ވެހިކަލްތަކެއްގެ މަރާމާތުގެ މަސައްކަތް ކުރާ ގަރާޖެއްގައި ރޯވެ، ބުދަ ދުވަހުގެ ރޭ ހިގައިދިޔަ އަލިފާނުގެ ހާދިސާގައި ނިޔާވި 10 މީހުންވެސް ދެނެގަނެވިއްޖެކަމަށް ފުލުހުން ބުނެފިއެވެ.
މި މަހުގެ 11 ގައި ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވަނީ ނިޔާވި 10 މީހުންގެ ތެރޭގައި ހިމެނޭ އެކަކު ދެނެގަނެވިފައިނުވާކަމަށެވެ. މިއަދު މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުނީ ބުނެފައިވަނީ އެ މީހާ ދެނެގަނެވިއްޖެކަމަށާއި، އެއީ އިންޑިއާ ފިރިހެނެއްކަމަށެވެ.
ފުލުހުން ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ތެރެއިން އެމީހުންގެ އާއިލާއިން ހަށިގަނޑު ގައުމަށް ގެންދަން ބޭނުންވާ މީހުންގެ ހަށިގަނޑު އެމީހުންގެ ގައުމަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ފޮރީން މިނިސްޓްރީއާއި، އެ މީހަކު ނިސްބަތްވާ ގައުމެއްގެ އެއްބަސީ އާއި ގުޅިގެން ފުލުހުން ދަނީ ކުރަމުންކަމަށެވެ.
ފުލުހުން ބުނެފައިވަނީ، އަލިފާނުގެ ހާދިސާގައި މަރުވި މީހުންގެ ތެރެއިން މިހާރު ހަޑިގަނޑު ދެނެގަނެވިފައިވަނީ އިންޑިއާގެ 3 އަންހެނެއްގެ އިތުރުން ބަނގަލަދޭޝްގެ އަންހެއްނެއްގެކަމަށެވެ. ނިޔާވި މީހުންގެ ތެރޭގައި އިންޑިއާގެ 4 ފިރިހެނުންވެސް ހިމެނޭއިރު، ބަނގަލަދޭޝްގެ އެއް ފިރިހެނަކު ހިމެނެއެވެ.
10 ނޮވެމްބަރު ވަަނަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރު މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި މ. ނިރުފަހި ގަރާޖުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވެފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ހިގައިދިޔަ އެންމެ ނުރައްކާތެރި އެއް ހާދިސާއެވެ.

