ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާކާމިޔާބު ކުރީ މިހާތަނަށް ބަޔަކު ރޭވި އެންމެ ނުރައްކާތެރި ޓެރަރިޒަމްގެ އެއް ހަަމަލާ: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ/ ފޮޓޯ: ސަންގު -- މުހައްމަދު މާހީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ހިމެނޭހެން، މާލެއާއި ގުރައިދޫ އަދި ރާއްޖޭގެ އެހެން ބައެއް ހިސާބުތަކުގައި ހިންގި ކައުންޓާރ ޓެރަރިޒަމް އޮޕަރޭޝަނަކީ މިހާތަނަށް ނާކާމިޔާބު ކޮށްލެވުނު އެންމެ ނުރައްކާތެރި އެއް ޓެރަރިޒަމްގެ ރޭވުންކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މި އޮޕަރޭޝަނުގެ މާބޮޑު މައުލޫމާތުތައް ހިއްސާ ނުކުރި ނަމަވެސް، ދާދިފަހުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވިދާޅުވީ ހަމަލާ ނާކާމިޔާބު ނުކުރެވުނު ނަމަ، ގިނަ ބައެއްގެ ފުރާނަ ގެއްލޭވަރުގެ ހާދިސާއެއް ހިނގީސް ކަމަށެވެ. ހަމަލާ ރޭވުމުގައި ބައިވެރިވި މީހުންގެ މޯޓިވްއަކީ ވެސް ގިނަ ބަޔަކަށް އަނިޔާއެއް ލިބޭވަރުގެ، ހަމަލާއެއް ދިނުންކަން ފާހަގަކޮށް ހަމީދު ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތުތަކެއް ލިބި ފުލުހުންނާއި، ސިފައިން ގުޅިގެން އޮޕަރޭޝަން ފެށީ މި އަހަރުގެ ޖޫން މަހު ކަމަށެވެ.

އޭގެ ފަހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ، ފުލުހުން އާއްމު ކުރި ބަޔާނެއްގައި ބުނީ އޮޕަރޭޝަނުގައި ބަޔަކު ހައްޔަރުކޮށް އެ މީހުންނާއި ގުޅުން ހުރި ބައެއް ގެތަކާއި، ސަރަހައްދުތައް ބަލައި ފާސްކޮށް ހައި އެކްސްޕްލޯސިވް ޑިވައިސް އުފެއްދުމަށް ބޭނުން ކުރާ ސާމާނުތައް ފެނިފައިވާ ކަމަށެވެ. އަދި ހައްޔަރުކުރި މީހެއްގެ ގެއިން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ ކެމިކަލެއް ފެނިފައިވާކަމަށް ވަނީ ހާމަކޮށްފަ އެވެ.

ސިފައިންގެ ސަދަން އޭރިއާގެ ކޮމާންޑަށް 39 އަހަރު ފުރުން ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ އޮޕަރޭޝަނާއި ގުޅޭ ބައެއް އިތުރު މައުލޫމާތު ހިއްސާކޮށް މާރިޔާ ވިދާޅުވީ ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ގުޅިގެން ހިންގި ކައުންޓާރ ޓެރަރިޒަމް އޮޕަރޭޝަނުގައި ނާކާމިޔާބު ކުރި އެއް ރޭވުމަކީ މިހާތަނަށް ބަޔަކު ރޭވި އެންމެ ނުރައްކާތެރި އެއް ރޭވުންކަމަށް މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފައްދައި، ނުރައްކާވާ ފަދަ ހަމަލާތައް ދީ ގެއްލުން ދިނުމަށް ރާވާ މީހުން ހުއްޓުވުމަށް އެކަމަށް ހުސްވެ ތިބެ ކެނޑިނޭޅި ސިފައިންނާއި ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މާރިޔާ ވިދާޅުވީ، މިފަދަ ރޭވުންތަކެއް އައިސްދާނެކަމަށް އަސްކަރިއްޔާ އަބަދުވެސް އޮންނަނީ ތައްޔާރީ ހާލަތެއްގައި ކަމަށާއި، އެކަންކަމުގެ މައުލޫމާތުތައް ހޯދައި އެއަށް ބިނާކޮށް އޮޕަރޭޝަންތައް ބައްޓަން ކުރަމުން ދާކަމަށެވެ.

އެ އޮޕަރޭޝަންގައި ބަލާ ފާސްކުރި ގެޔަކުން ބާރުގަދަ ގޮއްވުންތަކަށް ބޭނުންކުރާ މާއްދާތަކެއް ވެސް ދާދިފަހުން ފެނިފައިވެއެވެ. އެ އޮފަރޭޝަނާ ގުޅިގެން ފުލުހުން ބުނީ، އޮޕަރޭޝަންގައި ހައްޔަރުކުރި ބައެއް މީހުންގެ ގެތަކުންނާއި އެމީހުންގެ ވެހިކަލްތަކުން އަދި ޑީންގީއަކުން މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ގިނަ އަދަދެއްގެ އެއްޗެހި ފެނިފައިވާކަމަށެވެ.

މާރިޔާ ވިދާޅުވީ، ސިފައިންގެ އޭރިއާ ކޮމާންޑުތަކުގެ ގާބިލުކަން އިތުރުކޮށް، ވަރުގަދަ ކުރަންޖެހޭކަމަށް ދެކޭ ކަމަށެވެ. ރާއްޖެއަކީ، ފަތުރުވެރިކަމަށް ބަރޯސާވާ، ދުނިޔޭގެ އެތައް ބައެއްގެ ލޯ ހުއްޓޭ ގައުމަކަށްވެފައި ނާޒުކު އިގްތިސާދެއްގައި ކުރިޔަށްދާއިރު މިފަދަ ހާދިސާއެއް ހިނގުން ވެގެން ދާނީ އޭގެ ގެއްލުން އެތައް އަހަރަކަށް ދެމިގެންދާނެ ހާދިސާއަކަށްކަން މާރިޔާ ފާހަގަކުރެއްވި އެވެ.

މިފަދަ ފިކުރުތައް ފެތުރުމުގައި، އިންފޮމޭޝަން ޑޮމެއިން ބޭނުން ކުރަމުންދާކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ޒަމާނަށް އައި ބަދަލާއި އެކު ޓެކްނޮލޮޖީ ބޭނުންކޮށްގެން މިފަދަ ހަރަކާތްތައް ހިންގުމުގެ މަގުތައް ބައެއް މީހުން ހޯދަމުންދާކަމަށް މާރިޔާ ވިދާޅުވި އެވެ.

މި މަހުގެ 11 އިން ފެށިގެން މާލެ އާއި އައްޑޫ އަދި ކ. ގުރައިދޫގައި ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނުގައި 14 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އައްޑޫން ހައްޔަރު ކުރި 10 މީހަކާއި، ގުރައިދޫން 02 މީހަކު އަދި މާލެއިން އެކަކެވެ. މި އެންމެން ވެސް ނިސްބަތްވަނީ އައްޑޫއަށެވެ. އެ މީހުންގެ ތެރެއިން އެންމެންގެ ބަންދުގެ މުއްދަތު ޖަހާފައިވާއިރު، ހައްޔަރު ކުރި މީހެއްގެ ތެރެއިން ފަސް މީހަކު ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

މި މީހުންނަކީ މީގެ ކުރިން ވެސް މިފަދަ ޓެރަރިޒަމްގެ އަމަލުތަކާއި ގުޅުން ހުރި ކުށްތަކުގައި ހައްޔަރު ކުރި މީހުންކަމަށް ފުލުހުން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 67%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: