ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާ: ސިއްރު ހެކިވެރިއަކު އޭނާގެ ނަން ހާމަކޮށް، އަނިޔާ ކުރާކަމުގެ ތުހުމަތު!

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ހައްޔަރު ކުރި އަބްދުﷲ އަލީ މަނިކު ޝަރީއަތުގެ އަޑުއެހުމެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީ އެއް ގޮއްވާލައި ދިން ހަމަލާގެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ ޝަރީއަތުގެ މަޖިލީހުގައި ސިއްރު ހެއްކަކު އޭނާގެ ނަން ހާމަކޮށް ހެކިބަސް ދިނުމަށް އަނިޔާކޮށް މަޖުބޫރު ކުރަމުން ގެންދާކަމުގެ ތުހުމަތުކޮށްފި އެވެ.

2021، މޭއި 06 ގައި ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާއެއް ދީފައި ވަނީ އެމަނިކުފާނު އޭރު ދިރިއުޅުއްވަމުން ގެންދެވި ގ. ކެނެރީގެއިން ނިކުމެވަޑައިގެން ކާރަށް އަރާވަޑައިގެންނެވި ވަގުތު ސައިކަލެއްގައި ހަރުކޮށްފައި ހުރި އައިއީޑީއެއް ގޮއްވާލައިގެންނެވެ.

މައްސަލައިގައި ހައްޔަރު ކުރި، އަބްދުﷲ އަލިމަނިކާއި މުހައްމަދު ތަސްލީމާއި ދެކޮޅަށް ދައުލަތުން އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގައި މިއަދު އޮތީ ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ. އެގޮތުން ސިއްރު ހެކިވެރިއެއް، އޭނާގެ ހެކި ބަސް ދޭން ފަށަމުން އެންމެ ފުރަތަމަ ވެސް އޭނާގެ ފުރިހަމަ ނަން ހާމަކޮށް ބުނީ، ފުލުހުން އެނާއަށް އަނިޔާކޮށް ހެކިބަސް ދޭން މަޖުބޫރުކޮށްފައިވާ ކަމަށެވެ.

ކާކުކަން ނޭނގެ ގޮތަށް، އަޑު ބަދަލުކޮށްގެން ސިއްރު ހެކި ބަސް ނަގާއިރު އެ މީހެއް ބަހައްޓާނީ ވަކިން ތަނެއްގައި ހަމައެކަނި އޭނާ ދައްކާ ވާހަތައް އޯޑިއޯ މެދުވެރިކޮށް ޝަރީއަތުގެ މަޖިލީހަށް އިވޭ ގޮތަށެވެ. ނޫސްވެރިން ވެސް ހާޒިރުވެ ތިބި، އެ ޝަރީއަތުގައި ސިއްރު ހެކިވެރިޔާ ތަކުރާރުކޮށް އޭނާގެ ނަން ބުންޏެވެ.

އެނާ ބުނަމުން ދިޔައީ، މައްސަލައިގައި ދެން ތުހުމަތު ކުރެވޭ މީހުންނާއި ދެކޮޅަށް ހެކި ބަސް ދެން އޭނާއަށް މަޖުބޫރު ކުރަމުންދާ ކަމަށެވެ. އަދި ޖަލުގައި އޭނާއަށް އެކި ގޮތްގޮތަށް އަނިޔާ ކުރަމުންދާކަމަށް ބުނަން ފެށުމުން، ޝަރީއަތުގެ އަޑުއެހުން މެދުކަނދާލި އެވެ. ކުޑަ ވަގުތުކޮޅަކަށް ފަހު އަޑުއެހުން ފެށުމުން، ދައުލަތުން ބުނީ ސިއްރު ހެކިވެރިޔާގެ ހެކި ބަސް ނެގުމާއިގެން ކުރިޔަށް ދިއުމުގައި މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށެވެ. އެހެންވެ މައްސަލަ ބައްލަވާ ގާޒީ، އެ ފުރުސަތު ދައުލަތަށް ދެއްވި އެވެ.

ދައުލަތުން ބުނީ އެއް ދުވަސް ތެރޭ، ވަކި ގޮތެއް ނިންމުމަށް ފަހު އެކަން ޝަރީއަތަށް އަންގާނެ ކަމަށެވެ.

ޝަރީއަތް ފެށުމަށް ފަހު ފުރުސަތަކަށް އެދި ދައުލަތުން އެދުނީ ނަން ހާމަކޮށް ވާހަކަ ދެއްކީ، ސިއްރު ހެކިވެރިއަކަށް ވެފައި މައްސަލައިގައި ހެކި ރައްކާތެރި ކުރުމުގެ އަމުރެއް ނެރެފައި ވާތީ މީޑިއާތަކުން ހަބަރު ގެނެސްދޭއިރު އެއީ ހާކުކަން ހާމަނުކުރުމަށާއި، އަދި ހަބަރުތަކުގައި އެއީ ކާކުކަން ނޭނގޭ ގޮތަށް މައުލޫމާތު ގެނެސްދިނުމަށެވެ. އެހެންވެ، އަޑުއެހުމަށް ހާޒިރުވެ ތިބި ނޫސްވެރިން އެ ނަން ހާމަ ނުކުރުމަށާއި ސިއްރު ހެކިވެރިޔާގެ ސިއްރުކަން ދެމެހެއްޓުމަށް ޝަރީއަތުން އެންގެވި އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ދެ އަހަރުވުމާއި ގާތް ވީއިރު ވެސް، އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާކަމަށް ބުނެ އެމަނިކުފާނުގެ އާއިލާ މެމްބަރުންނާއި އަރިސް ބޭފުޅުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ގިނަ ތުހުމަތުތަކެއް ކުރެވޭ މި މައްސަލައިގައި ހިނގި އޮޕަރޭޝަންތަކަށް ފަހު ހައްޔަރު ކުރި މީހުން އަދިވެސް ތިބީ ބަންދުގަ އެވެ. އަދި އެ މީހުންގެ ޝަރީއަތްތައް ކުރިޔަށް ދާއިރު މިހާތަނަށް މައްސަލައިގެ ހުކުމެއް އައީ ހަމަލާ ދިނުމުގައި އިސްކޮށް އުޅުނު އަދި ކުށަށް އިއުތިރާފުވި އަދުހަމް އަހުމަދު ރަޝީދުގެ މައްޗަށެވެ. އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލާފައި އޮތުމުގެ ސަބަބުން އޭނާގެ މައްޗަށް އައީ 13 އަހަރުގެ ހުކުމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: