އެސްއެމްއީ ޑިޖިޓަލް ފައިނޭންސިން ފެސިލިޓީގެ ދަށުން ދަނޑުވެރިކަމުގެ ދާއިރާއަށް ދޫކުރާ މާލީ އެހީތެރިކަމަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ 2026 ވަނަ އަހަރުގެ ޖުލައި މަހުގެ 22 ވަނަ ދުވަހު އަލުން ހުޅުވާލުމަށް ނިންމައިފިއެވެ.
މިއީ ދަނޑުވެރިކަން ތަރައްގީކުރުމާއި، އުފެއްދުންތެރިކަން އިތުރުކުރުމާއި، އުމްރާނީ ވަސީލަތްތައް ގާއިމުކުރުމުގެ އިތުރުން، ޒަމާނީ ދަނޑުވެރިކަމުގެ އާލާތްތަކާއި ސާމާނު ހޯދުމަށް ދަނޑުވެރިންނަށް އެހީތެރިވުމަށް ފަރުމާކޮށްފައިވާ ފެސިލިޓީއެކެވެ. މި ފައިނޭންސިންގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާގެ އުފެއްދުންތެރިކަން ވަރުގަދަކޮށް، އަމިއްލަ ދަނޑުވެރިންގެ މަސައްކަތްތައް ފުޅާކުރުމުގެ ގާބިލުކަން އިތުރުކުރުމެވެ.
މި މަޝްރޫއުގެ ދަށުން ޝަރުތުހަމަވާ ދަނޑުވެރިންނަށް 2 މިލިއަން ރުފިޔާއާ ހަމައަށް ފައިނޭންސިންއަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އަލަށް ހުށަހަޅާ އެޕްލިކޭޝަންތަކުގެ އިތުރުން، މިހާރު ކުރިއަށްދާ މަޝްރޫއުތަކަށް ވެސް މި ސްކީމްގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އެގޮތުން ’ދަނޑުވެރި މަންފާ އެގްރީބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމް’ގެ ދަށުން މަސައްކަތް ފަށާފައިވާ ފަރާތްތަކަށް، އެ މަޝްރޫއުތައް ނިންމުމަށް އިތުރު ފައިސާ ބޭނުންވާނަމަ ’ދަނޑުވެރި ނަފާ‘ ފެސިލިޓީގެ ތެރެއިން އެ ފުރުސަތު ލިބޭނެއެވެ. މިއީ ބަޖެޓުގެ ދަތިކަމާހުރެ މަޝްރޫއުތައް ހުއްޓުމަކަށް އައުމުގެ ބަދަލުގައި، ރޭވިފައިވާ ގޮތަށް މަސައްކަތްތައް ނިންމުމަށް މަގުފަހިކޮށްދިނުމަށް ނިންމި ނިންމުމެކެވެ.
މި ފައިނޭންސިން ފުރުސަތު އަލުން ހުޅުވާލުމަކީ ދަނޑުވެރިކަމުގެ ދާއިރާ ޒަމާނީކޮށް ފުޅާކުރުމަށް ލުއި ލޯނު ބޭނުންވެފައިވާ ދަނޑުވެރިންނަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ. މިއީ ދަނޑުވެރިކަމުގެ ދާއިރާގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށާއި، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
ބިން މަދުވުމާއި، ބޭރުން ގެންނަ ތަކެއްޗަށް ބަރޯސާވާންޖެހުމާއި، ދުނިޔޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލުމުގެ ސަބަބުން، ރާއްޖޭގެ އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިފަދަ ފައިނޭންސިން ސްކީމްތަކުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުވެ، ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް ބާރު ލިބިގެންދާނެއެވެ.

