ޗައިނާއިން އަންނަ ފަތުރުވެރިންގެ ފަރާތުން ކޮވިޑް ޓެސްޓު އޮތުން މަޖުބޫރު ކުރާ ގައުމުތަކާއި ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފާނެކަމުގެ އިންޒާރުތަކެއް އެ ގައުމުން ދީފިއެވެ.
އަހަރުތަކެއް ލޮކްޑައުންގައި އޮތުމަށްފަހު، ލުއިތަކެއް ދީ، ބޯޑަރު ހުޅުވާލުމާއި އެކު، ދުނިޔޭގެ ސިއްހީ ޖަމިއްޔާ ޑަބްލިއުއެޗްއޯއިންވަނީ އެ ގައުމުގެ ކޮވިޑް ހާލަތުގެ މައުލޫމާތުތައް އެކަށީގެންވާ މިންގަނޑަކަށް ލިބެމުން ނުދާކަމަށް ބުނެ، ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޗައިނާގެ ބޯޑަރު ހުޅުވާލައި، އެ ގައުމުގެ ފަތުރުވެރިން އެހެނިހެން ގައުމުތަކަށް ޒިޔާރަތް ކުރަން ފެށުމާއި އެކު، އެމެރިކާ އިންޑިއާ އަދި އިނގިރޭސިވިލާތު ފަދަ ގައުމުތަކުންވަނީ އެ ގައުމުން އަންނަ ފަތުރުވެރިންގެ ކޮވިޑް ޓެސްޓު ހެދުން މަޖުބޫރުކޮށްފައެވެ.
ލޮކްޑައުންއިން ލުއިތަކެއް ދިނުމާއި އެކު، ކޮވިޑްގެ ހާލަތު ގޯސްވެފައިވާ ޗައިނާއިންވަނީ، އެ ގައުމުގެ ކޮވިޑް ހާލަތާއިގުޅޭ މައާމަލާތްތައް އިތުރަށް ހަރުދަނާ ކުރުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައެވެ. އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު މި ފަދައިން ބުނެފައިވަނީ ޑަބްލިއުއެޗްއޯގެ ކަންބޮޑުވުންތައް ފާޅުކުރުމާއި ގުޅިގެންނެވެ.
އެހެން ނަމަވެސް ކޮވިޑްގެ ހާލަތު ސިޔާސީ ކުރުމާއި އެ ގައުމުން ދެކޮޅު ހަދާކަމާއި، ބައެއް ގައުމުތަކުން އެކަން ކުރަމުންދާކަމަށް ފާހަގަކޮށް ޗައިނާއިންވެސް އެފަދަ ފިޔަވަޅުތަކެއް ނަގާނެކަމަށް ފާހަގަކޮށްފައިވެއެވެ.
ޔޫރަޕުގެ ބައެއް ގައުމުތަކުން ބުނެފައިވާގޮތުން، ކޮވިޑް އާއި ދެކޮޅަށް ފިޔަވަޅުތަަކެއް އެޅިފައިވަނީ އެ ގައުމުގެ ރައްޔިތުން ރައްކައުތެރި ކުރުމުގެ ނިޔަތުގައެވެ. އަދި އެމެރިކާއިން ބުނެފައިވާގޮތުން އެކަން ކުރެވިފައިވަނީ ސައިންޓިފިކް ވިސްނުމެއްގެ ދަށުންނެވެ.
ދާދި ފަހުން ޔޫރަޕިއަން ޔުނިއަންއިންވަނީ ޗައިނާއަށް ވެކްސިންތަކެއް ފޯރުކޮށްދިނުމަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ޗައިނާ އިންވަނީ އެކަށީގެންވާ މިންވަރަށް ވެކްސިން ހުރިކަމަށް ބުނެ، އެކަން ބަލައިގަތުމަށް ދެކޮޅު ހަދާފައެވެ. ދިރާސާތަކުން ދައްކާގޮތުން، ޗައިނާގައި ޖުމުލަގޮތެއްގައި ބޭނުންކޮށްފައިވަނީ އެ ގައުމުން ތައްޔާރުކޮށްފައިވާ ވެކްސިންއެވެ. އެހެންނަމަވެސް މި ވެކްސިންއިން ލިބޭ މަންފާ އެހެނިހެން ވެކްސިންތަކާއި ބަލައި ކުޑަކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

