ރައީސުލްޖުމްހޫރިއްޔާއަކު އިންތިހާބުކުރުމުން ދައުލަތް ހިންގުމުގެ ނިޒާމު ރަސްކަމަކަށް ބަދަލުވާ ބަދަލުވުން ހުއްޓުވައި، ދައުލަތުގެ ބާރުތައް ރައްޔިތުންނަށް އަނބުރާ ހޯދައިދޭންޖެހޭކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.
އާތިފް މިހެން ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ”ސަންގަށް“ ދެއްވި ހާއްސަ ބަސްދީގަތުމެއްގައެވެ.
ގާނޫނުއަސާސީއަށް 18 އަހަރު ވެފައިވާއިރު ރައްޔިތުން ބޮޑެތި ޝަކުވާތަކެއް ކުރަމުންދާކަން ފާހަގަކުރައްވާ މޭޔަރު އާތިފް ވިދާޅުވީ، ފައްޔާޒު ހުށަހަޅުއްވާފައިވާ ބޮޑު ބަދަލުގެ ތެރެއިން ގެނެވޭ އިސްލާހުތަކުގެ ސަބަބުން މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒު ކެނޑި މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިރުތުވެ ދިވެހިރާއްޖޭގެ ޑިމޮކްރަސީއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށެވެ.
މިނިވަން މުއައްސަސާތަކަށް ރައްޔިތުންގެ ޓެކްސް ފައިސާއިން ބޮޑު ހަރަދެއްކުރާއިރު ރައްޔިތުންގެ މަޖިލިސް ރައީސުލްޖުމްހޫރިއްޔާގެ ކޮންޓްރޯލް ދަށުގައި އޮންނަ އޮތުމަކީ މިއަދު ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރަސްކަލަކަށް ބަދަލުވާ ބަދަލުވުން ހުއްޓުވުމަކަށް ގެންނަންޖެހޭކަމަށެވެ. އަދި ބޮޑު ބަދަލުގެ ތެރެއިން ރާއްޖޭގެ ޑިމޮކްރަސީއަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.
”ރައްޔިތުންގެ މި ޝަކުވާތަކަށް ހައްލެއް ހޯދުމަށް އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާއެއް ހޮވީމައި ރަސްގެފާނަކަށް އެބަދަލުވާ ބަދަލުވުމަށް ހައްލެއް ލިބިގެންދާނެ. އެ އަލްޓިމޭޓް އޮތޯރިޓީ ކެނޑިގެންދާނެ. އޭގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެޓިކް ވެއްޓަށް ހެޔޮ ބަދަލެއް އައިސްގެންދާނެ،“ އާތިފް
އޭނާގެ ވާހަކަ ކުރިއަށް ގެންދަވަމުން އާތިފް ވަނީ ބޮޑު ބަދަލުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ ޑިމޮކްރަސީއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހަށް މެމްބަރުން ހޮވާގޮތްވެސް ތަފާތުވާނެކަމަށާއި އެގޮތުން މެމްބަރުން ހޮވާނީ ބޮޑު ވޯޓާސް ޕޮޕިއުލޭޝަނެއްގެ ތެރެއިންކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ސަބަބަކީ އެއްވެސް ބަޔަކަށް ނުފޫޒު ފޮރުވުމުގެ ޖާގަ ނުލިބި މަޖިލީހުގެ ގޮނޑި ގަތުމުގެ ފުރުސަތު ހަނިކުރުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ވިދާޅުވީ، މިވަގުތަކީ ރައްޔިތުން ވެރިކަމުގެ ނިޒާމަށް ހެޔޮ ބޮޑު ބަދަލެއް ބޭނުންވެފައިވާ ދަނޑިވަޅެއްކަމަށާއި އެހެންކަމުން ފައްޔާޒް އިސްމާއިލަކީ އެ ހެޔޮ ބޮޑު ބަދަލު ރާއްޖެއަށް ގެނެވޭނެ ބޭފުޅާކަމަށް އޭނާ ގަބޫލުކުރައްވާކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ފައްޔާޒް ރަސްމީކޮށް ފައްޓަވާފައިވާއިރު، ފައްޔާޒް މިއަދު ގެންދަވަނީ އައްޑޫ ސިޓީގައި ދޮރުން ދޮރަށް ޒިޔާރަތްކުރައްވައި އެ ސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތައް ގާތުން އަޑުއައްސަވަމުންނެވެ.

