ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމެންޓާއި ކޮމަންވެލްތު އެންޓަރޕްރައިސް އެންޑް އިންވެސްޓްމެންޓު ކައުންސިލު(ސީޑަބްލިއުއީއައިސީ) ދެމެދު މެމަރަންޑަމް އޮފް އަންޑާރސްޓޭންޑިންއެއްގައި ސޮއިކޮށްފިއެވެ.
އިކޮނޮމިކް މިނިސްޓްރީއިން މައުލޫމާތު ދީފައިވާގޮތުން ސީޑަބްލިއުއީއައިސީ އަދި އެ މިނިސްޓްރީ ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރެވިފައި ވަނީ ރާއްޖޭގެ އިގްތިސާދާއި މާލީ މަސައްކަތްތައް ބެލެހެއްޓުމުގައި އެ ކައުންސިލުގެ އެއްބާރުލުން ހޯދުމުގެ ގޮތުންކަމަށެވެ. އަދި މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދިވެހިރާއްޖޭގެ އިގްތިސާދީގޮތުން ވަރުގަދަކޮށް މާލީ ގޮތުން ބާރުވެރިކުރުމުގެ ގޮތުން ގެންގުޅުއްވާ ތަަސައްވުރުގެ ތެރެެއިން ކުރެވިގެންދާ މަސައްކަތެއްކަމަށްވެސް ބުނެފައިވެއެވެ.
އެ މިނިސްޓްރީއިން ހިއްސާކުރިގޮތުން އެމްއޯޔޫގެ ސަބަބުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން އިގްތިސާދު ބިނާވެގެންދިއުމުގެ މުހިންމުކަން ފެނިގެންދާނެކަމަށެވެ. އަދި މަސައްކަތްތައް ނިންމާލުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި ދިވެހިރާއްޖޭގެ މާލީ ދާއިރާގެ މަސައްކަތްތައް މުޅިން ބަދަލުކޮއްލުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނުކަމަށްވެސް ހިއްސާކޮށްފައިވެއެވެ.
މިނިސްޓްރީއިންވަނީ ސީޑަބްލިއުއީއައިސީ އިން ދިވެހިރާއްޖޭގައި ކުރާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މައުލޫމާތުތައް ހިއްސާކޮށްފައެވެ. އެގޮތުން އިނގިރޭސިވިލާތާއި ކޮމަންވެލްތުން އެ ކައުންސިލަށް ލިބިފައިވާ ގިނަ އަދަދެއްގެ ވަސީލަތްތަކާއި ގުޅުންތައް މެދުވެރިކޮށް ދިވެހިރާއްޖޭގެ އިގްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށާއި އެ ކައުންސިލުން ރާއްޖޭގެ އިންޓަނޭޝަނަލް ފައިނޭންސަސް ސާވިސަސް އޮތޯރިޓީއިން ސޮވަރެއިން ވެލްތު ފަންޑެއް ލޯންޗުކުރުމުގައި އިގްތިސާދީގޮތުން ހުރި ފައިދާތައް ދެނެގަތުން އަދި އެހެނިހެން އެފަދަ ކަންކަން ދެނެގަތުމުގެ މަސައްކަތްތައް ކުރާނެކަމަށެވެ. އަދި ލަނޑަނުގައި އެފަދަ ފަނޑެއް ގާއިމުކޮށް އެކަން ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާނެ ކަންކަން ހަމަޖެއްސުމާއި ގުޅޭ ކަންކަން ދެނެގަތުމުގެ މަސައްކަތްތައްވެސް ކުރާނެކަމަށާއި އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް ބިނާކުރުމުގެ މަސައްކަތްތަކުގައި ވެސް އެހީ ލިބޭނެކަމަށެވެ.
މިނިސްޓްރީން ބުނެފައިވާގޮތުން ރާއްޖޭގައި އިންޓަނޭޝަނަލް ޝިޕް ރެޖިސްޓްރޭޝަން އަދި އެ ދާއިރާއާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގައިވެސް ސީޑަބްލިއުއީއައިސީން ދާނީ ރާއްޖޭގެ ސަރުކާރަށް އެހީތައް ފޯރުވަމުންކަމަށެވެ. އަދި އެކަމުގެ ތެރޭޣައި ކަނޑުމަތީގެ އިންޝުއަރެންސް ވިޔަފާރިއާއި ކަންކަމާއި ގުޅުންހުރި މަސައްކަތްތައްވެސް ހިމެނޭނެކަމަށް ބުނެފައިވާއިރު، ފައިނޭންޝަލް ސެންޓަރުތަކާއި ޑިވެލޮޕްމެންޓު ބޭންކިންގެ މަސައްކަތްތަކަށް ބޭނުންވާ ގާނޫނީ އޮނިގަނޑެއް އެކުލަވާލުމުގެ އިތުރުން ރާއްޖޭގައި އެ މަަސައްކަތްތަށް ބޭނުންވާ ގާބިލުކަން އުފެއްދުމުގައިވެސް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.
މި ރަސްމިއްޔާތުގައި ކޮމަންވެލްތު އެންޓަރޕްރައިސް އެންޑް އިންވެސްޓްމެންޓު ކައުންސިލްގެ ޗެއަރމަން ލޯރޑް މާރލަންޑް އޮފް އޮޑްސްޓޮކް ބައިވެރިވެވަޑައިގެންނެވިއިރު، ރާއްޖޭގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދުއެވެ. އަދި ސީ.ޑަބްލިއު.އީ.އައި،ސީ ގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރެއްވީ އެ ކައުންސިލުގެ ސީއީއޯ ރޯޒީ ގްލޭޒްބްރުކްއެވެ. މި ބައްދަލުވުމުގައި އިނިގިރޭސިވިލާތުގެ މާލީ ކަންކަމާއި ގުޅުންހުރި މުއައްސަސާތަކާއި ބެންކުތަކުގެ އިތުރުން ބައެއް އަމިއްލަ ކުންފުނިތަކުގެ އިސް އޮފިޝަލުންވެސް ބައިވެރިވެފައިވެއެވެ. އަދި ރާއްޖޭގެ ފަރާތުން ސަރުކާރުގެ ފަރާތުން ރާއްޖޭގެ މާލި ކަންކަމާއި ހަވާލުވެ ތިއްބެވި ބައެއް އިސް އޮފިޝަލުންވެސް ބައިވެރިވެފައިވެއެވެ.

