ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަކީ ސިޔާސީ ޕާޓީތަކުން ރައްޔިތުންނަށް ހުށަހަޅާ މެނިފެސްޓޯތަކުގައި ލިޔެގެން ކުރަންޖެހޭ ކަންތައްތަކެއް ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ނައިވާދޫގެ ފެނުގެ ނިޒާމް އިފްތިތާހުު ކޮށްދެއްވައި ރައީސް ސާލިހު ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމުގެ ކުރިންވެސް ދިން އެންމެ ބޮޑު ޔަގީން ކަމަކީ ހަމަހަމަކަމާއެކު ކޮންމެ ރަށަކަށް، ކޮންމެ އަތޮޅަކާއި ސިޓީއަކަށްވެސް ހިދުމަތް ކުރުން ކަމަށެވެ.
އެމަސައްކަތުގެ ތެރެއިން ނައިވާދޫގައި ފެނުގެ ނިޒާމް ގާއިމްވެގެން ދިއުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ތަރައްގީއަށްޓަކައި ކުރަންޖެހޭ ކަންކަމަކީ ހުއްޓުމެއް އަންނާނެ ކަމެއް ނޫން ކަމަށާއި ކޮންމެ ރަށަކަށް ބޭނުންވާ ކަންކަން ކުރުމުގައި ސަރުކާރުން ދެމިތިބޭނެ ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ގެ ވާހަކަފުޅުގައި ހދ އަތޮޅަށް އެކަނި ބެލިނަމަވެސް 199 މަޝްރޫއުއަށް 970 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަން ފާހަގަކުރެއްވިއެވެ. އަދި އެެީ ހަނިމާދޫ އެއަރޕޯޓް ތަރައްގީ ކުރުމުގެ އަގު ނުލައި ހޭދަކުރެވިފައިވާ ވަރުކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ދަތުރުފަތުރުގެ ނިޒާމުގެ ފަސޭހަކަން ލިބޭ އެއް ސަރަހައްދަކީ ބޮޑުތިލަދުންމަތިކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.
ބޮޑުތިލަދުންމަތި ހިމެނޭހެން އާރުޓީއެލްގެ ފެރީގެ ނިޒާމު މިހާރުވަނީ 41 ރަށަކާއި ގުޅާލެވިފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ނައިވާދޫގައި އަދިވެސް ކުރަންޖެހޭ ގިނަކަންތައް ތައް ހުރިކަން ފާހަގަކުރައްވައި ރަށުގެ ރައްޔިތުން އެންމެ ބޮޑަށް މިހާރު ބޭނުންވާ ބަނދަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެން ކުރިއަށް ދާނެކަމުގެ ޔަގީން ކަން ރައީސް ރަށުގެ ރައްޔިތުންނަށް ދެއްވިއެވެ.

