ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ ތުރުކީ އަދި ސީރިޔާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ރެޑް ކްރެސެންޓުން ހުޅުވާފައިވާ ފަންޑަށް 2.9 މިލިއަން ރުފިޔާ ލިބިފައިވާކަން އެ ޖަމިއްޔާއިން ހާމަކޮށްފިއެވެ.
ރެޑް ކްރެސެންޓުން ނެރިފައިވާ ބަޔާނެއްގައި ފާހަގަކޮށްފައިވާގޮތުން އެ ޖަމިއްޔާއިން ފަނޑަށް ހުޅުވާލާފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގައެވެ. އަދި މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް 2،990،618.91 ރުފިޔާ އެކި ފަރާތްތަކުން ޖަމާކޮށްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.
އެ ޖަމިއްޔާއިން ބުނެފައިވާގޮތުން، ލިބިފައިވާ ފައިސާތަކުގެ ސަބަބުން ރެޑް ކްރޮސް އަދި ރެޑްކްރެސެންޓުން ސީރިޔާ އަދި ތުރުކީގެ ރައްޔިތުންނަށް އެހީފޯރުކޮށްދިނުމުގައި މަގުފަހިވެގެންދާނެއެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަަންޑު ރެއިޒް ކުރުމަށް މަސައްކަތްކޮށްފައިވާކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނެފައިވާގޮތުން، ފައިސާ ބަލައިގަނެފައިވަނީ ޑިރެކްޓް ބެންކު ޓްރާންސްފާ މެދުވެރިކޮށެވެ. އަދި ކުޅުދުއްފުށީގައި ފަންޑު ފޮއްޓެއްވެސް ބެހެއްޓިކަމަށާއި، މާލޭގައިވެސް އެފަދަ ފޮއްޓެއް ބަހައްޓައި ހަރަކާތްތަކެއް ކުރިއަށް ގެންދިޔަކަމަށް ފާހަގަކޮށްފައިވެއެވެ.
ޖަމިއްޔާއިން ބުނެފައިވާގޮތުން، މިހާރުދަނީ ފައިސާތައް އިންޓާރނޭޝަނަލް ފެޑަރޭޝަން ފޮރ ރެޑް ކޮރޮސް އެންޑް ކެރެސެންޓު ސޮސައިޓީޒް އާއި ހަވާލު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމަ ކުރަމުންނެވެ.

