ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ދާކަމުގެ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބި، ރާއްޖޭގެ ތިން ސަރަހައްދެއްގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ މަސައްކަތް ފެށީ މިދިޔަ ޖޫން މަހުގެ ތެރޭގައިކަމަށް ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ކައުންޓާރ ޓެރަރިޒަމާއި، ފުލުހުން ގުޅިގެން އައްޑޫ، މާލެ އަދި ކ. ގުރައިދޫގައި އޮޕަރޭޝަނެއް ފަށާފައިވާކަން ފުލުހުން މި ހަފްތާގެ ކުރީކޮޅު މީޑިއާތަކާއި ހިއްސާ ކުރި އެވެ. އޭރު އިތުބާރު ހުރި މަސްދަތުރުތަކުން މައުލޫމާތު ލިބުނު ގޮތުގައި، އެ އޮޕަރޭޝަން ފެށީ ބޮމުގެ އިންޒާރެއް ލިބުމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުވުމުގައި ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވީ، ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށް ގެންދިޔަ ކައުންޓާރ ޓެރަރިޒަމް އޮޕަރޭޝަން ފެށީ މިއަހަރުގެ ޖޫން މަހު ކަމަށެވެ. ރާއްޖޭގައި ދީނީ ހަރުކަށި ފިކުރު އިންތިހާއަށް އިތުރުވެފައިވުން އެއީ ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވައި ހަމީދު ވިދާޅުވީ ހައްޔަރު ކުރި މީހުން ރާވަމުން ދިޔަ ހަމަލާ ކާމިޔާބު ކުރެވުނު ނަމަ އެތައް ބައެއްގެ ފުރާނައަށް ގެއްލުން ވީސް ކަމަށެވެ.
ތަފްސީލު ހިއްސާކޮށް ހަމީދު ވިދާޅުވީ ޖޫން މަހު ލިބުނު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ކައުންޓާރ ޓެރަރިޒަަމްގެ މަސައްކަތް ފެށި ކަމަށެވެ. އެއަށް ފަހު ނޮވެމްބަރު 11 ގައި އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށް އެ މީހުންގެ އަތުން ބައެއް ތަކެތި ހޯދުނުކަމަށް ހަމީދު ވިދާޅުވި އެވެ.
މިފަދަ ފިކުރުތައް ފަތުރައި، ހަމަލާތައް ރާވަނީ ބަންދު ތަނެއްގެ ތެރޭގައި ތިބެ ސޯޝަލް މީޑިއާގެ އެކި ޒަރިއްޔާތަކުންކަން ފާހަގަކޮށް ހަމީދު ވިދާޅުވީ ރާއްޖޭގައި ޓެރަރިޒަމްގެ ގިނަ އަމަލުތައް ހިންގަނީ ޑިޖިޓަލް ސްޕޭސް ބޭނުންކޮށްގެން ކަމަށެވެ.
ހަމީދުގެ ވާހާކައަށް ފަހު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ފުލުހުންނާއި ސިފައިން ގުޅިގެން ކުރިޔަށް ގެންދެވުނީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ. އަދި މުވައްސަސާގެ މަސައްކަތާއި މެދު ފަހުރުވެރިވާކަމަށް ވިދާޅުވި އެވެ.
މި މަހުގެ 11 ގައި ފެށި އޮޕަރޭޝަނުގައި، އައްޑޫން 10 މީހަކު ހައްޔަރުކޮށް 11 ގެއެއް ބަލާ ފާސް ކުރި އެވެ. އަދި މާލެއިން 02 މީހަކު ހައްޔަރުކޮށް ގުޅުން ހުރި 04 ގެއެއް ބަލާ ފާސް ކުުރުމާއި އެކު ގުރައިދޫން ވެސް މައްސަލައިގައި 02 މީހަކު ހައްޔަރު ކުރި އެވެ.
މި މީހުންނަކީ މީގެ ކުރިން ވެސް މިފަދަ ޓެރަރިޒަމްގެ އަމަލުތަކާއި ގުޅުން ހުރި ކުށްތަކުގައި ހައްޔަރު ކުރި މީހުންކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މީހުންނާއި ގުޅުން ހުރި ގެތައް ބަލާ ފާސް ކުރިއިރު ފެނުނު ތަކެތީގެ ތަހުލީލު މަސައްކަތް ކުރިޔަށް ދާއިރު މިހާތަނަށް ލިބުނު މައުލޫމާތުތަކުން އެ މީހުން މަސައްކަތް ކުރީ ގޮވާތަކެތި ބޭނުންކޮށްގެން ރާއްޖޭގައި ގިނަ ބައެއްގެ ފުރާނައަށް ގެއްލުންވާނެ ފަދަ ނިރުބަވެރި ހަމަލާއެއް ދިނުމަށްކަމުގައި ޕްރެސްގައި އުސްވަތު ވިދާޅުވެފައި ވެއެވެ.
ފުލުހުންނާއި ސިފައިން ގުޅިގެން ފެށި މި އޮޕަރޭޝަނުގައި އެ ހަމަލާ ނާކާމިޔާބުކޮށްލާފައިވާކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުންނަށް އޮޕަރޭޝަން ހިންގައި، އެ މީހުންގެ ހަމަލާ ނާކާމިޔާބުކޮށް ނުލެވުނު ނަމަ ގިނަ ބައެއްގެ ފުރާނަ ގެއްލުނީސްކަމަށް އުސްވަތު ވިދާޅުވި އެވެ

