މުދައްރިސްކަމަކީ، އެކަމުގެ އަސަރު އެތައް ޒަމާނަކަށް ދެމިގެންދާ މަތިވެރި، ގަދަރުވެރި މަސައްކަތެއްކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓަރު އައިޝަތު އަލީ ދެއްވި ހިތާބުގައި އެކަމަނާ ވިދާޅުވީ، ދުނިޔެ ދަނީ ހައްލުވި ދުވެއްޔެއްގައި ތަރައްގީވަމުންކަމަށްވުމުން، ހޭލުންތެރި ދަރިވަރުން ބިނާ ކުރުމަށް ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެނަންން ޖެހޭކަމަށެވެ. އަދި އިހުގައި ޗޯކާއި ބޯޑުން ކިޔަވައިދިން ނަމަވެސް މިހާރު ޓީޗަރުން ”ވާދަކުރަން“ ޖެހިފައިވަނީ ޑިޖިޓަލް ސްކްރީނުތަކާއި ކަމަށްވެސް އައިޝަތު އަލީ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ތައުލީމީ ދާއިރާއަށް އަންނަ ކޮންމެ އިންގިލާބީ ބަދަލެއްގެ ފަހަތުގައި ތިބޭނީ މުދައްރިސުންކަމަށެވެ. އަދި ކޮވިޑްގެ ދަތި ދުވަސްވަރުގެ ތެރޭގައިވެސް ޓީޗަރުންވަނީ ކެނޑިނޭޅި ތައުލީމު ދިނުމުގައި މަސައްކަތްތަކެއް ކުރައްވާފައިކަމަށްވެސް އެކަމަނާ އިޝާރާތްކުރެއްވިއެވެ.
2022 ވަނަ އަހަރުގެ ޓީޗަރުންގެ ދުވަސް ފާހަގުރުމުގެ ޝިޔާރަކީ ”ތައުލީމުގެ ގޮތްތަކާއި ސިފަ ބަދަލުކުރަން ފަށަނީ މުއްދައްރިސުންނާއި ހިސާބުން“ ކަމަށް ފާހަގަކުރައްވާ މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، އެ ޝިޔާރު ހިޔާރު ކުރެއްވީ، ކޮވިޑްގެ ދަތި ދަނޑިވަޅުގައި ޓީޗަރުން ވެފައިވާ މުހިންމު ގުރުބާނީތައް އަގު ވަޒަން ކުރުމުގެ ގޮތުންކަމަށެވެ.
އެކަމަނާ ވިދާޅުވީ އެ ޝިޔާރު ހިޔާރު ކުރެއްވި ސަބަބުތަކުގެ ތެރޭގައި ދިރިއުޅުމާއި ދަރިވަރުން ކުރިމަތިލުމަށް ބޭނުންވާނެ އުކުޅުތަކާއި ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމުގައި މުދައްރިސުން ބޭނުންވާ ވަސީލަތްތަކާއި ތަމްރީނުތައް ހޯދައިދިނުން ހިމެނޭކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެޑިއުކޭޝަން މިނިސްޓްރީއިން ބޭނުންވަނީ މުދައްރިސުންނަކީ އިލްމު އުފައްދައި ކިޔަވައިދޭ ތަކެއްޗާއިމެދު ފިކުރު ހިންގާ އަހަރުން އަހަރަށް ފިލާވަޅުތައް ކުރިއަރުވައި ދަރިވަރުންނާއި ގުޅޭ ސިޔާސަތުތައް ބައްޓަންކުރުމުގައި ބައިވެރިވެވޭ ފަދަ އިލްމީ ހުނަރު ލިބިފައިވާ ބައެއް ކަމަށް ހެދުމަށް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ގައުމު ގެންދަން ބޭނުންވާ މިސްރާބު އަމާޒު ކުރާ ފަރާތްތަކަކީވެސް މުދައްރިސުންކަމަށްވުމުން، ދަރިވަރުން އުނގެނޭ ތަކެތި ބިނާވަނީ ހަމައެކަނި ސުކޫލު ފިލާވަޅަކުން ނޫންކަމަށެވެ. އަދި މުދައްރިސުން މުޖުތަމައުގެ ތެރޭގައި އުފައްދާ ގުޅުންތަކާއި މީހުންނާއި މުއާމަލާތު ކުރާ ގޮތުންވެސް ދަރިވަރުން ނަމޫނާ ނަގާނެކަމަށް އެކަމަނާ ވިދާޅުވިއެވެ.

