މަސައްކަތް ޝެޑިއުލް ކުރެވިފައިވާ ގޮތާއި އެއްގޮތަށްދާނަމަ 2024 ވަނަ އަހަރުގެ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލް ހުޅުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އަރަބިއްޔާ ސްކޫލްގެ މިހާތަނަށް ކުރެވުނު މަސައްކަތާއި ސްކޫލް ހުޅުވޭނެ ތާރީހެއް ހޯދުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތާރިގު ވަނީ ސުވާލުކުރައްވާފައެވެ.
ތާރިގްގެ ސުވާލުގެ ޖަވާބުގައި އައިޝަތު އަލީ ވިދާޅުވީ އަރަބިއްޔާ ސްކޫލްގެ އާއިމާރާތް އެޅުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން އަމީން ކޮންސްޓްރަކްޝަން އާއި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ގައި ހަވާލުކުރެވިފައިވާ ކަމަށެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް ބިނާކުރުމުގެ މަޝްރޫއުގެ އަގަކީ 168 މިލިއަން ފަސްލައްކަ ފަންސަވީސް ހާސް އެއްސަތޭކަ ފަންސާސް ރުފިޔާ ނުވަދިހަ ދެލާރި ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.
އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަޝްރޫއުގެ ދަށުން މިހާރު ކޮންސެޕްޓް ކުރެހުން އެއްކޮށް ފައިނަލް ކުރެވި މިވަގުތު ކުރިއަށްދަނީ ޑީޓެއިލް ޑްރޯވިންގ ގެ މަސައްކަތްތައް ނިންމުމުގެ ކަންތައްތައް ކަމަށާއި މި އޭޕްރިލް މަހުގެ ނިޔަލަށް ޑީޓެއިލް ޑްރޯވިންގ ނިމޭނެ ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ. އަދި އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް މިއަދުގެ ވަގުތެއްގައި ބައު ޖަމާލުއްދީން ހުރި ތަނުގައި ކުރަން ފަށާނެ ކަމަށްވެސް އައިޝަތު އަލީ ވިދާޅުވިއެވެ.
މަޖިލީހަށް މިއަހަރު ފުރަތަމަ ހުށަޙެޅުނު ބަޖެޓްގައި އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް ހިމެނިފައި ނުވަނީ ކީއްވެގެންތޯ ތާރިގް އިތުރަށް ސުވާލުކުރެއްވިއެވެ.
ތާރިގް ގެ ސުވާލުގެ ޖަވާބުގައި އައިޝަތު އަލީ ވިދާޅުވީ ފުރަތަމަ ބަޖެޓަށް ފޮނުވިއިރުގައި ފިނޭންސް މިނިސްޓްރީ އަށް ހުރިހާ އެއްޗެއް ފޮނުވާފައިވާ ކަމަށެވެ. އަދި ބަޖެޓްގައި އަރަބިއްޔާ ސްކޫލްގެ އައު އިމާރާތް ނުހިމެނި ވަނީ އިދާރީ ކުށަކުން ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ. އަދި އެކަން އެނގުނު ހިސާބުން ބަޖެޓްފޮތުގައި ހިމަނާފައިވާނެ ކަން އައިޝަތު އަލީ ފާހަގަކުރެއްވިއެވެ.
އަރަބިއްޔާ ސްކޫލު އިމާރާތުގައި ރެނދުލައި ތަން ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި އެކު ދަރިވަރުންނަށް އިތުރު ގޮތެއް ހޯދައިދޭން މަސައްކަތް ފެށީ އިހުތިޖާޖުތަކާއި އެކު އެވެ. ޗާނދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލު އިމާރާތަށް 10 އަހަރު ނުވަނީސް ރެނދުތައް ލައި، ބޭނުން ނުކުރެވޭވަރަށް ހަލާކުވުމުން އެކަމުގެ ކަންބޮޑުވުންތައް އިތުރުވެ މީޑިއާގެ ސަމާލުކަން ލިބިގެން ދިޔަ އެވެ. އަދި ސްކޫލު އެޅުމަށް ބިމެއް ހޯދުމަށް ކުރި އެކި މަސައްކަތްތަކާއި އެކު އެންމެ ފަހުން ނިންމީ ބާ ޖަމާލުއްދީން އިމާރާތް ތަޅާލައި އެތަނުގައި އަރަބިއްޔާ އިމާރާތް އެޅުމަށެވެ.
މިވަގުތު ސްކޫލު ހިންގަމުން ދަނީ، ފޮރިން މިނިސްޓްރީގެ އިމާރާތުގެ މަސައްކަތް ކުރިޔަށް ދާތީ، ތަން ވަގުތީ ގޮތުން ބަދަލު ކުރި އިމާރާތުގަ އެވެ. ހުޅުމާލެ، މާލެ ފެރީ ޓާމިނަލް ޖެހިގެން ހުންނަ އިމަރާތެކެވެ.

