ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ތިން މެންބަރުން ޢައްޔަންކޮށްފިއެވެ.
މިކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އިއްޔެ ނެރުނު ނޫސްބަޔާނުގައިވާ ގޮތުން ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑްގެ ބޯޑަށް ޢައްޔަންކޮށްފައިވަނީ މއ. ވޭސައިޑް 805 ފްލެޓް، އަޙްމަދު ޢަލީ އާއި، ރިޕަބްލިކް އޮފް ސިންގަޕޫރުގެ ސަޢީދު ޢަބްދުއްނާޞިރު ބިން ސަޢީދު ޙަސަން އަލް ޖުނެއިދު އަދި އުނައިޓެޑް ކިންގްޑަމްގެ ރޮބަރޓް ޑެނިއެލް ކާންޓެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިންގިލާބެއްް އަންނާނެ ކަމަށް މިނިސްޓަރު ސައީދު މީގެ ކުރިން ވެސް ވިދާޅުވެފައިވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް ގެ ނަމުގައި ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް އުފެއްދެވުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވެ، ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ތާރީހީ ކުރިއެރުމެއް ކަމަށެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި ކުންފުންޏެކެވެ.

