ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަރަބިއްޔާ ބެލެނިވެރިން އެދުނު ގޮތަށް މޫނު ބުރުގާ މައްސަލައިގައި އަމުރެއް ނުލިބުނު

އަރަބިއްޔާ ސްކޫލުގެ ދެ ކުއްޖަކު ސްކޫލު ދޮރުމަތީގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އަރަބިއްޔާ ސްކޫލްގެ ޔުނިފޯމް ކޯޑަށް އެއްވެސް އިރަކު ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެތަނުގެ ދަރިވަރުން މޫނުބުރުގާ އެޅިޔަސް ކިޔެވުމުގެ ފުރުސަތުން މަހުރޫމް ނުކުރާކަން އެނގެން އޮންނާތީ، މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމައިފި އެވެ.

މައްސަލައިގައި ކޯޓުން ނިންމި ނިންމުމުގައި ވަނީ އަރަބިއްޔާ ސްކޫލުގެ ޔުނިފޯމް ކޯޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ. އަދި އެތަނުގައި ދަރިވަރުން މޫނު ބުރުގާ އެޅި ނަމަވެސް ތައުލީމު ފުރިހަމަ ކުރުމުގައި އެއްވެސް ދަތިތަކާއި ކުރިމަތިލާން ނުޖެހޭނެކަމާއި އެއްވެސް ހައްގަކުން މަހުރޫމްކޮށްފައި ނުވާކަން ހާމަވާކަމަށެވެ. އެހެންވެ، އެކަމަށް ރިއާޔަތް ކުރުމަށް ފަހު ބެލެނިވެރިން ހުށަހެޅި ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ރެހެންދި ޗެމްބާސް ލޯފާމުންނެވެ. ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، އަރަބިއްޔާ ސްކޫލުގެ އަންހެން ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވަނިކޮށް އެ ކުދިންނަށް އެގޮތަށް ސްކޫލަށް ހާޒިރު ނުވެވޭނެކަމަށް އަންގާފައިވާކަމަށެވެ. އަދި އެއީ ސްކޫލުގެ ޔުނިފޯމް ކޯޑާއި ހިލާފުކަމެއްކަމުގައި ބަޔާންކޮށް ލިއުމުން ވެސް އިންޒާރު ދީ ސްކޫލަށް ހާޒިރުވެ ތައުލީމު ފުރިހަމަ ކުރުމަށް ހުރަސްތަކާއި ކުރިމަތިކުރުވަމުންދާކަމަށެވެ.

މީގެއިތުރުން މައްސަލައިގައި ވަނީ މޫނު ކަޝްފުކޮށްގެން މުޖްތަމައުގެ ތެރެއިން ނިކުތުމަށް ބޭނުން ވާ ކުދިންނަށް ސްކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން ނިގާބު އަޅައިގެން ސްކޫލަށް ދަނިކޮށް ނިގާބު އަޅައި ސްކޫލަށް ހާޒިރު ނުވެވޭނެކަމަށް އަންގާފައިވާ ކަމަށެވެ. އެގޮތުން އެ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން އަދި މުއްދަރިއްސުންނަށް ވެސ އަނގަބަހުންނާއި ލިޔުމުން އެގޮތަށް އަންގައި މިނިސްޓްރީން މިދިޔަ މަހުގެ 28 ގައި ގަވައިދެއް އާއްމުކޮށްފައިވާ ކަމަށެވެ.

ސްކޫލު ދަރިވަރުންގެ އާއްމު ގަވައިދާއި އަދި ސްކޫލު ޔުނިފޯމު ކޯޑުގެ ތެރެއިން އެ ކުދިން ސްކޫލަށް ދިއުމުގެ ހައްގުން މަހުރޫމު ކުރާ މައްސަލަ ފައިސާލާ ކުރުވަނި ހުކުމެއް ހޯދުމަށްޓަކައި ކޯޓަށް ހުށަހެޅީ އެވެ.

ވަގުތީ އަމުރަށް އެދޭ ސަބަބެއްކަމަށް މައްސަލައިގައި ވަނީ ކުދިންނަށް ކްލާސްތަކާއި ފިލާވަޅު ގެއްލުމުގެ ފުރުސަތު އޮތުމާއި، ކުދިންގެ ފިލާވަޅުތައް ގެއްލެން ފަށައިފި ނަމަ ކުދިންނަށް އިމްތިހާނުގައި ބައިވެރިވެ ފާސްވުމުގެ ފުރުސަތު ގެއްލުމާއި އަދި އިމްތިހާނުގެ ނަތީޖާއަށް ނުރަނގަޅު އަސަރު ކުރުން އަދި ކުދިންގެ މުސްތަގުބަލަށް އިއާދަ ނުކުރެވޭނެ ފަދަ ގެއްލުންތަކެއް ވާނެކަމަށް ވަނީ ބުނެފަ އެވެ.

ރައްދުގައި ދައުލަތުން ބުނެފައި ވަނީ މައްސަލަ ހުށަހެޅި ފަރާތުން  ދެއްކި ވާހަކަތައް ސާބިތު ކުރުމުގެ ގޮތުން ހުށަހަޅާފައި ވަނީ ދެ ހެއްކި ކަމަށެވެ. އެއީ އަރަބިއްޔާގެ 22 މާޗް 2023 ގެ ލިއުމަކާއި، އެޑިއުކޭޝަން މިނިސްޓްރީން 28 މާޗުގައި ނެރެފައިވާ ސާކިއުލާއެއް ކަމަށެވެ. އެ ސާކިއުލާގައި ވަނީ ޔުނިފޯމު ކޯޑާއި އެއްގޮތަށް އަމަލު ކުރުމަށާއި ޔުނިފޯމު ކޯޑާއި އެއްގޮތަށް ދަރިވަރުން ސްކޫލަށް ފޮނުވުމަށްކަމަށް ދައުލަތުން ބުންޏެވެ. އަދި ހުށަހަޅާފައިވާ އެއްވެސް ލިއުމެއްގައި އަރަބިއްޔާގެ އެއްވެސް ދަރިވަރެއް ސްކޫލެއް އައުމަށް ނުވަތަ ކްލާހެއްގައި ކިޔެވުމަށް ނުވަތަ އިމްތިހާނެއް ހެދުމަށް މާނަކޮށްފައި ނުވާކަމަށެވެ. އަދި ހުރަސްއަޅާފައި ވެސް ނުވާކަމަށެވެ.

ދައުލަތުން ބުނީ އަރަބިއްޔާގެ ކޮންމެ ދަރިވަރަކަށް ކިޔަވަން އައުމުގެ ހައްގު އެބައޮތްކަމަށާއި، އަދި އެ ކުދިން ފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއެއްކަމަށެވެ.

ދައުލަތުން ބުނީ މި މައްސަލައިގައި ވަގުތީ ފަރުވާއެއް މެދުވެރިކޮށް، ހިމާޔަތް ކުރަން ޖެހޭ މައުޟޫއީ ހައްގެއް ނެތް ކަމަސެވެ. އަދި އަމުރަށް އެދިފައިވާ ފަރާތްތަކުން ކުރިމަތިވެދާނެކަމަށް ބުނެފައިވާ ގެއްލުމަކީ މިނިސްޓްރީގެ ނުވަތަ އަރަބިއްޔާގެ އަމަލާއި ގުޅިގެން ދަރިވަރަކަށް ކުރިމަތިވާނެ ނުވަތަ ކުރިމަތިވުމުގެ އެއްވެސް އިހްތިމާލެއް އޮތް ގެއްލުމެއް ނޫން ކަމަށެވެ.

މައްސަލައިގައި ދައުލަތުން ދެން ބުނީ ދައުވާ ކުރާ މީހުންގެ ނަންތައް ސިއްރުކޮށްފައިވާތީ، ދައުވާ ކުރާ މީހުންނަށް މޫނު ބުރުގާ އަޅާ ކުދިން ތަމްސީލު ކުރެވޭނެ ހައިސިއްޔަތެއް އެނގެން ނެތް ކަމަށެވެ. އަދި ވަގުތީ އަމުރު ނެރެން ޖެހެނީ ދަރިވަރުންގެ ހައްގު ގެއްލޭތީކަމަށް ބުނާއިރު، ހައްގު ގެއްލޭ މިންވަރަކާއި ކުދިންނަށް އަސަރު ކުރާ ގޮތް، ވެސް ބަޔާންކޮށްދީފައި ނެތް ކަމަށެވެ. އަދި މިއީ ޖުޑިޝަލް ރިވިއުގެ ދައުވާއެއްގެ ގޮތުން ބެލެނިވެރިންނަށް ކުރެވޭނެ ދައުވާއެއް ނޫންކަމަށް ބުނެ އެކަމުގެ ގާނޫނީ ސަބަބު ވަނީ ދައްކާފަ އެވެ.

މައްސަލައިގައި ކޯޓުން ނިންމި ނިންމުމުގައި ވަނީ ޖުޑިޝަލް ރިވިއުގެ ދައުވާއެއް ކޯޓަށް ހުށަހެޅޭނީ ދައުލަތުގެ އިދާރާއަކުން އަޅާފައިވާ ފިޔަވަޅެއްގެ ސަބަބުން ނުވަތަ ނިންމާފައިވާ ނިންމުމެއްގެ ސަބަބުން ސިދާ ގޮތެއްގައި އަސަރުކޮށްފައިވާ މީހަކަށް ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހަޅާއިރު ހައިސިއްޔަތު ވެސް ސާފުވާން ޖެހޭކަމަށް ފާހަގަ ކުރި އެވެ.

މައްސަލަ ހުށަހަޅާފައިވާއިރު، އެއީ މޫނު ބުރުގާ އެޅި ކުދިންގެ ފަރާތުންކަމަށް ބުނި ނަމަވެސް އެ ކުދިންނަކީ ކޮބައިކަމާއި އެ ކުދިން ތައުލީމު ހާސިލު ކުރަނީ ކޮން ގެރޭޑެއްގައިކަމަށް އެނގޭނެ އެއްވެސް މައުލޫމާތެއް ނެތްކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

އެހެންކަމުން އެ ސަބަބުތަކަށް ބަލާއިރު މިހާރު މި މަރުހަލާގައި ވަގުތީ އަމުރަށް އެދޭ ފަރާތަކަށް ވަގުތީ އަމުރަށް އެދުމުގެ ހައިސިއްތު އޮތްކަން ބެލެވެން ނެތްކަމަށް ކޯޓުގެ ނިންމުމުގައި ވެއެވެ.

އެޑިއުކޭޝަންގެ އެންގުމާއި ގުޅޭގޮތުން ކަންބޮޑުވުންފާޅުކޮށް، އަރަބިއްޔާގެ ބެލެނިވެރިން ބުނެފައި ވަނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގައި މޫނު ބުރުގާ އެޅުން މަނާ ނުކުރެވޭނެކަމަށެވެ. އަދި މޫނު އަޅާ ކުދިން ދަށް ކުރާ މޭރުމަކުން ޓީޗަރުން ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބުންޏެވެ.

އަޒްހަރު ޔުނިވާސިޓީގެ އެހީގައި މީގެ 36 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލުގެ ޔުނިފޯމު ކޯޑަކީ އަންހެން ކުދިން ބުރުގާ ހެދުން ސްކާޓް އަދި ހަރުވާޅެވެ.

މިނިސްޓްރީގެ އެ އެންގުމަށް ފަހު ސްކޫލުގައި ތިބި މޫނު އަޅާ ކުދިންގެ ނަންތައް ނޯޓު ކުރިކަމަށް ބެލެނިވެރިން ބުނެ އެވެ. ބެލެނިވެރިން އެކަން ސިފަ ކުރީ ދަރިވަރުންނަށް ދައްކާ ބިރެއްގެ ގޮތުގަ އެވެ.

މީގެ އަހަރުތަކެއް ކުރީން 2012 ގައި ވެސް ކުއްލިއްޔާގައި ކިޔެވި ދަރިވަރަކު މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުވަދެވޭނެކަމަށް ބުނެ އެކަން އެންގި މައްސަލަ ވެސް ހޫނުވެ ކޯޓާއި ހަމައަށް ދިޔަ އެވެ. އަދި މައްސަލަ ކޯޓުގައި ކުރިޔަށް ދަނިކޮށް އުސޫލު ބަދަލުކޮށް މޫނު ބުރުގާ އަޅައިގެން ވެސް ކިޔެވޭ ގޮތަށް ފަހުން ބަދަލު ގެނެއީ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: