އެމްޑީޕީން ދަސްކޮށް ދިން އަގުހުރި ފިލާވަޅަކީ، ނާކާމިޔާބީގައި ހިތްވަރުގަދަ ކުރުންކަމަށާއި ފެންނަން އޮތް ނަތީޖާއާއި އެކު ކުރިޔަށް ދިއުން ނޫން ގޮތެއް ނެތްކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވެއްޖެ އެވެ.
ދޮޅު މަސް ދުވަހުގެ ވާދަވެރި ކެމްޕެއިނަކަށް ފަހު އިއްޔެ ނެގި ވޯޓުގައި ތާރީހު ބަދަލުކޮށްލައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދެވީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އިންތިހާބުގެ ނަތީޖާއާއި މެދު ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ސުވާލު އުފައްދާއިރު، ދެން ކުރިޔަށް ނަންގަވާނެ ފިޔަވަޅާއި މެދު އަދި ގޮތެއް ނިންމާފައި ނުވެ އެވެ. އެމަނިކުފާނުގެ ކެމްޕެއިން ޓީމުން ތުހުމަތު ކުރާ ގޮތުގައި، ރައީސް ސޯލިހު ޕްރައިމެރީ ކާމިޔާބު ކުރައްވާފައި ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރައްވައި، ނަތީޖާ އޮޅުވާލައިގެންނެވެ. އެ ނޫން ގޮތަކަށް ސިޔާސީ ގޮތުން ރައީސް ނަޝީދު ބަލި ނުކުރެވޭނެކަމަށް އަރިސް މެމްބަރުން ވިދާޅުވެ އެވެ.
ރިޔާސީ އިންތިހާބަށް އިއުލާނު ކުރިމާއި ދެމެދު ދެން އޮތީ ފަސް މަސްކަމަށްވުމާއި އެކު، 2023 ކާމިޔާބު ކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ސޯލިހު ވަނީ، ރޭ ރައީސް ނަޝީދަށް ދައުވަތު ވެސް އަރުވާފަ އެވެ. އަދި މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށް ފާހަގަކުރެއްވި އެވެ.
އިންތިހާބުގެ ނަތީޖާއަށް ގިނަ ބަޔަކު ރައީސަށް މަރުހަބާ ދަންނަވަމުންދާއިރު، އެމަނިކުފާނުގެ ކޮއްކޮ ނިޔާޒް ވިދާޅުވީ އެމްޑީޕީން ދަސްވި އަގުހުރި ފިލާވަޅަކީ ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރުގަދަ ކުރުން ކަމަށެވެ. އެހެންކަމުން، ރައީސް ސޯލިހާއި އެކު ގުޅިގެން ކުރިޔަށް ދިއުމަށް ވާދަވެރި ޓީމަށް ދައުވަތު އަރުވާކަމަށް އޭނާ ވިދާޅުވި އެވެ.
ކާމިޔާބީގަ ހިތްތިރިކޮށް ނާކާމިޔާބީގަ ހިތްވަރުގަދަކުރުމަކީ އެމް.ޑީ.ޕީ އިން ދަސްވި އަގުހުރި ފިލާވަޅެކެވެ. މާޒީން އިބްރަތް ހާސިލްކޮށް ފެންނަން އޮތް ނަތީޖާއާއިއެކުކުރިއަށް ދިއުން ނޫން ޗޮއިސްއެއް ނެތެވެ.
މަރުހަބާ ރިޔާސީ ކެނޑިޑޭޓް ރައީސް އިބޫ، މަރުހަބާ އެމް.ޑީ.ޕީ!#MDPKuriah #Ibu2023 pic.twitter.com/rBvwYNTd8H— Ali Niyaz 🎈 (@ali_niya) January 29, 2023
ނިޔާޒް ވިދާޅުވި ގޮތުގައި، އެމްޑީޕީން ފިލާވަޅު ނަގަން ޖެހެނީ މާޒީންނެވެ. އެހެންކަމުން، އޭގެއިން ނިކުތް ނަތީޖާއަށް ބަލައި، ކުރިޔަށް ދިއުން ނޫން ގޮތެއް ނެތްކަމަށް ވިދާޅުވި އެވެ.
ސިޔާސީ ގޮތުން ވަރަށް ބޮޑެތި ހިޔާލުތަފާތުވުންތައް، ދެ ރައީސުންގެ ދެމެދު ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. ކެމްޕެއިނުގައި ޕާޓީގެ ދެ ވެރިކަން އަޅައި ކިއުމާއި އެކި ތުހުމަތުތައް ކުރުން އިތުރުވެ، ޖަލްސާތަކާއި ބައްދަލުވުންތަކުގައި ޒާތީ ގޮތުން ވެސް ވާހަކަތައް ދެކެވުނެވެ. ބޮޑު ތަނުން އިންތިހާބު ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން އޮތް ނަމަވެސް، ރައީސް ނަޝީދަށް ޕްރައިމެރީން ލިބިވަޑައިގަތީ 39 އިންސައްތަ އެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ރައީސް ނަޝީދަށް އިންތިހާބުގައި ލިބިވަޑައިގަތީ 15،682 ވޯޓެވެ. ރައީސް ސޯލިހު ވަނީ، 24،906 ވޯޓާއި އެކު އިންތިހާބުގެ 61 އިންސައްތަ ހޯއްދަވާފަ އެވެ.

