ވާދަވެރިކަމާއިއެކު ކުރިއަށް ގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވައިފިއެވެ.
ދިވެހިރާއްޖޭގެ އެންމެ ބައި ބޮޑު ޕާޓީކަމަށްވާ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންތައް ކުރިއަށް ގެންދިއުމަށްޓަކައި، ދެ ކެންޑިޑޭޓުންކަމަށްވާ، ރައީސް ސާލިހު އަދި ރައީސް ނަޝީދުވެސް ވަނީ، ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްތަކަކަށް ވަޑައިގަންނަވާ ތާއީދު ހޯއްދެވުމުގެ މަސައްކަތްތައް ކުރައްވާފައެވެ. އިޖްތިމާއީ ހަމަޖެހުން ގާއިމު ކުރެއްވުމުގެ ގޮތުން، ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކޮށްދެއްވުމަށް ސިޔާސަތުތަކެއް ގެނެސްދެއްވާނެކަމަށް ބުނެ، ރައީސް ނަޝީދު ކެމްޕެއިން ކުރައްވާފައިވާއިރު، ރައީސް ސާލިހު ކެމްޕެއިން ކުރެއްވީ، ދިވެހިރާއްޖޭގައި ތައުލީމީ ޖީލެއް ބިނާކޮށް، ގާއިމު ކުރައްވާފައިވާ އަދި ކުރައްވަމުންދާ ވަސީލަތްތަކުގެ ދެމެހެއްޓިނިވި އަދި ފުރިހަމަ ބޭނުން ހިފައިގެން އިޖްތިމާއީ އަދި އިގްތިސާދީ ހަމަޖެހުން ގާއިމު ކުރެއްވުމުގެ ސިޔާސަތުތައް ވިއްކަވައިގެންނެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ނިމުމަކަށް އައިސްފައިވާއިރު، ގުނި ގިނަ ވޯޓު ފޮށިތައް ކާމިޔާބު ކުރައްވާފައިވަނީ ރައީސް އިބްރާހިމް ސާލިހުއެވެ. އެމަނިކުފާނު މި އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ވޯޓު ލީ މީހުންގެ 63 އިންސައްތައިގެ އަގުލަބިއްޔަތުންކަމަށްވާއިރު، ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވަނީ ވޯޓު ލީ ނިސްބަތުގެ 37 އިންސައްތައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިއުލާނު ކުރެވުމާއި އެކު، ޕާޓީގެ އަމިއްލަ ދަފްތަރުގައި ތިބި ގިނަ އަދަދެއްގެ މެމްބަރުން ދަފްތަރުން އުނިކުރެވިގެންދިޔައެވެ. އެގޮތުން 39،000 މެމްބަރު އުނި ކުރެވިފައިވާ ދަފްތަރެއް ގާއިމު ކުރުމަށްފަހު، ވޯޓު ލުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާއިރު 55،000 އަށް ވުރެ ގިނަ މެމްބަރުން ހިމެނޭ ދަފްތަރަކުން ވޯޓު ލާފައިވަނީ ނިސްބަތުން ދެބައި ކުޅަ އެއް ބަޔާއި ގާތް ކުރާ އަދަދެއްގެ މެމްބަރުންނެވެ. އަދި ކޮންމެ ފޮއްޓެއްވެސް ގުނުމުގެ ތެރެއިން ގިނަ އަދަދެއްގެ ބާތިލު ވޯޓުތައް ހުރިކަން ފާހަގަކުރެވިފައިވާއިރު، ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ އިއުލާނު ކުރިއިރު، ގިނަ އަދަދެއްގެ ބާކީ ވޯޓު ކަރުދާސް ހުރިކަންވެސް ފާހަގަކުރެވުނެވެ.
ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދިޔަ އިރު، ވޯޓު ފޮށި ހުރި ސަރަހައްދުތަކުގައި ހަމަނުޖެހުން ހިނގުމާއި، މާރާމާރީ ހިންގުން ފަދަ އަމަލުތައް ފެންމަތިވިއިރު، ވޯޓު ފޮއްޓަށް ގެއްލުންދިނުމުގެ ސަބަބުން ބައެއް ފަރާތްތައް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިކަން ފާހަގަކުރެވެއެވެ.

