ދިވެހިރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ 25 ދާއިރާއެއް ކަނޑައަޅައި އިއުލާންކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން ބުނެފައިވާގޮތުން އިއުލާނުކޮށްފައިވާ ދާއިރާތަކުން ބިދޭސީން ވިޔަފާރި ކުރުން ވަނީ މަނާކުރެވިފައެވެ. އެގޮތުން އޮންލައިން ވިޔަފާރި ހިމެނޭހެން ރީޓެއިލް ޓްރޭޑް މަނާކޮށްފައިވާއިރު ކޮންސްޓްރަކްޝަން ސާމާނު ފިޔަވައި ހޯލް ސޭލް ކުރުންވެސް ބިދޭސީންނަށް މަނާކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތްތައްވެސް ކުރެވޭނީ ދިވެހިންނަށްކަމަށާއި ޕޯސްޓަލް އަދި ކުރިއަރ ސާވިސަސްވެސް ދިވެހިންނަށް ހާއްސަކޮށްފައިވާކަން ހާމަކޮށްފައިވެއެވެ. މިނިސްޓްރީއިންވަނީ ކެފޭ އާއި ރެސްޓޯރެންޓުގެ އިތުރުން ބޭކަރީތައްވެސް ހިމެނޭހެން ކާބޯތަކެތި ވިއްކުމުގެ ވިޔަފާރިވެސް ބިދޭސީންނަށް މަނާކޮށްފައެވެ. އަދި އިމާރާތް ކުރުމަށް ބޭނުންވާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ކުއްޔަށް ދިނުމަކީވެސް ކުރުން މަނާކުރެވިފައިވާ ވިޔަފާރިއެއްކަމަށާް ބުނެފައިވާއިރު އެމްޕްލޮއިމެންޓް އެޖެންސީތަކާއި ވަޒީފާތަކަށް މީހުން ހޯދައިދިނުމުގެ ހިދުމަތުންވެސް ބިދޭސީންނަށް ވިޔަފާރިކުރުންވަނީ މަނާކުރެވިފައިވަކަމަށް ހިއްސާކޮށްފައިވެއެވެ.
މިނިސްޓްރީއިންވަނީ ޓްރެވަލް އޭޖަންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުން ހުރި އެހެނިހެން މަސައްކަތްތައްވެސް ދިވެހިންނަށް ހާއްސަ ކޮށްފައިކަމަށްވާއިރު ލޭންޑްސްކޭޕިންގ މަސައްކަތަކާއި ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތަކުގެ އިތުރުން ނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުމާއި ޖެނެރަލް ކްލިނިކް ހިންގުމުގެ ވިޔަފާރިވެސް ބިދޭސީންނަށް މަނާކަމަށް ބުނެފައިވެއެވެ.
އެ މިނިސްޓްރީއިން ބުނެފައިވާޣޮތުން ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތްތަކާއި ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ މަސައްކަތަކާއި ޤާނޫނީ ވަކީލުންގެ ހިދުމަތުން ވިޔަފާރި ކުރެވޭނީވެސް ދިވެހިންނަށްކަމަށެވެ. އަދި ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތަކާއި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމާއި ހިންގުމާއި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ އިތުުރުން ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުމާއި ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުންވެސް ވަނީ މަނާކޮށްފައެވެ.
މިނިސްޓްރީއިންވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން އަދި ފަރުނީޗަރު ފިޔަވައި ލަކުޑިންތަކެތި އުފެއްދުމުގެ އިތުރުން މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތްތަކާއި މައިނިންގ އޮފް ސޭންޑް އަދި ފޮރެސްޓްރީވެސް ދިވެހިންނަށް ހާއްސަ ކޮށްފައެވެ.

