމަހުގެ 15 އިން 20 އަށް ވިއްކަން ބަހައްޓާ މުދަލުގައި އަގު ޖެހިތޯ ޔަގީންކުރުމަށް 34 ފިހާރައެއް ބަލައި ފާސްކޮށްފައިވާކަމަށް އިގްތިސާދީ ވުޒާރާއިން ވަނީ ބުނެފައެވެ.
އެ އިންސްޕެކްޝަންތަކުގެ ތެރެއިން، 17 ފިހާރައެއްގައި ގާނޫނާ އެއްގޮތަށް މުދަލުގައި އަގު ޖަހާފައިވާއިރު ގާނޫނާ އެއްގޮތަށް އަގު ޖެހުމަށް އަންގާ ނޯޓިސް 17 ފިހާރައަކަށް ދީފައިވާކަމަށް ވުޒާރާއިން ހާމަކުރެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ފިހާރަތަކާއި އެހެނިހެން ވިޔަފާރި މަރުކަޒުތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ ގިނަ އަދަދެއްގެ މުދަލުގައި ކަސްޓަމަރުންނަށް ފަސޭހައިން އެނގޭނެހެން އަގު ޖަހާފައި ނުހުންނަކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް މެދުކެނޑުމެއްނެތި ލިބެމުންދާ ކަމަށެވެ.
އެހެންކަމުން، މުދާ ގަންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކޮށް، ވިޔަފާރީގެ މާހައުލު ހަރުދަނާކުރުމަށްޓަކައި އެފަދަ އަމަލުތައް ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އެ މިނިސްޓްރީން މިމަހުގެ 14ވަނަ ދުވަހު ކޮށްފައިވާ އިއުލާނެއްގައި ވަނީ ބުނެފައެވެ.
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން، ވިއްކާ މުދަލުގެ އަގަކީ ކޮބައިކަން މުދާ ގަންނަ މީހާއަށް ސާފުކޮށް އެނގެން ނެތް ގޮތަކަށް އެއްވެސް މުދަލެއް ވިއްކަން ބެހެއްޓުމަކީ މަނާ ކަމެކެވެ.
އެ ގާނޫނުގައިވާ ގޮތުން މުދަލުގައި އަގު ޖަހާފައިވާ ކަމަށް ބެލެވޭނީ ސީދާ އެ މުދަލެއްގައި އަގު ލިޔެ، ޕްރިންޓްކޮށް ނުވަތަ ލޭބަލް ހަރުކޮށްފައި ހުރުމުން، ނުވަތަ މުދާ ބަހައްޓާފައި ހުރި ހަރުގަނޑުގައި ނުވަތަ ތަނުގައި، އެއީ ކޮން މުދަލެއްގެ އަގެއްކަން ކަސްޓަމަރުންނަށް އޮޅުންނާރާނެ ފަދަ ސާފު ގޮތަކަށް އަގު ބަޔާންކޮށްފައި ހުރުމުންނެވެ.
އެކަންކަން ފާހަގަކޮށް އިކޮނޮމިކް މިނިސްޓްރީން ވަނީ، ގާނޫނުގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް މުދަލުގެ އަގު ސާފުކޮށް ފެންނަން ހުންނާނޭހެން ބެހެއްޓުމަށް ހުރިހާ ވިޔަފާރިވެރިންނަށް ގޮވާލާފައެވެ. އަދި ވިޔަފާރިތަކުން އެ އުސޫލުތަކަށް ބޯލަނބާތޯ ކަށަވަރުކުރުމުގެ ގޮތުން، ކަމާބެހޭ ގާނޫނުން ލިބިދޭ ބާރުގެ ދަށުން ފިހާރަތައް އިންސްޕެކްޓްކޮށް، މޮނިޓަރކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ހާމަކުރެއެވެ.
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކާ އެއްގޮތަށް މުދާ ވިއްކާ ފަރާތްތަކުން އަމަލުކުރޭތޯ ބެލުމަށްޓަކައި، އެ ގާނޫނުގެ 66 ވަނަ މާއްދާގެ ދަށުން އިންސްޕެކްޓްކޮށް މޮނިޓަރކޮށް، ގާނޫނާއި ހިލާފަށް އަގު ނުޖަހައި ވިޔަފާރިކުރާ ފަރާތްތަކާ މެދު، އެ ގާނޫނުގެ 84 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅަމުން ގެންދާނެކަމުގެ އިންޒާރުވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ދީފައެވެ.

