އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ބޮޑު ކޮށްފިއެވެ.
މިކަން ހާމަކޮށް އެސްޓީއޯއިން އާންމު ކުރި ބަޔާނެއްގައި ވަނީ ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު އަދިވެސް ދަނީ އުފުލެމުންކަމަށާއި އެހެންކަމުން 24 ޖޫން 2022 ވަނަ ދުވަހުން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑީވްސްގެ ސްޓޭޝަންތަކުން ތެޔޮ އަގު ވަނީ ބޯޑުކުރެވިފައިކަމަށެވެ.
އެގޮތުން ޕްޓްރޯލް ލީޓަރެއް 16 ރުފިޔާ 55 ލާރިއަށް ލިބޭއިރު ޑީސަލް ލިޓަރެއް ލިބޭޏީ 16 ރުފިޔާ 77 ލާރިއަށެވެ.
މީގެ އިތުރުން މި ބަޔާނުގައި ވަނީ އެސްޓީއޯއިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެ ކުންފުނިން ފޯރުކޮށްދޭ އެންމެހާ ހިދުމަތެއް ހުއްޓުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދެމުން ގެންދިޔުމަށްކަމަށެވެ.
ރަޝިއާ އިން ޔޫކްރޭނާއި ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވެސް އަންނަނީ ވަރަށް ބޮޑަށް އުފުލެމުންނެވެ. ތެލުގެ އަގު ހިފެހެއްޓުމަށް ބައެއް ގައުމުތަކުން ފިޔަވަޅުތައް އަޅަމުން ގެންދިޔަ ނަމަވެސް ތެޔޮ ސާފުކުރާ ރިފަރަނަރީތަކުން އަގު އުފުލިފައި ވާތީ ތެލުގެ އަގު ތިރިކުރަން ދަތިތައް ކުރިމަތިވެފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ފާއިތުވި 14 އަހަރުގެ ތެރޭގައި ވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ނުދާވަރަށް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ ސާފު ނުކުރާ ތެލުގެ އަގުވެސް މަތިވެފައެވެ. ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 130.50 އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ. އަދި ބްރެންޓްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 139.18 އެމެރިކާ ޑޮލަރަށް އަރާފައެވެ.
ދުނިޔޭގެ މަޝްރަހަށް އަންނަ މިފަދަ ބަދަލުތަކުގެ ސަބަބުން ތެލުގެ އަގު އުފުލިގެންދިޔުމުން ރާއްޖެއަށްވެސް ދަނީ މި އަސަރު ކުރަމުންނެވެ.

