ރޯދަ މަހަށް ދަނޑުވެރިން ހައްދާ ކާބޯތަކެތީގެ ބާވަތްތައް މާލެ ގެނެސް ވިއްކުމަށްޓަކައި މާލެ އަންނަ ދަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ދަނޑުވެރިންގެ ބާޒާރުގައި އަންނަ އަހަރުގެ ރަމަޟާންމަހު ތަކެތި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް މި ފުރުސަތު ހުޅުވާލާފައިވާއިރު، މި ބާޒާރުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ވުޒާރާއަށް މައުލޫމާތު ހިއްސާކުރުމަށް އެދިފައިވެއެވެ.
އަންނަ އަހަރުގެ ރަމަޟާން މަހު މާރުކޭޓުގައި ތަކެތި ވިއްކުމަށް އެދޭ ފަރާތްތަކުގެ މައުލޫމާތު ހުށަހެޅުމަށް މިހާރު ހުރިހާ ކައުންސިލްތަކަށް އަންގާފައިވާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އަންނަ އަހަރުގެ ރަމަޟާން މަހު މާރުކޭޓު ގާއިމްކުރާނެ ވަކި ތަނެއް ކަނޑައަޅާނީ ބައިވެރިވުމަށް އެދި ނަން ހުށަހަޅާ ރަށްރަށުގެ ނިސްބަތާއި އަދަދަށް ބެލުމަށްފަހުކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
މި މާރުކޭޓަކީ ރަށްރަށުގެ ދަނޑުވެރިން އުފައްދާ ބާވަތްތައް މާލޭ ސަރަޙައްދުގައި ފަސޭހަކަމާއެކު ވިއްކަން މަގުފަހިކޮށްދިނުމުގެ ގޮތުން މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މި އަހަރު ގާއިމްކުރި ބާޒާރެކެވެ.
ދަނޑުވެރިކަމާބެހޭ މިނިސްޓްރީން އާންމުކޮށްފައިވާ ވަގުތީ މާރުކޭޓު ހިންގުމުގެ އުސޫލުގައިވާ ގޮތުގައި، މި މާރުކޭޓުގައި ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވައި އިތުރު އެއްވެސް ބާވަތެއް ވިއްކުމަކީ މަނާ ކަމެކެވެ. މީގެ އިތުރުން މި މާރުކޭޓުގައި ބިދޭސީންނަށް އެއްވެސް ވަރަކަށް ހަރަކާތްތެރި ނުވެވޭނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

