ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަން ނޫސްވެރިކަމަށް ފުރުޞަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަން ނޫސްވެރިކަމަށް ފުރުޞަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންގެންދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ހިތާބުގައި ރާއްޖޭގައި ނޫސްވެރިކަން ކުރާ ހުރިހާ ނޫސްވެރިންނަށާއި، ނޫސް އިދާރާތަކުގެ ވެރިންނަށާއި މުވައްޒަފުންނަށް، އަދި ނޫސްވެރިންގެ އާއިލާ ތަކަށް ދުވަހުގެ ތަހުނިޔާ ރައްދުކުރައްވައިފައިވެއެވެ. އަދި މަޢުލޫމާތު ހޯދައި ލިބިދިނުމުގެ ޙައްޤުގެ ދަށުން ޢާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް، ރާއްޖޭގެ ނޫސްވެރިން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރައްވާފައިވެއެވެ.

އޭޝިޔާ ސަރަޙައްދަށް ބަލާއިރު، ދިވެހިރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، މިހާރު އެންމެ ފުރިހަމައަށް ލިބިދީފައިވާ، އަދި އެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަމާ މެދަކު ޝައްކެއް ނެތެވެ. އަދި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދީފައިވާ ޤައުމުވެސްމެއެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ޙިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ކުރިމަގުގައިވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަން މި ފުރުޞަތުގައި ޔަޤީންކޮށްއަރުވަމެވެ.

މިނިވަން ނޫސްވެރިކަމަށް ފުރުޞަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ހަމައެފަދައިން، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނާއި ޚިޔާނާތުގެ އަމަލުތައް ނައްތައިލުމަށްޓަކައިވެސް، ނޫސްވެރިކަމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރިހަމަ މިނިވަންކަން ފަހިކޮށްދީފައި އޮތުން އެހާމެ މުހިންމެވެ. އޭގެ އިތުރުން، ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައި ޤާއިމުވެފައިވާ ފަދަ، ޒިންމާދާރު ނޫސްވެރިކަމެއް ޤާއިމުކުރެވޭނީވެސް، ނޫސްވެރިކަން ހިފެހެއްޓުމުގެ ބަދަލުގައި، ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދިނުމުންކަން، މިދިޔަ ތިން އަހަރުގެ ތަޖުރިބާއިން ކަށަވަރުވެއެވެ.

ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އަޅުގަނޑު އުފާކުރަމެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާޙައުލުގެ ސަބަބުން، ދިވެހި ނޫސްވެރިންގެ ފަރާތުން ފެންނަމުން ދަނީ، ޒިންމާދާރުކަމާއެކު އެބޭފުޅުންގެ ވާޖިބު އަދާކުރައްވައި، ރައްޔިތުންނަށް ކަންކަމުގެ ތެދު މަޢުލޫމާތާއި ޙަޤީޤަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަންޒަރެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ތިލަކުރުމަކީ، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށްވެސް ލިބޭ ނުހަނު ބޮޑު ބާރެކެވެ.

ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތަސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ މަސްއޫލިއްޔަތެއް އެޅިފައިވާކަން ހަނދާނުގައި ބަހައްޓަންޖެހެއެވެ. އެއީ، ޙަޤީޤަތާއި ތެދު މަޢުލޫމާތު ހާމަކުރުމާއި، އަނެކުންގެ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތްކޮށްދިނުމެވެ. ކިތަންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައި އޮތަސް، އެ ރޮނގު ހުރަސްކުރުމަކީ ތަހުޒީބީ އެއްވެސް މުޖުތަމަޢެއް ޤަބޫލުކުރާނެ ކަންކަމެއް ނޫނެވެ. ހަމައެފަދައިން ޤައުމީ ބޮޑެތި މައްސަލަތަކާ މެދު ޢާންމު ރައްޔިތުން ހޭލުންތެރިކޮށް، ޤައުމީ ލޯތްބާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީވެސް، ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެކެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި ތިބުމަށްފަހު، ދިރިއުޅުމުގެ ޢާންމު ޙާލަތަކަށް މިއަދު ނުކުމެވިފައި ތިބިއިރު، މި ނުރައްކާތެރި ބަލިމަޑުކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުމަށް، ރާއްޖޭގެ ހުރިހާ ނޫސްވެރިން އެއްބައެއްގެ ގޮތުގައި ތިބެ ކުރި މަސައްކަތް އަޅުގަނޑުމެން ހަނދާންކުރަންޖެހެއެވެ. ކުރިމަގުގައިވެސް ދިވެހި ޤައުމަށް ކުރިމަތިވާ މިފަދަ ބޮޑު ކޮންމެ ކަމެއްގައި، ދިވެހި ނޫސްވެރިންގެ ފަރާތުން މިފަދަ ޒިންމާދާރު ޤައުމީ ޚިދުމަތްތައް ފެނިގެންދާނެ ކަމުގައި އުންމީދު ކުރައްވާ ކަމުގައި ރައީސްގެ ހިތާބުގައި ބަޔާންކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: