ގައުމެއްގެ ދުޅަހެޔޮކަން ދަމަހައްޓާނީ އެ ގައުމެއްގެއް ރައްޔިތުންނެވެ. އަދި އެ ރައްޔިތުންގެ ދުޅަހެޔޮކަން ދަމަހައްޓާނީ ރަނގަޅު ކާބޯތަކެތިންނެވެ. މިއީ ބަދަލުވުމެއް ނެތް ތެދު ހަގީގަތެވެ.
އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތިން ވިސްނާ ނަމަ، އެ ގައުމެއްގެ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި ރައްކައުތެރިކަމާއި ތާޒާ ކަންމަތީ ލިބޭނެ ނިޒާމެއް ގާއިމު ކުރެވިފައި އޮތުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. އަދި ގިނަ އަދަދެއްގެ ކޯބޯތަކެތީގެ ބާވަތްތައް ބޭރުގައުމުތަކުން އިމްޕޯޓު ކުރާ ގައުމުަކަށް މިފަދަ ނިޒާމެއް އޮތުމަކީ އިގްތިސާދީ ދުޅަހެޔޮ ކަމާއިވެސް ލާމެހިފައިވާ ކަމެއް ކަމާއިމެދު ޝައްކެއްވެސް ނެތެވެ.
ކޮވިޑްގެ ދަތި ދުވަސްވަރަކީ ދުނިޔޭގެ ގިނަ ގައުމުތަކަށް މުހިންމު ފިލާވަޅުތަކެއް ލިބިގެންދިޔަ ދުވަސްވަރެކެވެ. ދުނިޔޭގެ އިގްތިސާދަށް މަޑުޖެހުންތަކެއް އައިސް، އިމްޕޯޓު ކުރުން ފަދަ މަސައްކަތްތަކުގައި ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާންޖެހުނެވެ. ދިވެހިރާއްޖޭގެ ރައްޔިތުންނަށްވެސް މި ދަތިކަމުގެ އިހުސާސްތައް ކުރެވިގެންދިޔައެވެ.
ކާބޯތަކެތީގެ ދަތިކަމެއް ކުރިމަތިވެދާނެކަމުގެ އިންޒާރުތައް ފެންނަން ފެށުމާއި އެކު އެންމެންވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ބައެއް ތަކެތި ލިބެން ނެތް އިރު، ލިބުނު ތަކެތީގެ ތާޒާކަން ގެއްލިފައި ހުރި މަންޒަރު ފެނުނެވެ. ހާއްސަ ގޮތެއްގައި ހަށިގަނޑަށް ފައިދާ ކުރުވަނިވި ތަކެތިންނެވެ. މޭވާ އަދި ތަކުރުކާރި ފަދަ ތަކެތިންނެވެ.
ކޮވިޑްގެ ބަލިމަޑުކަމުން ރަނގަޅަށް އަރައިނުގަނެވި ތިއްބާ އަނެއްކާވެސް އިވިގެންދިޔައީ ހަނގުރާމައިގެ އަޑުތަކެވެ. އެކަމުގެ ސަބަބުން ދުނިޔޭގޭ ކާބޯތަކެތީގެ މާކެޓަށް ލޮޅުންތައް އައި ވާހަކައެވެ. އެކަމުންވެސް ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ނުތަނަވަސްކަން އިތުރުވެގެންދިޔައެވެ. ނަމަވެސް މިފަދަ އަސަރުތައް ކުޑަކުރުމަށްޓަކައި ގާއިމު ކުރެވިދާނެ ނިޒާމެއް އޮވެއެވެ. އެއީ ދަނޑުވެރިކަމުގެ ނިޒާމެވެ.
ދަނޑުވެރިކަމަކީ، ޒަމާނާއި އެކު ބަދަލުވެ، އާރާސްތުވަމުން އަންނަ ދާއިރާއެކެވެ. މި ދާއިރާގެ އިސް ސަފުގައި ތިބި ގައުމުތައް ހިންގުމާއި ހަވާލުވެ ތިބި ފަރާތްތައް ދާއިރާ ކުރިއަރުވަން ބުރަ މަސައްކަތްތަކެއް ކުރެއެވެ. ސަބަބަކީ ދަނޑުވެރިކަމުން އިގްތިސާދަށާއި މުޖުތަމައަށް ލިބޭ ގިނަ ގުނަ ފައިދާތަކެއް ހުރުމެވެ. އެފަދަ މަސައްކަތްތަކުގެ ތެރެއިން މިއަދު ހައިޑްރޯޕޯނިކްސް އަދި ވާޓިކަލް ފާރމިންގް ފަދަ އުސޫލުތައްވެސް އާންމުވެގޮސްފިއެވެ.
އެހެންކަމުން ދަނޑުވެރިކަމުގެ ދާއިރާ އާރާސްތުކޮށް ފުޅާ ކުރުމުގެ ސަބަބުން ލިބިގެންދާ ފައިދާތަކަށް އަލިއަޅުވައިލުން މުހިންމެވެ.
ދަނޑުވެރިކަމަކީ ގައުމުގެ އިގްތިސާދާއި ފުރިހަމައަށް ގުޅިލާމެހިފައިވާ ދާއިރާއެކެވެ. ހާއްސަކޮށް މިފަދަ ދަތި ދަތިދަނޑިވަޅެއްގައެވެ. ދަނޑުވެރިކަމުގެ ބިޔަ މަޝްރޫއުތައް ކުރިއަށް ގެންގޮސްގެން އިގްތިސާދީ ދެ މަންފާއެއް އެއް ފަހަރާ ހާސިލު ކުރެވިގެންދެއެވެ.
ރައްޔިތުންނަށް ބޭނުންވާ މިންވަރަށް މޭވާ އަދި ތަރުކާރީ އުފެއްދުމުން، އަގުތައް އުފުލިފައިވާ މާކެޓަކުން ތަކެތި ގަންނަން ޖެހޭ މިންގަނޑުތައް ދަށަށްގޮސް، މާލިއްޔާތަށް ބޮޑެތި ލުއިތަކެއް ލިބިގެންދާއިރު، ހެޔޮ އަގުގައި ލިބެން ހުރުމުގެ ސަބަބަނުން ރައްޔިތުންގެ ޖީބަށްވެސް ލުއިތަކެއް ލިބިގެންދާނެއެވެ.
މަޝްރޫޢުތައް ފުޅާކޮށް ހިންގައި، ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް އުފެއްދުމުން ބައިނަލްއަގުވާމީ މާކެޓަށް އެތަކެތި ވިއްކައިގެން ގައުމަށާއި އުފައްދާ ފަރާތްތަކަށް އެކަމުގެ ބޮޑެތި ފައިދާތައް ހާސިލު ކުރެވިގެންދެއެވެ.
ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢުތަކަކީ މުޖުތަމައަށްވެސް މުހިންމު ކަމެކެވެ. އެގޮތުން ހިންގާ ބިޔަ މަޝްރޫއުތަކުން ގިނަ އަދަދެއްގެ ވަޒީފާތައް އުފެދިގެންދެއެވެ.އަމިއްލަ ގައުމުގެ ރައްޔިތުންގެ ކެއިން ބުއިމުގެ ކަންކަން ކަށަވަރު ކުރެވުމަކީވެސް އެފަދަ ފައިދާއެކެވެ. އަދިއިންތިހާއަށް މުހިންމު ކަމެކެވެ.
އަބަދާއިމެ އަަބަދު އެހެނިހެން ގައުމުތަކަށް ބަރޯސާ ވުމަކީ ބުއްދި ވެރި ކަމެއް ނޫންކަން ކޮވިޑް އަދި ރަޝިއާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކުރިމަތިވި ދަތިތަކުން ސާފެވެ. އެހެންކަމުން ދަނޑިވެރިކަމުގެ ބިޔަ މަޝްރޫޢުތައް ހިންގުމަކީ އެފަދަ ކަންކަމުން ރައްކައުތެރިވުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއްކަން ކަށަވަރެވެ.
ދަންޑުވެރިކަމަކީ ގައުމެއްގެ ރައްޔިތުންގެ ސިއްހަތާއިވެސް ގާތް ގުޅުމެއް އޮންނަ ދާއިރާއެކެވެ. ބޭރު ގައުމުތަކުން ގެންނަ ތަކެތި އުފައްދާފައިވާ އުސޫލުތައް ބަޔާންކޮށްފައިވާނަމަވެސް، ޔަގީން ކަަމާއި އެކު އެ ތަކެތި އުފައްދާ ގޮތް ބެލެހެއްޓޭނީވެސް އަމިއްލައަށް އުފައްދާނަމައެވެ.
ބޭރު ގައުމުތަކުން ތަކެތި އިމްޕޯޓު ކުރުމުގައި ގިނަ ދުވަސްތަކެއްވެއެވެ. އެހެން ކަމުން ވާސިލުވާންވީ ހިސާބަށް ދާއިރު، އެ ތަކެތީ ތާޒާކަން ކެނޑިގެންދާ ފަހަރު އާދެއެވެ. އަމިއްލަ ގައުމުގައި ހުންނަ ދަނޑުތަކުން ސީދާ ރައްޔިތުންނަށް އެ ތަކެތި ފޯރުކޮށްދެވުމުން، މޭވާ އަދި ތަރުކާރި ފަދަ ތަކެތީގައި އެކުލެވިފައިވާ މާއްދާތަކުގެ ފުރިހަމަ ފައިދާ އެ ތަކެތި ބޭނުން ކުރާ ފަރާތްތަކަށް ލިބިގެންދެއެވެ.
މި ނޫންވެސް އިތުރު ފައިދާއް ހުރެއެވެ. ދަނޑުވެރިކަމަކީ ތިމާވެށި ރައްކައުތެރި ކުރުމުގައިވެސް މުހިންމު ރޯލުތަކެއް އަދާކުރާ ދާއިރާއެކެވެ. އެގޮތުން ބިމުގައި ހުންނަ ފެނުގެ ސާފުކަން ދެމެހެއްޓުމުގައި މުހިންމު ރޯލެއް އަދާކުރާއިރު، ފަސްގަނޑުގެ ތާޒާކަން ދެމެހެއްޓުމުގައިވެސް މުހިންމު ރޯލެއް އަދާކުރެއެވެ.
އިސްވެ ދެންނެވި ހުރިހާ ކަމަކަށް ބެލުމުން، ދަނޑުވެރިކަމުގެ މުހިންމުކަން ސާފުވެއެވެ. އެހެން ނަމަވެސް މުޅި ދުނިޔެއަށްވެސް މުހިންމު މި ސިނާއަތު ކުރިއެރުވުމަށް ދިވެހިރާއްޖޭގައި ގާނޫނީ އޮނިގަނޑެއް އެކުލަވާލެވިފައި ނެތެވެ. އަދި ގަވައިދެއްވެސް ހެދިފައި އޮތީ ބޭނުން ކުރާ ޕެސްޓިސައިޑާއި ގުޅޭގޮތުންނެވެ. މިއީ ހިތާމަވެރިކަމެކެވެ. އެހެންކަމުން ދާއިރާ ކުރިއެރުވުމަށް ސަރުކާރުން އެއްބާރުލުން ދިން ނަމަވެސް އެންމެ އެކަށީގެންވާ މިންވަރަށް އެއްބާރުލުން ދެވިފައި ވާކަމަށް ބުނެވެން ނެތެވެ.
އެހެން ނަމަވެސް ދަނޑުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ދިވެހިރާއްޖޭގައި އެގްރޯނެޓުގެ ނަމުގައި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއް ގާއިމުކުރެވިފައިވެއެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު އަމާޒަކީ، ދިވެހިރާއްޖާގެ ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވައި، އެކަމަށް ބޭނުންވާ ވަސީލަތްތައް ލުއި ފަސޭހަކަމާއި އެކު ލިބޭނެ މަގު ފަހިކޮށްދިނުންކަމަށް ބުނެފައިވެއެވެ.
ކުންފުނީގެ އަމާޒުތަކުގެ ތެރޭޭގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ އިލްމު އިތުރުކޮށް، މި މަސައްކަތްތަކުގެ ތެރޭގައި އަންހެނުންގެ ދައުރު އިތުރު ކުރުން ހިމެނޭއިރު، ފާރޓިލައިޒަރ ފަދަ ތަކެތި ހޯދުން ފަހިކޮށްދީ، ގައުމަށް ކާބޯތަކެތީގެ ދަތިކަން ކުރިމަތި ނުވާނެ ފަދަ ގޮތަކަށް އިގްތިސާދު ބައްޓަންކޮށް، ވަޒީފާގެ ފުރުސަތުތައްވެސް އިތުރު ކުރުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން، 2022 ވަނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ހައިޑްރޮޕޯނިކްސް ފަދަ ޒަމާނީ ދަނޑުވެރިކަން ޕްރޮމޯޓު ކުރުމަށް ހޭދަ ކުރުމަށް ކަނޑައެޅިފައިވަނީ 6 ލައްކަ ރުފިޔާއާއި ގާތް ކުރާ އަދަދެކެވެ. އަދި ދެމެހެއްޓެނިވި ދަނޑުވެރިކަމަށް ޑިމޮންސްޓްރޭޝަން ފެންދޭނިޒާމް (ޑްރިޕްއިރިގޭޝަން) ޤާއިމްކުރުމަށް 1,170,892 ރުފިޔާ ހޭދަ ކުރާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.
ދާއިރާ ކުރިއެރުވުމަށް ގާނޫނީ އޮނިގަނޑެއް ނެތުމުގެ އިތުރުންވެސް ދިވެހިރާއްޖޭގައި މި މުހިންމު ސިނާއަތަށް ގޮންޖެހުންތަކެއް ހުރެއެވެ. އެގޮތުން ބިމުގެ ދަތިތަކަމަކީ ދިވެހި ދަނޑުވެރިންނަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށްވާއިރު، މިކަން ކުރިއަރުވައި އާލާ ކުރުމަށް ބޭނުންވާ ޒަމާނި ވަސީލަތްތައް ހޯދުމުގައި ބޮޑެތި ގޮންޖެހުންތައް ހުރެއެވެ.
ދަނޑުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ބައެއް ސާމާނަށް ޑިއުޓީ ނެގުމަކީވެސް އެ މަސައްކަތައް ކުރިމަތިވެފައިވާ ދައްޗެކެވެ. އަދި ބައެއް ފާޓިލައިޒާ ފަދަ ތަކެތި ކަސްޓަމުން އެތެރެ ކުރުމުގައި ދަތިތައް ހުރުން ފަދަ ކަންކަން ވެސް ފާހަގަކުރެވިފައިވާއިރު، ދަނޑުތަކަށް ކަރަންޓު ދިނުމުގައި ބިޒްނަސް ރޭޓުން ކަރަންޓުގެ އަގު ނެގުމުންވެސް ދަތިތަކެއް ހުރިކަމަށް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.

