މާލޭގެ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން ނުވަތަ މާލޭގެ ލޭންޑް ޔޫސް ޕްލޭން ކައުންސިލުން ސަރުކާރަށް ހުށަހަޅާފައި އޮންނަތާ އެއް އަހަރު ފާއިތުވެގެން ދިޔައިރުވެސް އެ ޕްލޭން ފާސްކޮށްދީފައި ނުވާތީ މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސިޓީ ކައުންސިލުގެ މިއަދުގެ ބައްދަލުވުމުގައި، މޭޔަރު ވަނީ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދޭން އެދި ކުރަމުންދާ މަސައްކަތްތަކުގެ ތަފްްސީލު ހިއްސާ ކުރައްވާފަ އެވެ. އަދި އެކަމުގައި ސަރުކާރުގެ އެއްބާރުލުން ނިލިބޭތީ ކަންބޮޑުވުން ފާޅު ކުރި އެވެ.
”ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ އެއްއަހަރު ވީ. ލޭންޑް ޔޫސް ޕްލޭން ފޮނުވީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ މެދު ތެރޭގައި، މިހާރު އެއް އަހަރުވީ.“
މާލޭގެ ލޭންޑް ޔޫސް ޕްލޭންއަކީ މާލެ ސިޓީގެ ރައްޔިތުންނާއި، ކަމުގެ މާހިރުންނާއި އަދި ސްޓޭކް ހޯލްޑަރުންގެ ޚިޔާލާއި އެކު ތައްޔާރު ކުރެވުނު ލޭންޑް ޔޫސް ޕްލޭނެއް ކަމަށާއި، ފާއިތުވި އެއް އަހަރު ތެރޭގައި ހަތަރު ފަހަރު އިސްލާހު ގެނެސް ފޮނުވުމުންވެސް އަދިވެސް ޕްލޭނިންގް މިނިސްޓްރީއިން މި ޕްލޭން ފާސްކޮށްދީފައި ނުވާކަން މޭޔަރ ފާހަގަކުރެއްވިއެވެ.
މިއާއިއެކު މޭޔަރު ވިދާޅުވީ ޕްލޭނިންގް މިނިސްޓްރީން އެދިލައްވާ ގޮތަށް ގިނަ ބަދަލުތަކެއް ގެނައުމުގެ ސަބަބުން ކައުންސިލުން ރައްޔިތުންގެ ހިޔާލާއިއެކު އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގެ އަސްލު ގެއްލޭ ހިސާބަށް ގޮސްފައިވާ ކަމަށެވެ. އަދި ކައުންސިލުން ކުރިއަށް ގެންދަން ބޭނުންވާ ބޮޑެތި މަޝްރޫޢުތައް މަޑުޖެހިފައިވަނީ މި ޕްލޭން ފާސްނުވެ އޮތުމުގެ ސަބަބުންކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު ވަނީ ލާމަރުކަޒީ ގާނޫނުގައިވާ ކުންފުނި އުފެއްދުމުގެ ހުއްދަވެސް މާލެ ސިޓީ ކައުންސިލަށް ދީފައި ނުވުމުގެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
”މިކްސްޑް ޔޫސް ޕާކިންގ ބިލްޑިންގް ތައް އެޅޭނެ ގޮތެއް ނެތް. ހައުސިން މަޝްރޫޢުތައް ލަސްވެގެން މިދާ މައިގަނޑު ސަބަބަކީވެސް އެއީ. ކުންފުނި ހެދުމުގެ ހުއްދަ ދިންނަމަވެސް އެކަން ކުރެވޭނެ. މައިގަނޑު ބޮޑެތި ކަންކަން ކައުންސިލަށް ކުރިއަށް ނުގެންދެވިފައި މިވަނީ ސަރުކާރުން ލޭންޑްޔޫސް ޕްލޭން ހިފެހެއްޓުމަށް ކުރި ކަންކަމުގެ ސަބަބުން، ކޮބާ ލާމަރުކަޒީ ނިޒާމުގެ ބޭނުމެއް.“
މޭޔަރު ވިދާޅުވީ އަދިވެސް އުންމީދަކީވީ އެންމެ އަވަހަށް ސަރުކާރުން ކައުންސިލުން ހުށަހެޅި ލޭންޑް ޔޫސް ޕްލޭން ފާސްކޮށްދެއްވުން ކަމަށެވެ.

