ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކެޓްރީގެ މަގާމަށް ކުރީގެ ބަންޑާރަނައިބު އައިޝަތު އާޒިމާ ޝަކޫރު އައްޔަންކުރައްވައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި އާޒިމާ އެ މަގާމަށް އައްޔަންކުރެއްވިކަން ރައީސް އޮފީހުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ. އޭނާ މަގާމުގެ ޒިންމާތައް އަދާކުރައްވަން ފެއްޓެވީ މިއަދުއެވެ.
މީގެ ކުރިން ވެސް އާޒިމާ ވަނީ ރައީސް އޮފީހުގެ މަގާމުތައް އަދާކުރައްވައިފައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭރު ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމު އަދާކުރެއްވިއެވެ.
އެ މަގާމުގައި ހުންނަވައިގެން މަނީ ލޯންޑާކުރަން ރައީސް ޔާމީނަށް އެހީތެރިވެދިން ކަމުގެ ތުހުމަތުގައި އާޒިމާގެ މައްޗަށް ފެބްރުއަރީ 2019ގައި ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންނަށް މަގުފަހި ކޮށްދިނުމުގެ ދައުވާ ވެސް އުފުލިއެވެ. އެ ދައުވާތައް ފަހުން ވަނީ އަނބުރާ ގެންގޮސްފައެވެ.
މާލޭގެ މޭޔަރ ކަމުގައި ހުންނެވަނިިކޮށް ރައީސް ކަމަށް ޑރ. މުއިއްޒު އިންތިހާބުވެވަޑައިގަތުމުން 2023 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި އާޒިމާ މާލޭގެ މޭޔަރ ކަމަށް ވެސް ވާދަކުރެއްވިއެވެެ. ނަމަވެސް އެ އިންތިހާބުގައި އޭނާއަށް ކުރިމަތިވީ ނާކާމިޔާބީއެވެ.
އާޒިމާ ބަންޑާރަނައިބުގެ މަގާމު އަދާކުރެއްވީ ރައީސް މައުމޫންގެ ސަރުކާރުގައި 2007 އިން 2008 އަށް އަދި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި 2012 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށެވެ.

