މަސައްކަތްތައް ކުރުމުގައި ރައީސް މުހައްމަދު ނަޝީދުގެ ތަޖުރިބާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސޯލިހް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް މުހައްމަދު ނަޝީދަށް މަރުޙަބާ ދަންނަވާ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވުމަށް އެމްޑީޕީން ކުރަން ޖެހޭ ސިޔާސީ މަސައްކަތްތައް މިވަގުތު ވަރަށް ގިނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އެ މަސައްކަތްތައް ކުރުމުގައި މަނިކުފާނުގެ ތަޖުރިބާގެ އަލީގައި ކުރިއަށް ވަޑައިގަންނަވާނެކަމާ މެދު ޝައްކެއް ނުކުރަން،“
އިންތިހާބުގައި ވާދަކުރެއްވި މީކާއިލް ނަސީމްގެ މަސައްކަތް ވަރަށް ގާތުން ފެނިވަޑައިގެންނެވި ފަރާތެއްގެ ހައިސިއްޔަތުން މަރުޙަބާ ދަންނަވާ ކަމަށާއި މީކާއީލްގެ ސިޔާސީ މުސްތަގުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށް ވެސް ސޯލިހު ވިދާޅުވިއެވެ.
އަނެއްކާ ވެސް އެމްޑީޕީ އިން ފެނިގެން މިދިޔައީ ޕާޓީގެ އެތެރޭގެ ޑިމޮކްރެސީ ފައްކާވެ ފުރިހަމަ ވަމުން އަންނަތަން ކަމަށާއި ޕާޓީ އާއިގެން ކުރިއަށް ދާންވީ އެންމެން އެކީގައި ކަމަށް ސޯލިހް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ރައީސް ނަޝީދު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުންނެވެ. އެ ކާމިޔާބޫއަށްފަހު އެމަނިކުފާނު ވެސް ވަނީ ޕާޓީގެ މަސައްކަތްތަކައިގެން އެކުގައި ކުރިއަށް ދިޔުމަށް ވާދަވެރި ކެންޑިޑޭޓު މީކާއިލަށާއި ކުރީގެ ރައީސް ސޯލިހަށް ވެސް ގޮވާލައްވައިފައެވެ.

