ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއިން އެކަނިވެސް މިހާތަނަށް ފަސް އާއިލާއެއްގެ 23 މީހުން ވަގުތީ ހިޔާތަކަށް ބަދަލު ކޮށްފައިވާ ކަމަށް ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެ އޮތޯރިޓީން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން މިއަދު ހެނދުނު 10:30 އާ ހަމައަށް ވިއްސާރާގައި މާލޭގެ 256 ގެއަކުން އެހީތެރިކަމަށް އެދުނުއިރު، ފަސް އާއިލާއެއް އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވެއެވެ. އެ ފަސް އާއިލާގައި ހިމެނެނީ 23 މީހެއް ކަމަށް ވެސް އެންޑީއެމްއޭއިން ބުންޏެވެ.
އެންޑީއެމްއޭ އިން ބުނީ ވިއްސާރައިގައި ފެންބޮޑުވެގެން 248 ގެއެއްގައި ވެލިބަސްތާ ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށާ ގޭތެރޭގައި ފެންބޮޑުވެގެން 12 ގެއަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލިބޭ ގެއްލުންތައް މޮނީޓާ ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ޓާސްކް ފޯހެއް ވަނީ އުފައްދަވާފައެވެ. ރައިސް އޮފީހުން ބުނީ މިއީ ވިއްސާރާއާ ގުޅިގެން ކުރިމަތިވަމުންދާ ކަންކަން މޮނިޓަރކޮށް ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށްޓަކައި ރައީސް އުފެއްދެވި ޓާސްކްފޯހެއް ކަމަށެވެ.
މީގެ އިތުރުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ލެވެލް ތިނަކަށް ބަދަލުކޮށް ހާއްސަ މަސައްކަތެއް ކުރަން ފަށާފައިވާ ކަމަށް ފުލުހުން ވެސް ވަނީ ހާމަކޮށްފައެވެ.
އެގޮތުން، ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާލޭގެ 55 ތަނެއްގައި ވެލި ބަސްތާ ޖެހުމާއި ފަސް ތަނަކުން ފެން ހިއްކުމާއި، ފެން ހިންދާ ޕަންޕު ފަސް ތަނެެއްގައި ޖެހުމަށް އެހީތެރިވުމާއި، ފާހާނާ ޖަންކްޝަނުން ފެން ބޭރުވާތީ ދެތަނަކަށް އެހީތެރިވެ ދިނުމުގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ އެހީތެރިކަން ދެފަރާތަކަށް ފޯރުކޮށްދިން ކަމަށް ފުލުހުން އިއްޔެ ބުނެފައިވެއެވެ.
ފުލުހުން އިއްޔެ ހާމަ ކުރި މައުލޫމާތުތައް ބުނާގޮތުން ހުޅުމާލެ މުޙައްމަދު ގާސިމް ޕްރީ ސްކޫލަށް ފެންވަންނާތީ ވެލިބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި ނެއިބަހުޑް އޮފިސަރުން ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކުރުމުގެ މަސައްކަތް ވެސް ކޮށްފައިވެއެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ އެކި ހިސާބުތަކަށް ވެސް ވިއްސާރައިގައި ގެއްލުން ލިބުނުއިރު ހދ. ނެއްލައިދޫ، ކުޅުދުއްފުށި، ނޮޅިވަރަމް، ނޮޅިވަރަންފަރު، ދިއްދޫ، ތުރާކުނު އަދި އުލިގަމުގެ ބައެއް ގޭގެއަށް ފެންވަދެ، މަގުތަކުގައި ފެންބޮޑުވެފައިވާތީ ފުލުހުން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އޭގެ އިތުރުން، އިހަވަންދޫގެ 40 ގެ އާއި ކެލާގެ 22 ގޭގެ އިތުރުން ބާރަށު 55 ގެއަކަށް ފެނުގެ އަސަރުކޮށްގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.
ފުލުހުން ބުނީ ނ. މަނަދޫ އަދި ރ. ވާދޫ ގެއަކަށް ފެން ވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު ބ. މާޅޮހުގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ދ. ހުޅުދެއްޔާ މ. މުލަކުގައި ފެންބޮޑުވެފައިވާތީ ގޭބިސީތަކާއި ސަރުކާރުގެ އިދާރާތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި އެހީތެރިވެދީފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ.
އޭގެ އިތުރުން އައްޑޫ ސިޓީ ހުޅުމީދޫ ގެއަކަށް ފެންވަދެފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައި ވާނެ ކަމަށާ އައްޑޫ ސިޓީ ގަމު ގެއެއްގެ ފުރާޅު އެއްލައިލުމާއި ގެއެއްގެ ފުރާޅަށް ބަނބުކެޔޮ ގަހެއް ވެއްޓިފައިވާތީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އިތުރުން އެމްއެންޑީއެފް އިން ވެސް ފެން ހިންދުމާ ބެލި ބަސްތާ ޖެހުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަރަކާތްތެރިވެފައެވެ.

