ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައި އޮންނަތާ ގިނަ ދުވަސް ވީ، ރައީސް މުހައްމަދު ނަޝީދާއި އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމަށް އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުން ނިންމައިފި އެވެ.
އެމްޑީޕީގެ އެތެރޭގައި މައްސަލަތައް ގޯސްވެ، އެ ޕާޓީ ދޫކޮށް ދިޔަ މެމްބަރުން އުފެއްދި ޑިމޮކްރެޓްސް ޕާޓީގެ މަސައްކަތްތަކާއި އެކު މަޖިލީހަށް އޮތީ ރައީސް ނަޝީދާއި، އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފަ އެވެ. ރައީސް ނަޝީދުގެ މައްޗަށް އިތުބާރު ނެތްކަމަށް ޖޫން މަހު ހުށަހަޅާފައި ވަނީ މަޖިލީސް ހުއްޓުމަކަށް އައިސް ޑެޑްލޮކަށް ގެނައުމުގައި ޒިންމާވާން ޖެހެނީ ރައީސް ނަޝީދުކަމަށް ބުނެ އެވެ.
މައްސަލަ ގޯސްވެ، އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވައި ރައީސް ނަޝީދު ގޮވާލީ ކޮންމެވެސް އެއް މައްސަލައެއް އަނބުރާ ގެންދިއުމަށެވެ. އެކަމަކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ފުރަތަމަ، ނޯޓިސް މުއްދަތު ހަމަވުމާއި އެކު މަޖިލީހުގެ ރައީސަށް ހާއްސަކޮށްފައިވާ މުރައިދޫގެއިން އެމަނިކުފާނު ނިކުމެވަޑައިގަތެވެ.
އޭގެ ފަހުން މައްސަލަތައް އެކި ފަހަރު މަތީން އެޖެންޑާކޮށް ކުރިޔަށް ގެންދަން އުޅުމުން ރައީސް ނަޝީދު އެކަމަށް ފުރުސަތު ނުދެއްވި އެވެ. އަދި ބައެއް ދުވަސްތަކުގައި ރިޔާސަތާއި ހަވާލު ވުމަށް ދެކޮޅު ހެއްދެވި އިރު، ހަސަން އަފީފު ރިޔާސަތުގައި ހުންނަވާނަމަ މަޖިލީސް ހަލަބޮލިވެ ނިޒާމު ގެއްލިފައިވާކަމަށް ކަނޑައަޅައި ޖަލްސާތައް ނިންމާލަ އެވެ. އަދި މަޖިލީސް ޗުއްޓީއަށް ދިޔައީ ވެސް، އެމްޑީޕީގެ ޕީޖީން ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް އެދިފައި ވަނިކޮށެވެ. އެއަށް ފަހު ޖަލްސާތައް އަލުން ފަށައި އަދިވެސް ކުރިޔަށް ގެންދެވޭ ގޮތް ވަނީ ނުވެފަ އެވެ.
އިއްޔެގެ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު، މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ހަމަޖެހިފައި އޮތް އިތުބާރު ނެތްކަމުގެ މައްސަލަތައް އަނބުރާ ގެންދަން ނިންމިކަން އެމްޑީޕީގެ ޕާލިމަންޓް ގުރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަދި އެ ނިންމުން އެއީ މަސްލަހަތަށް ބަލައި ނިންމި ނިންމުމެއްކަމަށާއި މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދިއުން މުހިންމުކަމަށް އަސްލަމް ވިދާޅުވެފައި ވެއެވެ.
ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުގައި، އެއްލައްކައަށް ވުރެ ގިނަ ވޯޓާއި އެކު 46 އިންސައްތަ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި އިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިލެއްވީ 38 އިންސައްތަ އެވެ.

