އަރަބިއްޔާ ސްކޫލްގެ ޔުނިފޯމް ކޯޑަށް އެއްވެސް އިރަކު ބަދަލެއް އައިސްފައި ނުވާ ކަމަށާއި އެތަނުގެ ދަރިވަރުން މޫނުބުރުގާ އެޅިޔަސް ކިޔެވުމުގެ ފުރުސަތުން މަހުރޫމް ނުކުރާކަން އެނގެން އޮންނާތީ، މޫނުބުރުގާގެ މައްސަލާގައި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ ރެހެންދި ޗެމްބާސް ލޯފާމުންނެވެ. ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، އަރަބިއްޔާ ސްކޫލުގެ އަންހެން ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވަނިކޮށް އެ ކުދިންނަށް އެގޮތަށް ސްކޫލަށް ހާޒިރު ނުވެވޭނެކަމަށް އަންގާފައިވާކަމަށެވެ. އަދި އެއީ ސްކޫލުގެ ޔުނިފޯމް ކޯޑާއި ހިލާފުކަމެއްކަމުގައި ބަޔާންކޮށް ލިއުމުން ވެސް އިންޒާރު ދީ ސްކޫލަށް ހާޒިރުވެ ތައުލީމު ފުރިހަމަ ކުރުމަށް ހުރަސްތަކާއި ކުރިމަތިކުރުވަމުންދާކަމަށެވެ.
މީގެއިތުރުން މައްސަލައިގައި ވަނީ މޫނު ކަޝްފުކޮށްގެން މުޖްތަމައުގެ ތެރެއިން ނިކުތުމަށް ބޭނުން ވާ ކުދިންނަށް ސްކޫލުން ދީފައިވާ ހުއްދައެއްގެ ދަށުން ނިގާބު އަޅައިގެން ސްކޫލަށް ދަނިކޮށް ނިގާބު އަޅައި ސްކޫލަށް ހާޒިރު ނުވެވޭނެކަމަށް އަންގާފައިވާ ކަމަށެވެ. އެގޮތުން އެ ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން އަދި މުއްދަރިއްސުންނަށް ވެސ އަނގަބަހުންނާއި ލިޔުމުން އެގޮތަށް އަންގައި މިނިސްޓްރީން ގަވައިދެއް އާއްމުކޮށްފައިވާ ކަމަށެވެ.
ސްކޫލު ދަރިވަރުންގެ އާއްމު ގަވައިދާއި އަދި ސްކޫލު ޔުނިފޯމު ކޯޑުގެ ތެރެއިން އެ ކުދިން ސްކޫލަށް ދިއުމުގެ ހައްގުން މަހުރޫމު ކުރާ މައްސަލަ ފައިސާލާ ކުރުވަނި ހުކުމެއް ހޯދުމަށްޓަކައި ކޯޓަށް ހުށަހެޅީ އެވެ.
އަރަބިއްޔާ ސްކޫލަށް މޫނު ބުރުގާ އަޅައިގެން ދިއުން މަނާ ކުރި މައްސަލަ ބެލެނިވެރިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމީ ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެހެންވެ ދަށު ކޯޓުގެ ހުކުމް، މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ކޯޓުގެ ވެބްސައިޓުން ދައްކާގޮތުން، އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައި ވަނީ މިދިޔަ ހަފްތާގަ އެވެ.
މައްސަލަ ސިވިލް ކޯޓުން ބެލުމަށް ފަހު ނިންމި ނިންމުމުގައި ވަނީ، މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިއުމަށް ހުރަސް ނޭޅޭނެކަމަށް ވަގުތީ އަމުރަކުން ކަނޑައަޅައިދޭން ބެލެނިވެރިން ހުށަހެޅިނަމަވެސް ތައުލީމު ހާސިލު ކުރުމުން ދަރިވަރުން މަހުރޫމްކޮށްފައި ނުވާކަން ދައުލަތުގެ ބަހުންނާއި ހުށަހެޅުންތަކުން ވެސް އެނގޭ ކަމަށެވެ.
Sangu News | Your News. Zero lies straight to your eyes. މޫނު ބުރުގާ އަޅާތީ ސްކޫލުން އެފަދަ އެންގުމެއް އެންގީ ކޮން ކުދިންތަކަކަށްކަމާއި، މައްސަލަ ހުށަހެޅި ބެލެނިވެރިންގެ އޮތީ ކޮން ހައިސިއްޔަތެއްކަން ސާފުނުވާކަމަށް ހުކުމުގައި ވެއެވެ. ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި، ބެލެނިވެރިންނާއި ދަރިވަރުންގެ ނަން ވަނީ ސިއްރުކޮށްފަ އެވެ. އެކަން ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. އެހެންވެ އެ ކުދިންނަކީ ކޮބައިކަމާއި، ތައުލީމު ހާސިލު ކުރަނީ ކޮން ގްރޭޑެއްގައިކަން ވެސް އެނގޭނެ މައުލޫމާތެއް ދައުވާ ފޯމުގައި ނެތްކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.
ހުކުމުގައި ވާގޮތުން މި މައްސަލަ ހުށަހަޅާފައި ވަނީ، މޫނު ބުރުގާއަޅައިގެން ދާ ކުދިންގެ ފަރާތުންކަމަށް ދައުވާގައި ލިޔެފައިވާއިރު އެ ކުދިންނަކީ ކޮންބައެއްކަން ސާފުވާން ޖެހެ އެވެ.
މީގެއިތުރުން ހުކުމުގައި ވަނީ، އަރަބިއްޔާ ސްކޫލުން ދަރިވަރުންގެ ޔުނިފޯމު ކޯޑަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަމަށެވެ.
އަޒްހަރު ޔުނިވާސިޓީގެ އެހީގައި މީގެ 36 އަހަރު ކުރިން ރާއްޖޭގައި ކިޔަވައިދޭން ފެށި އަރަބިއްޔާ ސްކޫލުގެ ޔުނިފޯމު ކޯޑަކީ އަންހެން ކުދިން ބުރުގާ ހެދުން ސްކާޓް އަދި ހަރުވާޅެވެ.
މިނިސްޓްރީގެ އެ އެންގުމަށް ފަހު ސްކޫލުގައި ތިބި މޫނު އަޅާ ކުދިންގެ ނަންތައް ނޯޓު ކުރިކަމަށް ބެލެނިވެރިން ބުނެ އެވެ. ބެލެނިވެރިން އެކަން ސިފަ ކުރީ ދަރިވަރުންނަށް ދައްކާ ބިރެއްގެ ގޮތުގަ އެވެ.
މީގެ އަހަރުތަކެއް ކުރީން 2012 ގައި ވެސް ކުއްލިއްޔާގައި ކިޔެވި ދަރިވަރަކު މޫނު ބުރުގާ އަޅައިގެން ސްކޫލަށް ނުވަދެވޭނެކަމަށް ބުނެ އެކަން އެންގި މައްސަލަ ވެސް ހޫނުވެ ކޯޓާއި ހަމައަށް ދިޔަ އެވެ. އަދި މައްސަލަ ކޯޓުގައި ކުރިޔަށް ދަނިކޮށް އުސޫލު ބަދަލުކޮށް މޫނު ބުރުގާ އަޅައިގެން ވެސް ކިޔެވޭ ގޮތަށް ފަހުން ބަދަލު ގެނެއީ އެވެ.

