މި ސަރުކާރުން ޓީޗަރުންގެ މުސާރައަށް ގެނެސްދެއްވި ހެޔޮ ބަދަލާއެކު ޓީޗަރުކަމުގެ ދާއިރާއަށް ގުޅެންބޭނުންވާ މީހުންގެ އަދަދު އިތުރުވެއްޖެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.
ތައުލީމީ ދާއިރާގެ ކަންކަމާއި ގުޅިގެން މެންބަރުންނަށް އުފެދިފައިވާ ސުވާލުތަކަށް ޖަވާބުދިނުމަށް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޑިއުކޭޝަން މިނިސްޓަރުވަނީ ހާޒިރުކުރެވިފައެވެ.
މި ސަރުކާރުން ޓީޗަރުންގެ މުސާރައަށް ގެނައި ހެޔޮ ބަދަލު ކިޔަވައިދިނުމުން އެ ހެޔޮ ބަދަލު ފެނޭތޯ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުﷲ ވަނީ އެޑިއުކޭޝަން މިނިސްޓަރާއި ސުވާލުކުރައްވާފައެވެ.
“މި ސަރުކާރުން، ރައީސް ޞާލިހުގެ ސަރުކާރުން މިވަނީ ޓީޗަރުންގެ މުސާރައަށް ހެޔޮބަދަލެއް ގެނެސް، ބޮޑު ތަނުން މުސާރަ ބޮޑުކޮށްދީފަ. އަޅުގަނޑުގެ ސުވާލަކީ މި ބަދަލާ އެއްކޮށް މި ދާއިރާއަށް ކޮހާވަރެއްގެ ހެޔޮބަދަލެއް ފެންނަމުންދޭތޯއޭ؟“ މެންބަރު ޔައުޤުބު ސުވާލުކުރެއްވިއެވެ.
މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މުދައްރިސުންގެ މުސާރއަށް ގެނެވުނު ހެޔޮބަދަލާއެކު މުދައްރިސުންގެ ދާއިރާއަށް ގުޅުމަށް ބޭނުންވާ މީހުންގެ އަދަދު އިތުރުވެފައިވާކަމަށާއި ތައުލީމީ ދާއިރާއިން އެދެވޭ ބަދަލެއް ފެނުމަށް އަދި ދުވަސްކޮޅެއް ނަގާނެކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
“މުސާރައަށް އާ ބަދަލާއެއްކޮށް ގައިމުވެސް މުދައްރިސުންގެ ދާއިރާއަށް ގުޅެންބޭނުންވާ މީހުން ގިނަވިކަން އެބަ ފާހަގަކުރެވޭ. ދެން އެދެވޭ ބަދަލެއް ތައުލީމީ ދާއިރާއިން ފެންނަން ވަގުތު ކޮޅެއް ނަގާނެ. މެއި މަހު މުސާރަ ބޮޑުވީ، އެހެންވީމަ އޭގެ އިމްޕެކްޓެއް އަންނަން އަދި ދުވަސްތަކެއް ނަގާނެ.“ މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވިއެވެ.
ތައުލީމީ ދާއިރާއިން އެދެވޭ ބަދަލެއް ފެނުމަށް ދުވަސްކޮޅެއްް ނެގިކަމުގައި ވިއަސް މިހާރުވެސް ސްޓާފްއިންގެ މޯޓިވޭޝަން އާއި ގުޅެން ބޭނުންވާ ފަރާތްތައް ގިނަވުމުން މުސާރައަށް ގެނެވުނީ ހެޔޮބަދަލެއްކަން އެނގިގެން ދާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުފުޅުގައި ހަޤީގީ ކުލަ ޖެހުނީ މިއަހަރުގެ މެއި މަހުގެ ތެރޭގައެވެ.

