ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑިޕީގެ ދެ ފެކްޝަން: ދަންޖެހޭ ފެކްޝަނާއި ގަރުދިޔަ ފެކްޝަން!

ޝެއާރކޮށްލާ ކަހަލަދޯ؟

މަލްޓި ޕާޓީ ސިސްޓަމެއްގެ ދަށުން ވެރިކަން ކުރަން ފެށީއްސުރެ، އޮންނަނީ ވެރިކަން ކުރާ މައި ޕާޓީއަކާއި އިދިކޮޅު ނުވަތަ ވެރިކަން ކުރާ ބަޔަކު ޒިންމާދާރު ކުރުމުގެ ރޯލު އަދާ ކުރާ ޕާޓީއެކެވެ.

މިހާރު ވެރިކަން ކުރަމުންދަނީ އެމްޑީޕީއިން ކަމަށްވާއިރު، ވެރި މަނިކުފާނުގެ ގޮތުގައި ހުންނެވީ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. އުސޫލެއްގެ މަތިން އިދިކޮޅުގެ ރޯލު އަދާ ކުރުން އެއީ ދެން އޮތް އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ޒިންމާއެއްކަމަށްވާއިރު، މިހާރު މި ފެންނަމުންދަނީ އެހެން މަންޒަރެކެވެ.

ވެރިކަން ކުރާ މައި ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި ރައީސް ނަޝީދަށް ތާއީދު ކުރާ ފެކްޝަނަކީ ”ވެރިކަމާއިގެން ދަންޖެހޭ“ ފެކްޝަންކަމަށް ސިފަވެއްޖެއެވެ. ރައީސް ސާލިހު އާއި އެމަނިކުފާނަށް ތާއީދު ކުރާ ބޭފުޅުންގެ ފެކްޝަނުގެ ޓެގަކީ ”ގަރުދިޔަ މަސާލާ“ ފެކްޝަންކަމަށް ޓެގުވެއްޖެއެވެ. އެއްޓެގު އުފެއްދެވީ ރައީސް ސާލިހުގެ ފެކްޝަންގެ އިސް ސަފުގައި ހުންނަވާ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާކަމަށްވާއިރު، އަނެއް ޓެގު އާންމު ކުރީ، ރައީސް ނަޝީދު ބޭނުން ކުރައްވާ ޓްވިޓާރ އައިޑީއެއްކަމަށް ރޮޒައިނާ ތުހުމަތު ކުރައްވާފައިވާ ހަސަން ކުރުސީ އައިޑީއިންނެވެ.

އެހެންކަމުން އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ކޯޅުންގަނޑުގެ ތެރެއިންު އިދިކޮޅުގެ ރޯލުވެސް އަދާކުރަމުންދަނީ ހަމަ އެ ޕާޓީއިން ބައެކެވެ. ވެރިކަން ކުރާ މައި ޕާޓީގެ ތެރޭގައި ތަހުތައްޓަކައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، އިދިކޮޅު މައި ޕާޓީއިން ހިންގަމުންދާ ކެމްޕެއިންތަކުގެ އަޑު ފަނޑުވެގޮސް ހިނދިއްޖެއެވެ.

އެ ޕާޓީގެ އެތެރޭގެ ކޯޅުންގަނޑު މެދުވެރިކޮށް އިދިކޮޅުން އެންމެ އަޑުގަދަކޮށް އެންމެ ޖޯށާއިއެކު ކުރިއަށް ގެންދިޔަ ”އިންޑިއާ އައުޓް“ ކެމްޕެއިންގެ އަޑުތައް ކަނޑުވާލެވިފައިވާކަން ފާހަގަކުރެއްވީ ވެރިކަމާއިގެން ”ދަންޖެހޭ“ ފެކްޝަންކަމަށް މިހާރު ޓެގު އެޅުވިފައިވާ ފެކްޝަންގެ ލީޑަރު އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއެވެ.

މި ކޯޅުންގަނޑު ފެށިގެން އައީ ޗެއަރޕާސަންއެއް  ހޮވުމަށް ކުރިއަށް ގެންދިޔަ އިންތިހާބުގައިކަމަށް ގިނަ ބަޔަކަށް ސިފަވެފައިވީނަމަވެސް، ހަގީގަތުގައި ”ދަންޖެހޭ“ ފެކްޝަން އަދި ”ގަރުދިޔަ“ ފެކްޝަންގެ ކޯޅުންތައް ފެށުނީ އެންމެ ފުރަތަމަ ރައީސް ސާލިހަށް ރިޔާސީ ކެނޑިޑެސީ ދިނުމަށް ނިންމި ހިސާބުންނެވެ.

ޕާޓީގެ ޕްރައިމެރީއިން ހޮވުނީ ރައީސް ނަޝީދުކަމަށްވާއިރު އެމަނިކުފާނުގެ މައްޗަށް ހުކުމެއް ކުރެވިފައިވުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ކުރިމަތިލެވޭނެ ގޮތެއް ނުވިއެވެ. އެމަނިކުފާނު ކެނޑިޑެސީ ދޫކޮއްލައްވައި ޑީލެއްގެ ދަށުން ކެނޑިޑެސީ ދެއްވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުއަށެވެ.

އެކަން ކުރެއްވީ އެމްޑީޕީއަށް ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުވާ ނުލެއްވުމަށްކަމަށް ބުނި ނަމަވެސް، ރައީސް ސާލިހަށް އެމަނިކުފާނު ކުރެއްވި އިތުބާރުވެސް އެ ނިންމުމުގައި ރޯލެއް އަދާ ކުރައްނެކަން ޔަގީނެވެ. އެހެން ނަމަވެސް އެމަނިކުފާނާއި ރައީސް ސާލިހު ހެއްދެވި ޑީލަށް ރައީސް ސާލިހު އިހުތިރާމެއް ނުކުރައްވައެވެ. މިކަން ސާފުކޮށްދެއްވީ އާސްކް ސްޕީކާރ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހުދު ރައީސް ނަޝިދެވެ. ނޫންނަމަ ”ދަންޖެހޭ ފެކްޝަން“ގެ އިސް ލީޑަރެވެ.

އެމްޑީޕީގެ ކޯޅުންގަނޑު ފެށިފައިވާ ގޮތަށް ބަލާލުމަށް ފަހު، ފޯރި ގަދަވެގެންދިޔަ ގޮތްވެސް ބަލާލުން މުހިންމެވެ. ރައީސްއެއްގެ ގޮތުގައި ހުންނެވީ މުހައްމަދު ނަޝީދުކަމަށްވާއިރު، ދެން އެންމެ ބާރުގަދަ މަގާމުކަމަށްވާ އެ ޕާޓީގެ ޗެއަރޕާސަންގެ މަގާމަށް ވާދަ ކުރުމުގެ ފުރުސަތު ހުޅުވުމާއި އެކު، ފެށިގެންދިޔައީ ތާއީދު އޮތް ވަރު ބެލުމުގެ އިމްތިހާނެކެވެ. ޗެއަރޕާސަންގެ މާގަމަށް ވާދަ ކުރެއްވި މީހުންނަށް ތާއީދު އޮތް ވަރެއް ނޫނެވެ.

ޔަގީނުންވެސް އެ އިންތިހާބުގެ ތެރެއިން ފެނިގެންދިޔައީ، މެމްބަރުން ރައީސް ނަޝީދު އަދި ރައީސް ސާލިހަށް ކުރާ ތާއީދެވެ. އެއް ކޮޅުގައި ހުންނެވީ، ރައީސް ސާލިހުގެ ޕްރޮކްސީ އިގްތިސާދީ ވަޒީރު ފައްޔާޒު ކަމަށްވާއިރު، އަނެއް ކޮޅުގައި ހުންނެވީ ރައީސް ނަޝީދުގެ ޕްރޮކްސީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީއެވެ.

”ގަރުދިޔަ“ ފެކްޝަންގެ ލީޑަރު ރައީސް ސާލިހު މި އިންތިހާބުގެ ތެރެއިން އެއްވެސް މީހެއްގެ ލޯ މައްޗަށް ފެނިގެންދާނެ ގޮތަށް ”ރިއެކްޓު“ ނުކުރައްވާއިރު، ”ދަންޖެހޭ“ ފެކްޝަންގެ ލީޑަރު ރައީސް ނަޝީދު ޔަގީނުންވެސް އުޅުއްވީ ރޮޒައިނާވެސް ސިފަކުރައްވާ ގޮތަށެވެ. އިންޑިއާއަށް ވަޑައިގެންވެސް އެމަނިކުފާނު އެތެރޭގެ އިންތިހާބުގެ ވާހަކަދެއްކެވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުން ނަމަ، ޗެއަރޕާސަންގެ ގޮތުގައި ތެދުވެރި އަދި ސާފު ކެނޑިޑޭޓެއް އިންތިހާބުވުން މުހިންމެވެ. އެމަނިކުފާނު ސިފަކުރެއްވި ގޮތުން އެފަދަ މަގާމެއް އަދާ ކުރައްވަން ފައްޔާޒަކީ އެކަށީގެންވާ ބޭފުޅެއް ނޫނެވެ. އަދި އެމަނިކުފާނުގެ ”ދަންޖެހޭ“ ފެކްޝަންގެ މެމްބަރުން ފައްޔާޒު އަދި ”ގަރުދިޔަ“ ފެކްޝަންގެ އެހެނިހެން މެމްބަރުން ސިފަކުރެއްވީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްތަކެއް ނުކުރާ އަދި ކޮރަޕްޓު އަމަލުތަކަކަށް އަރައިގަނެފައިވާ ބައެއްގެ ގޮތުގައެވެ.

މި ކޯޅުންގަނޑުގެ ތެރޭގައި ދެފަރާތުގެ މެމްބަރުންނަށްވެސް ގާނޫނާއި ހިލާފުވުމުގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވެއެވެ. އެތެރޭގެ އިންތިހާބުގެ ކޯޅުންގަނޑު ނިމިގެންދިޔަ އިރު ހީވެގެންދިޔައީ ރައީސް ނަޝީދު ޕާޓީއާއި ވަކިވެވަޑައިގެންފާނެހެންނެވެ. އަދި ”ދަން ޖެހޭ ފެކްޝަން“ ލީޑަރ ކަމަށް ބުނާ ރައީސް ނަޝީދު ޕާޓީއިން ބޭރުކުރުމަށް މަަސައްކަތް ކުރަމުންދާކަމަށްވެސް އަޑު ފެތުރިގެންދިޔައެވެ.

ކޮންމެއަކަސް އިންތިހާބު ނިމިގެންދިޔައިރު، ފެނިގެންދިޔައީ ފައްޔާޒު އަށް މަރުހަބާ ކިޔާ އެނާގެ އުފަންދުވަސް ފާހަގަކުރެއްވުމުގައި ރައީސް ނަޝީދު ޝާމިލުވެ ހުންނެވި މަންޒަރެވެ. ފެންނަ ފެނުމަށް ޕާޓީއިން ބުނާގޮތަށް އިންތިހާބު ނިމުމާއިއެކު، ޕާޓީ އެކަތިގަނޑަކަށްވީއެވެ. އެހެން ނަމަވެސް ރިޔާސީ އިންތިހާބާއި ގާތްވަމުންދާ ވަރަކަށް ޕާޓީގެ ތެރޭގައި އުފެދުނު ދަރާރު އިތުރަށް ފުޅާވެ، މިހާރު އެ ކޯޅުންގަނޑުގެ އަސަރު މަޖިލީހުގެ ތަޅުމުގެ ތެރެއިންވެސް ފެނެއެވެ.

ރައީސް ނަޝީދު މިހާރު އޮތް އެމްޑީޕީގެ ސަރުކާރާއިމެދު ހިތްހަަމަޖެހިވަޑައިނުގަންވާ މިންވަރު ފެނިގެންދިޔައީ ސަރުކާރާއިއެކު، ޕާޓީ އަދި މެމްބަރުން ނުފެތުމަށް ދެއްވި އިރުޝާދުންނެވެ. އެމަނިކުފާނު ވިދާޅުވީ، ޕާޓީއަށް އެންމެ ރަނގަޅު މަގަކީ ފެތެމުންދާ ރައީސް ސާލިހުގެ ސަރުކާރާއިއެކު ނުފެތުންކަމަށެވެ.

މިހާރު މި ހިތްހަމަނުޖެހުންތައް އިތުރުވެ ކުރެވެމުންދާ ޒުވާބުތަކުގެ ތެރެއިން ”ގަރުދިޔަ“ ފެކްޝަނުންވަނީ ”ދަންޖެހޭ“ ފެކްޝަނަށް ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ ފަދަ ކަންތައްތަކަކަށް ރައީސް ނަޝީދުވެސް އަރައިގަނެފައިވާކަމަށް ރޮޒައިނާ ތުހުމަތުކުރައްވައެވެ.

ރޮޒައިނާ ސިފަކުރައްވާގޮތުން ރައީސް ނަޝީދުވެސް ވަނީ ރައީސް ޔާމީން ފަދައިން ގާނޫނީ ”ލޫޕު ހޯލް“ އެއް ބޭނުންކުރައްވައިގެން ބިޑު ކުރުމަކާއިނުލައި އެ މަނިކުފާނުގެ ގާތް ބަޔަކަށް ރާއްޖޭގެ ރަށްތަކެއް ދީފައެވެ. އަދި ރައީސް ނަޝީދު ރާއްޖެއަށް ގެނެސްދެއްވާފައިވާ ފްލޯޓިންގް ސިޓީގެ މަޝްރޫއިންވެސް އެމަނިކުފާނުވަނީ މަންފާތަކެއް ހާސިލު ކުރައްވާފައިކަމަށް ރޮޒައިނާވަނީ ވިދާޅުވެފައިއެވެ.

ރޮޒައިނާ ވިދާޅުވާގޮތުން އެމަނިކުފާނުގެ ޑަޗް ޑޮކްލޭންޑްސްއާއި އެކު ހެއްދެވި ޑީލުގެ ސަބަބުން ދިވެހި ސަރުކާރަށް ވެފައިވަނީ ގެއްލުންތަކެކެވެ. އަދި މިހާރުވެސް އުޅެންޖެހިފައިވަނީ އެކަމުން ސަލާމަތް ނުވެވިގެންކަމަށްވެސް ރޮޒައިނާ ވިދާޅުވެފައިވާއިރު، އެމަނިކުފާނުވަނީ ”މައުމޫނިޒަމް“ ޕްރޮމޯޓުކުރައްވާ ކަލްޓެއް ހައްދަވާފައިކަމަށާއި ރައީސް މައުމޫނަށް ވުރެވެސް ރައީސް ނަޝީދު ކޮރަޕްޓުކަމަށް ރޮޒައިނާވަނީ ވިދާޅުވެފައެވެ.

”ގަރުދިޔަ“ އަދި ”ދަންޖެހޭ“ ފެކްޝަންގެ ކޯޅުންތައް މި ހިސާބުން ނުނިމެއެވެ. އެންމެ ގޯސްވި އެއް މައްސަލަަކަމަށްވާ ޗާގޮސް މައްސަލަ އަދި ޓެކްސް ބޮޑު ކުރުމުގެ މައްސަލައިގައިވެސް އިދިކޮޅު ޕީޕީއެމްއިން ދެއްކި ވާހަކަތައް ހަނދާންވެސް ނެތިއްޖެއެވެ. ރައީސް ނަޝީދުގެ ”ދަންޖެހޭ“ ފެކްޝަނުންވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މާ ފުރިހަމަ ރޯލެއް އަދާކޮށްފައެވެ.

މަޖިލީހުގެ ތަޅުމުގައިވެސް މި މައްސަލަތަކުގައި ހަމަލާ ބަދަލު ކުރެވިގެންދިޔައީ ”ގަރުދިޔަ“ ފެކްޝަނާއި“ދަންޖެހޭ ފެކްޝަން“ ދެމެދުއެވެ. ހާރިޖީ ގުޅުމުގެ ދަށުން ރާއްޖެއަށް އެއްވެސް ފައިދާއެއް ނެެތެވެ. އެހެން ނަމަވެސް އެއް ފެކްޝަނުން ވަކާލާތު ކުރަނީ ހާރިޖީ ގުޅުމުގެ މައްޗަށެވެ.  މޮރިޝަސް އަށް ހުރިހާ ފައިދާއެއް ލިބިގެންދާކަމަށް ބުނެ، އަނެއް ފެކްޝަނުން ސަރަހައްދީ އިމުން ބައެއް އުނިވުމާއި ދެކޮޅަށް އަޑުގަދަކޮށް ހެދިއެވެ.

އެހެން ނަމަވެސް މި ދެންނެވި ޓެގުތައް އެޅިގެންދިޔަ މައްސަލަ އަކީ ޓެކްސް ބޮޑު ކުރުމުގެ މައްސަލައެވެ. ”ގަރުދިޔަ“ ފެކްޝަނުން ބުނާގޮތުން ރައްޔިތުން އަތުން ނަގަމުންދާ ޓެކްސް ފައިސާގެ އަދަދުތައް އިތުރު ކުރީ ރައްޔިތުނަށް މުސާރަ ދިނުމުގެ މަގުސަދުގައެވެ. އަނެއް ފެކްޝަނުންވަަނީ މިއީ ޓެކްސް ފައިސާގެ އަދަދުތައް ބޮޑު ކުރުމަށް އެންމެ ރަނގަޅު ދަނޑިވަޅު ނޫންކަމަށް ބުނެ އެކަން ހުއްޓުވުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެހެން ނަމަވެސް ”ގަރުދިޔަ“ ފެކްޝަންގެ މީޓިންގް އެއްކަމަށް ޓްވިޓާރގައި ދާދި ފަހުން ސިފަކުރެވިގެންދިޔަ ބައްދަލުވުމަށްފަހު، ރައީސް ނަޝީދަށްވެސް އެކަމާއި ދެކޮޅު ހައްދަވަން ނުކެރުނު ފަދައެވެ.

މި ވެރިކަމުގެ ކަންކަން ފެނިގެންދާ ގޮތުން ނަމަ، މިހާތަނަަށް ކޮންމެ ހަމަލާ ބަދަލު ކުރުމެއްވެސް ކާމިޔާބު ކުރަނީ ”ގަރުދިޔަ“ ފެކްޝަންއެވެ. ވެރިކަމާއިގެން ”ދަންޖެހޭ“ ފެކްޝަންއަށް މުޅިންހެންވެސް ކުރިމަތިލާންޖެހިފައިވަނީ ނާކާމިޔާބީތަކާއެވެ. ވާނީވެސް އެހަންތާއެވެ. ދަންޖެހޭ ފެކްޝަންގެ އިސް ލީޑަރަށް ރާއްޖޭގެ ވެރިކަމުގެ ތަހުތު ދިނުމުން ވެސް ދިނީ އިސްތިއުފާއެވެ. މާޒީގައި މާލޭގެ މެމްބަރުކަން ދިނުމުން ވެސް ދިނީ ހަމަ އިސްތިއުފާއެވެ. ވަޑާންގެއެއް ހިންގަން ހަވާލު ކުރުމުން އެތަން ވެސް ކޮށްލީ ބަނގުރޫޓެވެ. މިއީ މީހުން ދައްކާވާހަކައެވެ. ރެނދެއް ލާފިއްޔާ އަޑެއް ކިޔާނެއެވެ. އަޑު ނީވުމަކީ ރެނދު ނުލުމެއް ނޫނެވެ.

އެހެން ނަމަވެސް ހަގީގަތުގައި ހުރިހާ ގެއްލުމެއްވެސް ވެގެންދިޔައީ ދިވެހި ރައްޔިތުންނަށެވެ. ވެރިކަން ކުރާ މައި ޕާޓީގެ ތެރޭގައި އުފެދިފައިވާ ފެކްޝަންގެ ކޯޅުންގަނޑުގެ ސަބަބުން ކުރަން ހުރި ކަންކަމަށް އެޅިގެންދަނީ ހުރަސްތަކެވެ. ފެނިގެންދާނީ މުޅި ޕާޓީ އިންވެސް ކުރަން ހުރި މަސައްކަތްތައް ބަހައްޓައި ކޯޅުމާއިގެން އުޅޭ މަންޒަރެވެ. މި ސަރުކާރުން ފަށާފައިވާ ގިނަ އަދަދެއްގެ މަޝްރޫޢުތައް އޮތީ މަޑުޖެހިފައެވެ. މައިގަނޑު ސަބަބަކީ އަމިއްލަ ޕާޓީގެ އެއްބާރުލުންވެސް ނުލިބުމުގެ އިތުރުން ގަސްތުގައި ހުރަސް އެޅުންކަމަށް ބުނެވިދާނެއެވެ.

ވެރިކަމުގެ ބޭނުމުގައި ދެކޮޅަށް ބެހިގެން ބަދަލު ކުރަމުންދާ ހަމަލާތަކުގެ ސަބަބުން ހަލާކުގެ ތެރެއަށް ހުށައެޅިގެންދަނީ ރާއްޖެ އަދި ދިވެހި ރައްޔިތުންނެވެ. މިއީ ދެ މީހަކުވެގެން ވެރިކަން ހާސިލު ކުރުމުގެ މަގުސަދުގައި ޑީލެއްގެ ދަށުން ދިވެހި ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ކުރި މަސައްކަތްތަކެއްގެ ނަތީޖާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: